ކ. މާލެ
|
15 ޖޫން 2024 | ހޮނިހިރު 19:59
މެޗުގައި ލަނޑު ޖެހުމަށްފަހު ސްވިޒަލެންޑްގެ ޑުއާ އުފާ ފާޅު ކުރަނީ
މެޗުގައި ލަނޑު ޖެހުމަށްފަހު ސްވިޒަލެންޑްގެ ޑުއާ އުފާ ފާޅު ކުރަނީ
ރޮއިޓާސް
ޔޫރޯ 2024
ހަންގޭރީ ބަލިކޮށް، ސްވިޒަލެންޑަށް ރަނގަޅު ފެށުމެއް
މޮޅާއެކު ސްވިޒަލެންޑް އޮތީ ގްރޫޕް އޭގެ ދެ ވަނައިގައި

ޖަރުމަނުގައި މިހާރު ކުރިއަށްދާ ޔޫރޯ ފުޓުބޯޅަ މުބާރާތުގެ ގްރޫޕް އޭ ގައި ހަންގޭރީއާ ދެކޮޅަށް ކުޅުނު މެޗުން މޮޅުވެ، ސްވިޒަލެންޑުން މުބާރާތުގެ ފެށުން ރަނގަޅުކޮށްފި އެވެ.

ޖަރުމަނުގެ ކޮލޯން ސްޓޭޑިއަމް ގައި ހޮނިހިރު ދުވަހުގެ ހަވީރު ކުޅުނު މެޗު ސްވިޒަލެންޑުން ކާމިޔާބު ކުރީ 3-1 އިންނެވެ.

މެޗު ފަށައިގެން ފުރަތަމަ ހާފުގެ 12 ވަނަ މިނެޓުގައި ސްވިޒަލެންޑުން ވަނީ ލަނޑު ޖަހައި ލީޑު ނަގައިފަ އެވެ. އެ ޓީމަށް ލީޑު ނަގައިދިނީ ވަޑްވޫ ޑުއާ އެވެ. އޭނާ އެ ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދިނީ މިކޭލް އެއިބިޝާ އެވެ. ފުރަތަމަ ހާފުގެ ފުރިހަމަ ވަގުތު ހަމަވާން ތިން މިނެޓަށް ވެފައި ވަނިކޮށް ސްވިޒަލެންޑުން ވަނީ ދެ ލަނޑެއް ޖަހައިފަ އެވެ. ރެމޯ ފްރުއެލާ ތަނަވަސްކޮށްދިން ފުރުސަތެއްގައި އެ ލަނޑު ޖެހީ އެއިބިޝާ އެވެ.

މެޗުގެ ދެ ވަނަ ހާފު ފަށައިގެން ކުރީ ކޮޅު ހަންގޭރީ އިން ވަނީ ލަނޑެއް ޖަހައި ފަރަގު ކުޑަކޮށްފަ އެވެ. މެޗުގެ 66 ވަނަ މިނެޓުގައި އެ ޓީމަށް ލަނޑު ޖަހައިދިނީ ބާނަބަސް ވާގާ އެވެ. އޭނާ އެ ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދިނީ ޑޮމިނިކް ސޮބޯސްލާއި އެވެ. އޭގެ ފަހުން ހަންގޭރީ އިން ވަނީ މެޗުގެ ނަތީޖާ ހަމަހަމަ ކުރުމަށް ވަރަށް ބޮޑަށް މަސައްކަތް ކޮށްފަ އެވެ. ނަމަވެސް މެޗުގެ ފުރިހަމަ ވަގުތު ހަމަވެ އިތުރަށް ދެއްކި ވަގުތުގައި ބްރީލް އެމްބޮލޯ ވަނީ ސްވިޒަލެންޑުގެ ތިން ވަނަ ލަނޑު ޖަހައިފަ އެވެ.

މޮޅާއެކު ސްވިޒަލެންޑް އޮތީ ގްރޫޕް އޭގެ ދެ ވަނައިގަ އެވެ. މި ގްރޫޕްގެ ކޮންމެ ޓީމަކުން ވެސް އެއް މެޗު ކުޅެފައިވާއިރު، އެއް ވަނައިގައި އޮތީ މުބާރާތް ބާއްވާ ޤައުމު ޖަރުމަނު އެވެ. އެ ޓީމު އެއް ވަނައިގައި އޮތީ ސްވިޒަލެންޑާ ޕޮއިންޓުގެ ގޮތުން އެއްވަރުވެ، ފައިދާ ލަނޑުންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ނާޒުމީ ސައީދު
- ކޮމެންޓް