މެލޭޝިއާއިން ލަކުޑި ބަރުކޮށްގެން ދަތުރު ކުރަމުން ދިޔަ ބޯޓަކަށް ޔަމަނުގެ ހޫތީން ދިން މިސައިލް ހަމަލާއެއްގައި ބޯޓުގައި ރޯވެ، ފަޅުވެރިއަކަށް ސީރިއަސް އަނިޔާވެއްޖެ ކަމަށް ޔޫއެސް ސެންޓްރަލް ކޮމާންޑް (ސެންޓްކޮމް) އިން ބުނެފިއެވެ.
ހަމަލާ އެރީ ޕަލާއޯ ދިދައިގައި ދަތުރު ކުރާ ޕޮލެންޑުގެ ކުންފުންޏަކުން އޮޕަރޭޓް ކުރާ، ޔޫކްރެއިންގެ އެމްވީ ވާރބީނާ ނަމަކަށް ކިޔާ ބޯޓަށް ކަމަށް ސެންޓްކޮމް އިން ބުނެފައިވެއެވެ.
ޙާދިސާ އާ ގުޅިގެން ސެންޓްކޮމް އިން ބުނެފައިވަނީ ހަމަލާ އެރި އެމްވީ ވާރބީނާ ބޯޓަކީ މެލޭޝިއާގެ ބަނދަރުން ފުރައިގެން ލަކުޑި ހިފައިގެން އިޓަލީއަށް ދަތުރު ކުރަމުން ދިޔަ ބޯޓެއް ކަމަށެވެ.
ހާދިސާގައި ސީރިއަސް އަނިޔާ ލިބުނު މީހާ އަށް ފަރުވާ ދިނުމަށް އެމެރިކާގެ ވައިގެ އުޅަނދެއްގައި ވަނީ ބޯޓުން ބާލާފައި ކަމަށް ވެސް ސެންޓްކޮމް އިން ބުނެފައިވެއެވެ.
ބުރާސްފަތި ދުވަހުގެ ހަމަލާ އާ ގުޅޭ ގޮތުން ހޫތީން ބުނެފައިވަނީ 24 ގަޑީއިރު ތެރޭ 3 ބޯޓަކަށް ހަމަލާ ދީފައިވާނެ ކަމަށާއި އޭގެ ތެރޭގައި ވާރބީނާ ބޯޓުވެސް ހިމެނޭ ކަމަށެވެ. މި ހަމަލާ ތަކަކީ ގާޒާގެ ރައްޔިތުންނަށް ހިންގާ ޖަރީމާ ތަކާ ދެކޮޅު ހެދުމުގެ ގޮތުންނާއި ޔަމަންގައި އިނގިރޭސި ވިލާތާއި އެމެރިކާ އާ ގުޅިގެން ހިންގާ އުދުވާނު ތަކާ ދެކޮޅު ހެދުމުގެ ގޮތުން ދޭ ހަމަލާތަކެއް ކަމަށް ވެސް ބުނެފައިވެއެވެ.
ހޫތީންގެ މި ހަމަލާއާ ގުޅިގެން އެމެރިކާގެ ސެންޓްރަލް ކޮމާންޑް އިން ބުނީ، ހޫތީން މަސައްކަތް ކުރަނީ ފަލަސްތީނުގެ ގާޒާގެ ރައްޔިތުންގެ ހައްގުގައި ކަމަށް ބުނާއިރު، ހޫތީންގެ ހަމަލާތައް އަމާޒު ވަނީ ގާޒާ ގައި ހިނގަމުންދާ ހަނގުރާމަ އާ އެއްވެސް ގުޅުމެއް ނެތް ފަރާތްތަކެއްގެ އުޅަނދު ފަހަރަށާއި މީހުންނަށް ކަން ފާހަގަ ކުރާ ކަމަށެވެ.
ހޫތީން ބުނަމުން އަންނަނީ ގާޒާގައި އިޒްރޭލް ސިފައިން ހިންގާ އަނިޔާވެރި ހަނގުރާމަ އާ ދެކޮޅު ހެދުމުގެ ގޮތުން ރަތް ކަނޑުންނާއި، އަރަބި ކަނޑުން އަދި އިންޑިއާ ކަނޑުން ދަތުރު ކުރާ އުޅަނދު ތަކުގެ ތެރެއިން އިޒްރޭލާ އެމެރިކާ އާ ގުޅުން ހުރި އުޅަނދު ފަހަރަށް ހަމަލާ ދޭނެ ކަމަށެވެ.
އެމެރިކާގެ ސެންޓްރަލް ކޮމާންޑުން ނެރުނު ބަޔާނުގައި އިތުރަށް ބުނެފައިވާ ގޮތުގައި ހޫތީންގެ ހަމަލާތަކުގެ ސަބަބުން ސަރަހައްދުގެ ހަމަޖެހުމަށް ނުރައްކާ ވުމުގެ އިތުރުން ޔަމަނަށާއި ގާޒާ އަށް އިންސާނީ އެހީ ފޯރުކޮށް ދިނުމުގައި ދަތިތައް ކުރިމަތިވާ ކަމަށެވެ.
ހޫތީންގެ އަސްކަރީ ގާބިލްކަން ނިކަމެތި ކުރުމަށް ހޫތީންގެ ޓާގެޓް ތަކަށް އިތުރު ހަމަލާ ދޭނެ ކަމަށް ވެސް ބަޔާނުގައި އެމެރިކާގެ ސެންޓްރަލް ކޮމާންޑުން ބުނެފައިވެއެވެ.