ކ. މާލެ
|
15 ޖޫން 2024 | ހޮނިހިރު 19:37
ޢީދުގައި ކުލަ ޖަހަނީ - ފެނާއި ކުލަ ޖެހުން މަނާކުރީ އާއްމުން އެގޮތަށް ބޭނުންވާތީ
ޢީދުގައި ކުލަ ޖަހަނީ - ފެނާއި ކުލަ ޖެހުން މަނާކުރީ އާއްމުން އެގޮތަށް ބޭނުންވާތީ
މިހާރު
އީދު ފާހަގަކުރުން
މި ޢީދުގައި އައްޑޫގައި ކުލަ ޖެހޭނީ ވަކި ސަރަހައްދުތަކެއްގައި، އާއްމުންނަށް އުނދަނގޫ ވާގޮތަށް އެކަމެއް ނުކުރެވޭނެ!
އެފަދަ ހަރަކާތްތަކަށް ބައެއް ސަރަހައްދުތައް ޚާއްސަކޮށްފައިވޭ
އާއްމުންނަށް އުނދަނގޫވާގޮތަށް ފެނާއި ކުލަ ޖެހުން މަނާކުރީ އާއްމުން ވެސް އެގޮތަށް އެދޭތީ

މި ޢީދުގައި އައްޑޫގައި ކުލަ ޖެހޭނީ ވަކި ސަރަހައްދުތަކެއްގައި ކަމަށާއި އާންމުންނަށް އުނދަގޫވާނެހެން އައްޑޫ ސިޓީގައި ފެނާއި ކުލަ ނުޖެހޭނެ ކަމަށް އައްޑޫ ސިޓީ ކައުންސިލުން ބުނެފިއެވެ.

އައްޑޫގެ މޭޔަރ އަލީ ނިޒާރު ވިދާޅުވީ ޢީދު ދުވަހު އާއްމުންނަށް އުނދަނގޫވެ އަނިޔާވާ ގޮތަށް ކުލަ ޖެހުމުގެ މައްސަލަތައް ކުރިން ވެސް ދިމާވެފައިވާ ކަމަށެވެ. އެއީ އާޢްމުން ވެސް އެހާ ބޮޑަށް ރުހޭ ކަމެއް ނޫން ކަމަށާއި އާއްމުންނަށް އުނދަނގޫވާގޮތަށް ފެނާއި ކުލަ ޖެހުން މަނާކުރީ އެ ސަބަބާއި ހުރެ ކަމަށް ނިޒާރު ވިދާޅުވިއެވެ. އެހެންނަމަވެސް ކުލަ ޖަހާ، ފެން ޖެހުން ފަދަ ކަންކަން ކުރަން ބޭނުންވާ ނަމަ ކައުންސިލަށް އެކަން އެންގުމުން އެ ހަރަކާތްތައް ކުރިއަށް ގެންދެވޭނެ ތަންތަން ކައުންސިލުން ބުނެދޭނެ ކަމަށް ނިޒާރު ވަނީ ވިދާޅުވެފައެވެ. އެފަދަ ހަރަކާތްތަކަށް ބައެއް ސަރަހައްދުތައް ޚާއްސަކޮށްފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. ނިޒާރު ވަނީ ފެން ޖެހުމާއި ކުލަ ޖެހުން މުޅިން މަނާކުރީ ނޫން ކަމަށާއި އެކަން ވަކި އުސޫލެއްގެ ދަށުން ކުރެވޭނެ އިންތިޒާމްތައް ހަމަޖައްސާފައިވާ ކަމަށް ވިދާޅުވެފައެވެ.

އެއްވެސް ގޮތަކަށް އެކަން ނުކުރެވެނީކީ ނޫން. ފެން ކުލަ ޖަހަން ބޭނުންވާ މީހުން އަޅުގަނޑުމެންނަށް ގުޅާފަ ބުނަންވީ، އަޅުގަނޑުމެން ބުނާނަން އެކަން ކުރެވޭނެ ސަރަހައްދުތަކެއް، ތަންތަން. ހުޅުދޫގައި ވެސް ބޮޑު ހަރަކާތެއް ވެސް އެބަ އޮތް ކުލަ ޖަހަން. އެކަމަކު އާއްމުން އެހާ ރުހޭ ކަމެއް ނޫން އިމެއް ނެތި ފެން ޖެހުމާއި ކުލަ ޖެހުމަކީ. މީހަކު ހަވީރު ރީތިވެގެން ދަނިކޮށް ވެސް ފެން ޖަހާފާނެ. އެހެންވީމަ އެގޮތަށް އެހެން މީހުންނަށް އުނދަނގޫވާގޮތަށް އެކަން ކުރެވެން ބޭނުން ނުވަނީ.
އައްޑޫގެ މޭޔަރ އަލީ ނިޒާރު

އައްޑޫ ސިޓީ ކައުންސިލުން ވަނީ އެކަމާއި ގުޅިގެން ބަޔާނެއްވެސް ނެރެފައެވެ. އަދި އެފަދަ އަމަލުތައް ހިންގާ މީހުންނާ ދޭތެރޭ ގާނޫނާއި ގަވާއިދާ އެއްގޮތްވާ ގޮތުގެ މަތިން ފިޔަވަޅު އަޅާނެ ކަމަށް އެ ކައުންސިލުން ވަނީ ބުނެފައެވެ. އައްޑޫގައި ވެސް ޢީދު ބަންދާއި ދިމާކޮށް ގިނަ ހަރަކާތްތަކެއް ބާއްވަން ވަނީ ހަމަޖެހިފައެވެ. އެގޮތުން ޢީދު ސަޔާއި، ޢީދު ޕެރޭޑް އަދި ޢީދު ޝޯ ފަދަ ހަރަކާތްތައް ވަނީ ރާވާފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ނާޒުމީ ސައީދު
ކޮމެންޓް