ކ. މާލެ
|
13 ޖޫން 2024 | ބުރާސްފަތި 11:08
ރާއްޖޭގެ ޗެފް ޑި މިޝަން އަކަށް ހަމަޖެއްސި ޓީޓީ އެސޯސިއޭޝަންގެ ރައީސް އަލީ ރަޝީދު
ރާއްޖޭގެ ޗެފް ޑި މިޝަން އަކަށް ހަމަޖެއްސި ޓީޓީ އެސޯސިއޭޝަންގެ ރައީސް އަލީ ރަޝީދު
އެމްއޯސީ
ފްރާންސް އޮލިމްޕިކްސް 2024
އޮލިމްޕިކްސްގެ ޗެފް ޑި މިޝަން އަކަށް ޓީޓީގެ ރައީސް އަލީ ރަޝީދު
މިއަހަރުގެ ގޭމްސްގައި ރާއްޖެ އިން ޖުމުލަ ހަތަރު ކުޅިވަރެއްގައި ވާދަކުރާނެ

ފްރާންސްގައި އަންނަ މަހު ފަށާ އޮލިމްޕިކްސް ގައި ރާއްޖޭގެ ޗެފް ޑި މިޝަން އަކަށް، ޓޭބަލް ޓެނިސް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ޓީޓީ)ގެ ރައީސް އަލީ ރަޝީދު (އައްޔަ) ހަމަޖައްސައިފި އެވެ.

މޯލްޑިވްސް އޮލިމްޕިކް ކޮމެޓީ (އެމްއޯސީ) އިން ވަނީ، ރާއްޖޭގެ ޗެފް ޑި މިޝަން އަކަށް އައްޔަ ހަމަޖައްސާފައިވާކަަން އިއުލާން ކޮށްފަ އެވެ. އައްޔަ އަކީ އެމްއޯސީގެ ހިންގާ ކޮމެޓީގައި ވެސް ހިމެނިވަޑައިގަންނަވާ މެމްބަރެކެވެ. އޮލިޕިކްސްގައި ޗެފް ޑި މިޝަންގެ ޙައިސިއްޔަތުން އައްޔަގެ ޒިންމާއަކީ، ގޭމްސްގައި ވާދަކުރާ ރާއްޖޭގެ ހުރިހާ އެތުލީޓުންގެ އެންމެހާ ކަންކަން ހަމަޖައްސައި، އެކަންކަން ބެލުމެވެ.

އަންނަ މަހުގެ 26 ވަނަ ދުވަހުން ފެށިގެން، އޯގަސްޓު މަހުގެ 11 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާ ގޭމްސްގައި ރާއްޖެ އިން ޖުމުލަ ހަތަރު ކުޅިވަރެއްގައި ވާދަކުރާނެ އެވެ. އެއީ ޓީޓީ، ސްވިމިން، އެތުލެޓިކްސް އަދި ބެޑްމިންޓަން އެވެ. މިއީ ރާއްޖެ އިން އޮލިމްޕިކްސްގެ ހަތަރު ކުޅިވަރެއްގައި ވާދަކުރާނެ ފުރަތަމަ ފަހަރެވެ.

އޮލިމްޕިކްސްގައި ޓީޓީ އިން ރާއްޖެ ތަމްސީލު ކުރާނީ ފާތިމަތު ދީމާ އަލީ އެވެ. ރާއްޖޭގެ އެއް ނަންބަރު ޓީޓީ ކުޅުންތެރިޔާ ދީމާ އަކީ، އޮލިމްޕިކްސްގެ ކޮލިފިކޭޝަނެއްގައި ވާދަކޮށް، ކޮލިފިކޭޝަން ކާމިޔާބުކޮށްގެން އޮލިމްޕިކްސް އަށް ކޮލިފައިވި ދިވެހި ފުރަތަމަ އެތުލީޓެވެ. އެތުލެޓިކްސް އިން ރާއްޖެ ތަމްސީލު ކުރާނީ ޢިބާދުﷲ އާދަމް އެވެ. ޢިބާދުﷲ އަންނަނީ ސަރުކާރުން ދީފައިވާ ސްކޮލަޝިޕެއްގެ ދަށުން ޖެމައިކާގައި ތަމްރީނުތައް ފުރިހަމަ ކުރަމުންނެވެ.

މީގެ އިތުރުން ގޭމްސްގައި ބެޑްމިންޓަން އިން ރާއްޖެ ތަމްސީލު ކުރާނީ ފާތިމަތު ނަބާހާ އެވެ. ނަބާހާ އަކީ ޖެހިޖެހިގެން އޮލިމްޕިކްސްގެ ދެ ގޭމްސްގައި ރާއްޖެ ތަމްސީލު ކުރާނެ ފުރަތަމަ އެތުލީޓެވެ. ރާއްޖެ އިން ދެން ވާދަކުރާ ކުޅިވަރު ކަމަަށްވާ ސްވިމިން އިން ވާދަކުރާނެ އެތުލީޓަކު އަދި ހާމަ ނުކުރެ އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ނާޒުމީ ސައީދު
ކޮމެންޓް