ކ. މާލެ
|
17 ޖޫން 2024 | ހޯމަ 15:43
އިޒްރޭލްގެ ހަމަލާތަކުގެ ސަބަބުން ހާލުގައިޖެހިފައި ތިބި ފަލަސްތީނުގެ ރައްޔިތުންތަކެއް
އިޒްރޭލްގެ ހަމަލާތަކުގެ ސަބަބުން ހާލުގައިޖެހިފައި ތިބި ފަލަސްތީނުގެ ރައްޔިތުންތަކެއް
ރޮއިޓާސް
ފަލަސްތީން އިސްރާއީލް ހަނގުރާމަ
ފަލަސްތީނު ދައުލަތެއްގެ ގޮތުގައި ބަލައިގަންނަ ގައުމުތަކަށް އިޒްރޭލުން ދަތިކުރުމުގެ ފިޔަވަޅު އަޅަނީ
އިޒްރޭލުން އިންޒާރު ދީފައިވާ ގޮތުގައި، ހިޒްބުﷲ އިން ހަމަލާތައް ހުއްޓާ ނުލައިފިނަމަ އިޒްރޭލުން ދޭ ހަމަލާތައް ފުޅާ ކުރަން ޖެހުމަކީ އެކަށީގެންވާ ކަމެއް
ދަތި ކުރަން އިޒްރޭލުން ނިންމި ކަމަށް ބުނެފައިވަނީ ފަލަސްތީނު ދައުލަތެއްގެ ގޮތުގައި ބަލައިގަންނަ ގައުމުތައް އިތުރުވަމުން އަންނާތީ އެކަމާ ރުޅިވެރިކަން ފާޅު ކުރުމުގެ ގޮތުން ކަމަށް

ފަލަސްތީނަކީ މިނިވަން ދައުލަތެއްގެ ގޮތުގައި ބަލައިގަންނަ ގައުމުތަކަށް ދަތި ކުރަން އިޒްރޭލުން ނިންމައިފިއެވެ.

އިޒްރޭލު ސަރުކާރުން ފަލަސްތީނުގެ ދައުލަތް ބަލައިގަންނަ ގައުމުތަކަށް ދަތި ކުރުމުގެ ފިޔަވަޅު އަޅަން ނިންމީ، ގާޒާގައި އިޒްރޭލުން ހިންގަމުންދާ އަނިޔާވެރި ހަނގުރާމަ އާ ދެކޮޅު ހަދަމުންދާ ގައުމުތައް ދުވަހެއް ދުވަހަށް އިތުރުވަމުން ދިއުމުގެ އިތުރުން، ފަލަސްތީނު ދައުލަތެއްގެ ގޮތުގައި ބަލައިގަންނަ ގައުމުތައް އިތުރުވަމުން އަންނާތީ އެކަމާ އިޒްރޭލުން ރުޅިވެރިކަން ފާޅު ކުރުމުގެ ގޮތުން ކަމަށް ވެއެވެ.

އަނެއްކޮޅުން ގާޒާއަށް އިޒްރޭލު ސިފައިން ދެމުންދާ ހަމަލާތަކުގައި ފާއިތުވި 24 ގަޑީއިރުގެ ތެރޭގައި ގާޒާގެ ދެކުނުގެ ސަރަހައްދުތަކުންނާއި މެދުތެރޭ ސަރަހައްދުތަކުން ފަލަސްތީނުގެ އެތައް ބަޔަކު ވަނީ މަރުވެފައެވެ. މީގެ ތެރޭގައި 5 ކުޑަކުދިން ހިމެނޭ ކަމަށް އަލްޖަޒީރާ އިން ބުނެފައިވެއެވެ.

ގާޒާގެ އަށް ދެމުންދާ ހަމަލާތަކަށް 8 މަސް ދުވަހަށް ވުރެ ގިނަ ދުވަސް ވެފައިވާ އިރު، ހަނގުރާމައިގައި ބައިވެރިވުމަށް އިތުރުން އިޒްރޭލު ސިފައިން ބޭނުންވާ ކަމަށް އިޒްރޭލުގެ އަސްކަރިއްޔާ އިން ވަނީ ބުނެފައެވެ. ސިފައިން އިތުރު ކުރުމަށް ރިޓަޔަމަންޓް އުމުރުގެ މީހުން ހިމެނޭ ރިޒާވް ލަޝްކަރެއް އުފެއްދުމަށް އިޒްރޭލުން މަސައްކަތް ކުރާ ކަމަށް ޚަބަރުތައް ބުނެއެވެ.

ގާޒާގެ މަސްރަހަށް ފިނިކަމެއް ލިބިދާނެ ކަމުގެ އެއްވެސް ނިޝާނެއް ފެންނަމުން ނުދާއިރު، ލުބްނާނުގެ ހިޒްބުﷲ ޖަމާއަތާއި އިޒްރޭލް ސިފައިންނާ ބަދަލު ކުރަމުންދާ ހަމަލާތައް ދަނީ ދުވަހަކަށް ވުރެ ދުވަހެއް ހޫނު ވަމުންނެވެ. އިޒްރޭލުން އިންޒާރު ދީފައިވާ ގޮތުގައި، ހިޒްބުﷲ އިން ހަމަލާތައް ހުއްޓާ ނުލައިފިނަމަ އިޒްރޭލުން ދޭ ހަމަލާތައް ފުޅާ ކުރަން ޖެހުމަކީ އެކަށީގެންވާ ކަމެކެވެ.

ހުސްވި އަހަރުގެ އޮކްޓޯބަރު މަހުގެ 7 ވަނަ ދުވަހުން ފެށިގެން އިޒްރޭލުން ފަލަސްތީނަށް ދެމުންދާ ހަމަލާތަކުގައި މިހާތަނަށް 37،337 މީހުން ފަލަސްތީނުން މަރުވެފައިވެއެވެ. އަދި 85،299 މީހުން ޒަޚަމްވެފައިވެއެވެ. ހަމާސް އިން މި މުއްދަތުގެ ތެރޭގައި އިޒްރޭލަށް ދިން ހަމަލާ ތަކުން މަރުވި މީހުންގެ އަދަދަކީ 1،139 އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ނާޒުމީ ސައީދު
- ކޮމެންޓް