ކ. މާލެ
|
17 ޖޫން 2024 | ހޯމަ 19:09
މާރާމާރީއާއި ގުޅިގެން ހައްޔަރުކުރި 4 މީހުން ވަނީ ތަހުގީގު ނިމެންދެން ބަންދުކޮށްފައި
މާރާމާރީއާއި ގުޅިގެން ހައްޔަރުކުރި 4 މީހުން ވަނީ ތަހުގީގު ނިމެންދެން ބަންދުކޮށްފައި
ރާއްޖެއެމްވީ
މާރާމާރީގެ މައްސަލަ
އީދު ދުވަހުގެ މާރާމާރީއާއި ގުޅިގެން ހައްޔަރުކުރީ 19 އަހަރާއި 25 އަހަރާއި ދެމެދުގެ 4 ޒުވާނުން
4 މީހުން ތަހުގީގު މަރުހަލާ ނިމެންދެން ވަނީ ބަންދުކޮށްފައި
ހައްޔަރުކޮށްފައިވަނީ ފ. ދަރަނބޫދޫއަށް ނިސްބަތްވާ 19 އަހަރުގެ ޒުވާނަކާއި، މާލެ ސިޓީއަށް ނިސްބަތްވާ 20، 21 އަދި 25 އަހަރުގެ ޒުވާނުން
މި މައްސަލައިގައި ހައްޔަރުކުރެވުނު 4 މީހުންނަކީ ވެސް ބަންދު ލޮގް އޮތް ފަރާތްތަކެއް

ހޮނިހިރު ދުވަހުގެ ރޭ މާލެ ސަރަހައްދުގައި ހިނގި މާރާމާރީ އާއި ގުޅިގެން ހައްޔަރު ކޮށް ބަންދުކޮށްފައިވަނީ 19 އަހަރާއި 25 އަހަރާއި ދެމެދުގެ 4 ޒުވާނުންނެވެ.

ފުލުހުން ބުނީ ހޮނިހިރު ދުވަހުގެ ރޭ މަލޭގެ ދަރުބާރުގޭ ސަރަހައްދުގައި މާރާމާރީ ހިންގި މައްސަލަ އަކާއި ގުޅިގެން ދިވެހި ހަތަރު ފިރިހެނުން ހައްޔަރުކޮށްފައިވާ ކަމަށެވެ.

އެ މީހުން ތަހުގީގު ނިމެންދެން ބަންދުގައި ބައިތިއްބަން ކޯޓުން ނިންމީ އެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް އާދިއްތަދުވަހު ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުންނެވެ. ފުލުހުން ދަނީ އެ މައްސަލަ ތަހުގީގުކުރަމުންނެވެ.

ކްރިމިނަލް ކޯޓުން މި 4 މީހުން ބަންދުކުރުމަށް ނެރުނު އަމުރުގައި ބުނެފައިވަނީ މާރާމާރީއާއި ގުޅިގެން ހައްޔަރުކޮށްފައިވަނީ ފ. ދަރަނބޫދޫއަށް ނިސްބަތްވާ 19 އަހަރުގެ ޒުވާނަކާއި، މާލެ ސިޓީއަށް ނިސްބަތްވާ 20 އަހަރުގެ ޒުވާނަކާއި، 21 އަހަރުގެ ޒުވާނެއްގެ އިތުރުން 25 އަހަރުގެ ޒުވާނެކެވެ.

މި މީހުންގެ މައްޗަށް އުފުލާފައިވަނީ ޖަމާއަތް ހަދައިގެން ތޫނު ހަތިޔާރު އަދި ނުރައްކާތެރި ހަތިޔާރު ބޭނުންކޮށްގެން މާރާމާރީ ހިންގުމުގެ ދައުވާއެވެ. ތަހުގީގު މަރުހަލާ ނިމެންދެން ބަންދުކުރަން އަމުރުކޮށްފައިވަނީ ކަސްޓޯޑިއަލް ޖަލެއްގައެވެ.

މި 4 މީހުންގެ މައްޗަށް ތުހުމަތުކޮށްފައިވާ ކުށް މި 4 މީހުން ކުރިކަމަށް ތުހުމަތުކުރެވޭ ކޮންމެވެސް މިންވަރެއްގެ ހެކި ގަރީނާ ވަނީ ހުށަހަޅާފައެވެ. އެގޮތުން ފުލުހުން ހުށަހަޅާފައިވާ ހާދިސާ ރިޕޯޓުގައި ހުރި ތަފްސީލުތަކާއި، ސީސީޓީވީ ފުޓޭޖް އާއި، ސީސީޓީވީ ފުޓޭޖްގެ ސްނެޕްޝޮޕްޓަކާއި، ސީންގެ ފޮޓޯތަކާއި، އަނިޔާ ލިބުނު ފަރާތުގެ ފޮޓޯތައް ހިމެނެއެވެ.

