ކ. މާލެ
|
17 ޖޫން 2024 | ހޯމަ 22:57
ގްރޫޕް އޭ ސްޓްރެޕްޓޯކޯކަސް (ސްޓްރެޕްޓޯކޯކަސް ޕައިޖެނެސް) ބެކްޓީރިއާގެ އިލެކްޓްރޯން މައިކްރޯގްރާފެއް
ގްރޫޕް އޭ ސްޓްރެޕްޓޯކޯކަސް (ސްޓްރެޕްޓޯކޯކަސް ޕައިޖެނެސް) ބެކްޓީރިއާގެ އިލެކްޓްރޯން މައިކްރޯގްރާފެއް
ގެޓީ އިމޭޖަސް
ޖަޕާނުގައި ސްޓްރެޕްޓޯކޯކަސް ބެކްޓީރިއާ ފެތުރުން
ނުރައްކާތެރި ބެކްޓީރީއާ އެއްގެ ސަބަބުން ޖަޕާނުގައި ރެކޯޑް މިންވަރަކަށް މީހުން މަރުވަނީ
މި ބެކްޓީރިއާ ހަށިގަނޑަށް ވަންނަ ގޮތް ސާފުކޮށް ކޮށް ބުނަން ނޭގޭ
ފަރުވާ ދިނަސް ބަލި ޖެހޭ ކޮންމެ 10 މީހެއްގެ ތެރެއިން 3 މީހުން މަރުވޭ

ނުރައްކާތެރި ބެކްޓީރިއާ އެއްގެ ސަބަބުން ޖަޕާނުގައި ރެކޯޑް މިންވަރަކަށް މީހުން މަރުވަމުންދާ ކަމަށް އެ ގައުމުގެ ކަމާބެހޭ ރަސްމީ އިދާރާތަކުން ބުނެފިއެވެ.

މި ބެކްޓީރިއާގެ ސަބަބުން ސްޓްރެޕްޓޯކޯކަސް ޓޮކްސިކް ސިންޑްރޯމް (އެސްޓީއެސްއެސް) ބަލި ޖެހިފައިވާ މީހުންގެ އަދަދު މި އަހަރުގެ ޖޫން މަހުގެ 2 ވަނަ ދުވަހުގެ ނިޔަލަށް 977ށް އަރާފައިވާ ކަމަށް ޖަޕާންގެ ސިއްހަތާ ބެހޭ ވުޒާރާއިން ހާމަކޮށްފައިވެއެވެ. އެސްޓީއެސްއެސް ޖެހުމުން ފުރާނަ ގެއްލުމުގެ ފުރުސަތު 30 އިންސައްތަ އަށް މައްޗަށް ދާ ކަމަށް ޖަޕާން ގެ ސިއްހަތާ ބެހޭ ވުޒާރައިން ބުނުފެއިވެއެވެ.

މި އަހަރުގެ ޖެނުއަރީ އާ މާޗް މަހާ ދެމެދު ޖަޕާނުގައި މި ބަލި ޖެހިގެން މަރުވި މީހުންގެ އަދަދު 77ށް އަރައެވެ.

މި އަހަރުގެ މިހާތަނަށް ބަލި ޖެހުނު މީހުންގެ އަދަދު ހުސްވި އަހަރު މުޅި އަހަރުގެ ތެރޭގައި ބަލި ޖެހުނު މީހުންނަށް ވުރެ ވަނީ އިތުރު ވެފައެވެ.

ޖަޕާނުގެ ނޭޝަނަލް އިންސްޓިޓިއުޓް އޮފް އިންފެކްޝަސް ޑިޒީސަސް އިން އާއްމު ކޮށްފައިވާ ހިސާބުތަކަށް ބަލާއިރު ހުސްވި އަހަރު ބަލި ޖެހުނު މީހުންގެ އަދަދަކީ 941 އެވެ. އެސްޓީއެސްއެސް ގެ ސަބަބުން މަރުވި ކަމަށް ރެކޯޑް ކުރެވިފައިވަނީ ޖުމްލަ 97 އެވެ.

ތަޖުރިބާކާރުން ބުނާ ގޮތުގައި މި ބެކްޓީރިއާ އަކީ ހަށިގަނޑުގެ ތެރެއަށް ފެތުރި ޓީޝޫ ތައް ހަލާކު ކުރާ އެއްޗެއް ކަމަށެވެ. ބެކްޓީރިއާގެ ލޭގެ ތެރެއަށާއި ޓިޝޫތަކުގެ ތެރެއަށް ފެތުރުމުން ފުރަތަމަ ފެންނަ އަލާމާތްތަކުގެ ތެރޭގައި ހުން އައުމާއި، ގައިގައި ރިއްސުމާއި، ހޮޑުލެވުން ފަދަ ކަންކަން ހިމެނެއެވެ. ކުރުމުއްދަތެއްގެ ތެރޭގައި ލޭގެ ޕްރެޝަރ ދައްވުމާއި، ދުޅަ ވުމާއި، އެތެރެ ހަށީގެ އޯގަންތައް ފެއިލްވެ ބަލިމީހާގެ ފުރާނަ ގެއްލޭ ކަމަށް ތަޖުރިބާކާރުން ބުނެއެވެ.

އެމެރިކާގެ ސެންޓަރ ފޯ ޑިޒީސް ކޮންޓްރޯލް (ސީޑީސީ) އިން ބުނެފައިވަނީ ފަރުވާ ދިން ނަމަވެސް އެސްޓީއެސްއެސް އަކީ ފުރާނަ އަށް ނުރައްކާވާ ބައްޔެއް ކަމަށެވެ. ބަލި ޖެހޭ ކޮންމެ 10 މީހެއްގެ ތެރެއިން 3 މީހުން ބަލީގައި މަރުވާ ކަމަށް ސީޑީސީން މި ބައްޔާ ބެހޭ ގޮތުން އާއްމު ކޮށްފައިވާ މައުލޫމާތުގައި ވެއެވެ.

