ކ. މާލެ
|
15 ޖޫން 2024 | ހޮނިހިރު 12:03
ސްޕެއިންގެ ކޯޗު ލުއިސް ޑެ ލާ ފުއެންޓޭ
ސްޕެއިންގެ ކޯޗު ލުއިސް ޑެ ލާ ފުއެންޓޭ
ރޮއިޓާސް
ޔޫރޯ 2024
ޒުވާން ކުޅުންތެރިންނާއެކު ފުއެންޓޭ ހުރީ އުންމީދުގައި!
 
ޚާއްސަކޮސް ލަމީން ޔަމާލް އާއި ނިކޯ ވިލިއަމްސްމެން ފަދަ ކުޅުންތެރިންނަކީ، ޤުދުރަތީ ގޮތުންް އެތައް ހުނަރެއް ލިބިގެންވާ ކުޅުންތެރިން ކަމަށް އޭނާ ބުނި

ޔޫރޯ ފުޓުބޯޅަ މުބާރާތުގެ ފުރަތަމަ މެޗަށް ނިކުންނައިރު، ސްޕެއިން ޤައުމީ ޓީމުގައި ތިބި ޒުވާން ކުޅުންތެރިންނާއެކު އުންމީދުގައި ހުރި ކަމަށް އެ ޓީމުގެ ކޯޗު ލުއިސް ޑެ ލާ ފުއެންޓޭ ބުނެފި އެވެ.

މުބާރާތުގެ ގްރޫޕް ސްޓޭޖުގެ ފުރަތަމަ މެޗުގައި ހޮނިހިރު ދުވަހުގެ ރޭ ސްޕެއިން ނިކުންނާނީ ކްރޮއޭޝިއާއާ ދެކޮޅަށެވެ. މިއަހަރުގެ ޔޫރޯގައި އެންމެ ވަރުގަދަ އެއް ގްރޫޕަކަށް ސްޕެއިން ވެފައިވާއިރު، ފުރަތަމަ މެޗުން މޮޅުުވުމަކީ ދެ ޓީމަށް ވެސް ނުހަނު މުހިންމު ކަމަކަށް ވާނެ އެވެ.

ފުރަތަމަ މެޗުގެ ކުރިން އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަމުން ފުއެންޓޭ ބުނީ، ސްޕެއިންގައި ތިބި ގިނަ ކުޅުންތެރިންނަކީ ޒުވާން ކުޅުންތެރިން ކަމަށެވެ. ޚާއްސަކޮސް ލަމީން ޔަމާލް އާއި ނިކޯ ވިލިއަމްސްމެން ފަދަ ކުޅުންތެރިންނަކީ، ޤުދުރަތީ ގޮތުންް އެތައް ހުނަރެއް ލިބިގެންވާ ކުޅުންތެރިން ކަމަށް އޭނާ ބުންޏެވެ.

ޚާއްސަކޮށް ޔަމާލް އަށް ބަލާއިރު، އޭނާ އަކީ އޭނާ އަށް ޚާއްސަ ހުނަރުތަކެއް ލިބިގެންވާ ކުޅުންތެރިޔެއް ކަމަށް ވެސް ފުއެންޓޭ ވަނީ ބުނެފަ އެވެ. އެ ކުޅުންތެރިންނަކީ ޤުދުރަތުން ލިބުނު ހުނަރުތަކެއް ހުރި ކުޅުންތެރިން ކަމަށާއި، އެއީ މަދު ކުޅުންތެރިޔަކަށް ލިބޭނެ ނަސީބެއް ކަމަށް ވެސް ފުއެންޓޭ ބުންޏެވެ.

މީގެ އިތުރުން ފުއެންޓޭ ބުނީ، ފުރަތަމަ މެޗާ ކުރިމަތިލާއިރު ސްޕެއިން ޓީމު އޮތީ ފުރިހަމަ އަށް ތައްޔާރަށް ކަމަށެވެ. ޚާއްސަކޮށް ޔޫރޯ އަށް ތައްޔާރުވުމުގެ ގޮތުން ކުޅުނު ރަޙުމަތްތެރިކަމުގެ މެޗުތަކާއި، މުބާރާތުގެ ފުރަތަަމަ މެޗުގެ ކުރިން ކުރިއަށް ގެންދިޔަ ފަރިތަކުރުންތަކަށް ބަލާއިރު، ސްޕެއިން އޮތީ ރަނގަޅު ރޫޙެއްގައި ކަމަށް ވެސް އޭނާ ވަނީ ބުނެފަ އެވެ.

ކްރޮއޭޝިއާއާ ދެކޮޅަށް ކުޅޭ މެޗުގައި ޑިފެންޑަރު އައިމެރިކް ލަޕޯޓް އަށް ނުކުޅެވޭނެ ކަން ވެސް ފުއެންޓޭ ވަނީ ހާމަކޮށްފަ އެވެ. އޭނާ ނެތް ނަމަވެސް، ސްޕެއިން އިން މަސައްކަތް ކުރާނީ ކުރިމަތީގައި އޮތް ޙާލަތަށް ފިޓުވެގެން ފުރަތަމަ މެޗުގައި ކުޅުން ކަމަށް ވެސް އޭނާ ބުންޏެވެ. އެހެންކަމުން، ދިމާވާ އުނދަގޫތައް ފޫބެއްދޭނެ ކަމުގެ އުންމީދު އޮތް ކަމަށް ފުއެންޓޭ ވަނީ ބުނެފަ އެވެ.

ގްރޫޕް ބީގައި ސްޕެއިން އިން ކްރޮއޭޝިއާއާ ދެކޮޅަށް ކުޅޭ މެޗު އޮންނާނީ ހޮނިހިރު ދުވަހުގެ ރޭ 21:00 ގައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: ނާޒުމީ ސައީދު
0%
0%
0%
0%
0%
0%
ކޮމެންޓް