ބަންދުކުރަން އަމުރުކުރި ހާލަތުގެ ގޮތުގައި ބުނެފައިވަނީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނު އަސާސީގެ49 ވަނަ މާއްދާއާއި، ގާނޫނު ނަންބަރު 17/2010 (ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެއްހި ގެންގުޅުން މަނާކުރުމުގެ ގާނޫނު) ގެ 16 ވަނަ މާއްދާގެ (ހ) އަށް ރިއާޔަތްކޮށް، ބަންދުން ދޫކޮށްލައިފިނަމަ މުޖްތަމައުގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތިވެދާނެކަމަށް ފެންނާތީއެވެ.

އަދި ބަންދުގައި ބަހައްޓަންޖެހޭ ހާލަތް އޮތްކަމަށް ދެކޭ ސަބަބުގެ ގޮތުގައި ބުނެފައިވަނީ ގާނޫނު ނަންބަރު 17/2010 (ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެއްހި ގެންގުޅުން މަނާކުރުމުގެ ގާނޫނު) ގެ 16 ވަނަ މާއްދާގެ (ށ) ގެ (2) ވަނަ ނަންބަރާއި، އެ މާއްދާގެ (4) ވަނަ ނަންބަރަށް ރިއާޔަތްކޯށް، އަދި ޝަރީއަތްކުރުމާއި ބެހޭ ޖިނާއީ އިޖްރާއަތުގެ ގަވާއިދުގެ 1 ވަނަ މާއްދާގެ (ނ) ގެ (1) ވަނ ނަންބަރާއި (3) ވަނަ ނަންބަރުގައި ހުރި ކަންކަން ފުރިހަމަވާކަމަށް ބެލެވޭތީ، ބަންދުގައި ބެހެއްޓުމަށް ނިންމާފައިވެއެވެ.

މީގެ އިތުރުން މި 4 މީހުން ހައްޔަރުކޮށްފައިވަނީ ޖިނާއީ އިޖުރާއަތުގެ ގާނޫނުގައި ކަނޑައަޅާފައިވާ އިޖުރާއަތުތަކާއި އެއްގޮތަށް ކަމަށް ވަނީ ކަނޑައަޅާފައެވެ. އަދި ހައްޔަރާއި ގުޅޭގޮތުން ތުހުމަތުކުރެވޭ ފަރާތުން ސުވާލު އުފައްދާފައި ނުވެއެވެ.

ކްރިމިނަލް ކޯޓުގެ އަމުރުގައި ބުނެފައިވަނީ މި މައްސަލައިގައި ގޮތް ނިންމުމުގައި ގާނޫނު ނަންބަރު 17/2010 (ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެއްހި ގެންގުޅުން މަނާކުރުމުގެ ގާނޫނު) ގެ 16 ވަނަ މާއްދާގައި އެ ގާނޫނުގެ 5 ވަނަ މާއްދާއިން 9 ވަނަ މާއްދާއާއި ހަމައަށް ބަޔާންކުރާ ކުށްތަކުގެ ތުހުމަތުކުރެވޭ މީހުންގެ ބަންދާމެދު ގޮތެއް ނިންމާއިރު ފަނޑިޔާރު ރިއާޔަތްކުރަންޖެހޭ ކަންކަން ބަޔާންކޮށްފައިވާ ކަމަށެވެ. އަދި މި މައްސަލައިގައި ތުހުމަތުކުރަނީ އެފަދަ ތުހުމަތުތަކަކަށް ކަން ފާހަގަކުރެވޭ ކަމަށާއި، މީގެ އިތުރުން މި މައްސަލައިގައި ގޮތެއް ނިންމުމުގައި، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ 2023 ވަނަ އަހަރުގެ 3 ގަޒިއްޔާއެއްގައި ކަނޑައަޅާފައިވާ އުސޫލުތަކަށް ވަނީ ރިއާޔަތްކޮށްފައެވެ.

މި މައްސަލައިގައި ހައްޔަރުކުރެވުނު 4 މީހުންނަކީ ވެސް ބަންދު ލޮގް އޮތް ފަރާތްތަކެކެވެ.

- ކޮމެންޓް