އެސްޓީއެސްއެސް އެންމެ އާއްމުކޮށް ޖެހެނީ ގްރޫޕް އޭ ސްޓްރެޕްޓޯކޯކަސް (ސްޓްރެޕް އޭ) ބެކްޓީރިއާ – ފްލެޝް އީޓީން ބެކްޓިރިއާގެ ސަބަބުން ކަމަށް ވެއެވެ. ކުޑަކުދިންނަށް ބަލި ޖެހުމުން ކަރުގައި ރިއްސުމާއި ހުން އައުން ކުރިމަތިވާ ކަމަށް ސިއްހީ މާހިރުން ބުނެއެވެ. މި ބާވަތުގެ ބެކްޓީރިއާގެ އަސަރު ނުރައްކާ މިންވަރަކަށް ހަށިގަނޑަށް ފޯރަނީ ހަށިގަނޑުގެ ތެރެއަށް ފެތުރި، ބެކްޓީރިއާ އިން އުފައްދާ ވިހައިގެ އެހީގައި ލޭގެ ތެރެއަށް ބެކްޓީރިއާ ވާސިލްވާ ހިސާބުންނެވެ. އެއާއެކު ބަލީގެ ނުރައްކާ ބޮޑުވެ ހަށިގަނޑަށް ވިހައިގެ ޝޮކް ޖެހޭ ކަމަށް ސީޑީސީން ބުނެފައިވެއެވެ.

ސްޓްރެޕް އޭ އަކީ ގުނަވަންތަކުގެ ޓިޝޫތައް ހަލާކު ކުރާ ބެކްޓީރިއާ އެއް ކަމަށްވުމާއެކު، ގުނަވަންތައް ހަށިގަނޑާ ވަކި ކުރަން ޖެހޭ ހާލަތައް ދާ ކަމަށްވެސް ސީޑީސީ އިން ބުނެފައިވެއެވެ. ސްޓްރެޕް އޭ ގެ ނުރައްކާ ބޮޑުވަނީ ހަކުރު ބަލި ކެންސަރު ފަދަ ބަލިތަކުގެ ސަބަބުން ދިފާއީ ނިޒާމު ބަލިކަށި މީހުންނަށެވެ.

2022 ވަނަ އަހަރުގެ ޑިސެމްބަރު މަހު ޔޫރަޕްގެ 5 ގައުމަކުން އެ ގައުމުތަކުގައި މި ބަލީގެ މީހުން އިތުރުވެފައިވާކަން ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާ އަށް ރިޕޯޓް ކޮށްފައި ވެއެވެ. އަދި ބަލީގެ އަސަރު އެންމެ ބޮޑަށް ކޮށްފައިވަނީ ކުޑަކުދިންނަށް ކަމަށްވެސް ބުނެފައިވެއެވެ.

މި އަހަރުގެ މާޗު މަހު ޖަޕާނުގެ ނޭޝަނަލް އިންސްޓިޓިއުޓް އޮފް އިންފެކްޝަސް ޑިޒީސް އިން ވަނީ ޖުލައި 2023 ގެ ފަހުން އާދަޔާ ޚިލާފަށް އެސްޓީއެސްއެސް ކޭސްތައް ޖަޕާނުގައި އިތުރުވެފައިވާ ކަމަށް ބުނެ އިންޒާރު ކޮށްފައެވެ. ބަލި ޖެހޭ ގިނަ މީހުންނަކީ އުމުރުން 50 އަހަރުން ދަށުގެ މީހުން ކަމަށްވެސް މި އިންޒާރުގައި ބުނެފައިވެއެވެ.

އެމެރިކާގެ ސީޑީސީ އިން ބުނާ ގޮތުގައި އުމުރުން ދުވަސްވީ މީހުންގެ ތެރެއިން ހާމަޔަށް ހަށިގަނޑުގައި ފާރު ހުންނަ މީހުންނަށް އެސްޓީއެސްއެސް ޖެހުމުގެ ފުރުސަތު ބޮޑެވެ.

އެހެން ނަމަވެސް އަދި މިހާތަނަށް މި ބެކްޓީރިއާ ހަށިގަނޑަށް ވަންނަ ގޮތް ސާފުކޮށް ކޮށް ބުނަން ނޭގޭ ކަމަށް ސީޑީސީގެ ރަސްމީ ވެބްސައިޓްގައި ބުނެފައިވެއެވެ.

ޖަޕާނުގައި ބަލި ޖެހޭ މީހުންގެ އަދަދު މި އަހަރު މައްޗަށް ދިޔަ ނަމަވެސް ބަލި އިތުރުވީ ސަބަބު ކަނޑައެޅިގެން ތަޖުރިބާކާރުންނަށް އަދި ދެނެގަނެވިފައި ނުވާ ކަމަށް ޖަޕާންގެ ޕަބްލިކް ބްރޮޑްކާސްޓަރ އެންއެޗްކޭ އިން ބުނެފައިވެއެވެ.

ސިއްހީ ތަޖުރިބާކާރަކު އެންއެޗްކޭ އަށް ދިން އިންޓަވިއު އެއްގައި ބުނެފައިވަނީ ކޮވިޑްގެ ފަހުން އިންސާނުންގެ ހަށިގަނޑުގެ ދިފާއީ ނިޒާމު ބަލިކަށިވުން އެއީ ބަލި އިތުރުވުމުގެ ސަބަބަކަށް ވެދާނެ ކަމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާ ކުރިން
ރިވިއު ކުރީ: ނާޒުމީ ސައީދު
- ކޮމެންޓް