ކ. މާލެ
|
10 ޖޫން 2024 | ހޯމަ 18:37
ފްރާންސްގެ ރައީސް އެމަނުއެލް މެކްރޮން
ފްރާންސްގެ ރައީސް އެމަނުއެލް މެކްރޮން
ރޮއިޓާސް
ފަރަންސޭސި ގާނޫނު ހަދާ މަޖިލީހުގެ އިންތިޚާބު
ފްރާންސްގެ ރައީސް މެކްރޮން އެ ގައުމުގެ ގާނޫނު ހަދާ މަޖިލީސް އުވާލައްވައިފި
މެކްރޯންގެ ވެރިކަމުގެ މި ދައުރުގެ ދެވަނަ އަހަރުގެ ދުވަސްތައް ހިނގަމުންދާއިރު ފަރަންސޭސި ގާނޫނު ހަދާ މަޖިލީހުގެ މެޖޯރިޓީ އެ މަނިކުފާނަކަށް ނެތް

ފްރާންސްގެ ރައީސް އެމަނުއެލް މެކްރޮން އެ ގައުމުގެ ގާނޫނު ހަދާ މަޖިލީސް އުވާލައްވާ މި މަހުގެ ފަހުކޮޅު އަވަސް އިންތިޚާބަކަށް ގޮވާލައްވައިފިއެވެ.

ރައީސް މެކްރޮންގެ ކުއްލި މި ނިންމެވުމަކީ، ނިމި ދިޔަ ޔޫރަޕިއަން ޔޫނިއަންގެ ގާނޫނު ހަދާ މަޖިލީހުގެ އިންތިޚާބުގައި މެކްރޯންގެ ސިޔާސީ ވާދަވެރިޔާ މެރީން ލަ ޕެން ގެ ނޭޝަނަލް ރެލީ އިން ބޮޑު ކާމިޔާބެއް ހޯދާނެ ކަން އެގްޒިޓް ޕޮލް ތަކުން ހާމަ ވުމާއެކުގައެވެ.

މެރީން ލަ ޕެން ގެ ޕާޓީއަށް 32 އިން ސައްތަ ވޯޓު ލިބޭނެ ކަމަށް އެގްޒިޓް ޕޮލް ތަކުން ދައްކާއިރު، ރައީސް މެކްރޮންގެ ރެނައިސެންސް ޕާޓީ އަށް ލިބޭނީ އޭގެ ދެބައިކުޅަ އެއްބައި މިންވަރުގެ ވޯޓް ކަމަށް ލަފާ ކުރެވެއެވެ.

ގާނޫނު ހަދާ މަޖިލިސް އުވާލައްވާ ކަން އިއުލާން ކުރެއްވުމަށްފަހު މެކްރޮން ވަނީ އިންތިޚާބުގެ ތާރީޚުތައްވެސް އިއުލާން ކުރައްވާފައެވެ. މިގޮތުން އިންތިޚާބުގެ ދެ ބުރުގެ ވޯޓު ލުން އޮންނާނީ ޖޫން 30 އާއި ޖުލައި 7 ގައި ކަމަށް ވެސް ފަރަންސޭސި ރައީސް ވިދާޅުވިއެވެ.

މިއަހަރުގެ މެދުތެރޭގައި އޮންނަ ޕެރިސް އޮލިމްޕިކްސް އަށް ފްރާންސް ފޯރީގައި ތައްޔާރު ވަމުން ދަނިކޮށް އިންތިޚާބު އިއުލާން ކުރެވުނު ނަމަވެސް އޭގެ ސަބަބުން މުބާރާތައް އަސަރެއް ނުކުރާނެ ކަމަށް މުބާރާތް އިންތިޒާމް ކުރާ ފަރާތުން ވަނީ ހާމަ ކޮށްފައެވެ.

އެލީސީ ޕެލަސް އިން ޓީވީ މެދުވެރި ކުރައްވާ މެކްރޯން ފަރަންސޭސި ގާނޫނު ހަދާ މަޖިލިސް އުވާލައްވާ އަވަސް އިންތިޚާބު އިއުލާން ކުރެއްވީ، ޔޫރަޕިއަން ޔޫނިއަންގެ ޕާލިމެންޓްގެ ވޯޓު ލުން ނިމި އެގްޒިޓް ޕޮލްގެ ނަތީޖާ ފްރާންސްގައި އިއުލާން ކުރިތާ ކުޑަ އިރުކޮޅެއްގެ ތެރޭގައެވެ.

މެކްރޯންގެ ވެރިކަމުގެ މި ދައުރުގެ ދެވަނަ އަހަރުގެ ދުވަސްތައް ހިނގަމުންދާއިރު ފަރަންސޭސި ގާނޫނު ހަދާ މަޖިލީހުގެ މެޖޯރިޓީ އެ މަނިކުފާނަކަށް ނެތެވެ. އެއާ އެކު ވިލާތުގެ ގާނޫނު ހަދާ މަޖިލީހުގެ އިންތިޚާބުން މެކްރޮންގެ ޕާޓީއަށް ނާކާމިޔާބު ވުމުން، ފަރަންސޭސި ރައްޔިތުންގެ ރޫހު ހުރި ގޮތް ވޯޓުގެ ޒަރީއާ އިން އެނގުމަކީ ވެރިކަމުގެ ބާކީ ބައިގައި ކުރިއަށް ވަޑައިގަތުމުގައި މެކްރޮންއަށް މުހިންމު ކަމެއް ކަމަށް ސިޔާސީ މަސްރަހް ދިރާސާ ކުރާ ފަރާތްތަކުން ދެކެއެވެ.

ޔޫރަޕިއަން ޕާލިމެންޓުގެ އިންތިޚާބުގެ ނަތީޖާ އަކުން ފަރަންސޭސި ވެރިކަމަކަށް ސިޔާސީ ގޮތުން އަންނާނެ ބަދަލެއް ނެތް އިރު، މެކްރޮން އިއުލާން ކުރެއްވި ފަރަންސޭސި ގާނޫނު ހަދާ މަޖިލީހުގެ އިންތިޚާބުން މެކޮރޮންގެ ޕާޓީ ބަލި ވިޔަސް ރައީސްގެ މަގާމުގައި ބާކީ އޮތް 3 އަހަރު ފުރިހަމަ ކުރައްވަން މެކްރޮން އަށް އޮތް ފުރުސަތަކަށް ބަދަލެއް ނާންނާނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ނާޒުމީ ސައީދު
ކޮމެންޓް