ކ. މާލެ
|
9 ޖޫން 2024 | އާދީއްތަ 21:05
އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ 3 ވަނަ ދައުރަކަށް ހުވާކުރެއްވުމުގެ ރަސްމިއްޔާތުގެ ތެރެއިން
އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ 3 ވަނަ ދައުރަކަށް ހުވާކުރެއްވުމުގެ ރަސްމިއްޔާތުގެ ތެރެއިން
އަލް ޖަޒީރާ
މޯދީ އިންޑިއާގެ ބޮޑުވަޒީރު ކަމުގެ ހުވާ ކުރެއްވުން
އިންޑިއާގެ ބޮޑުވަޒީރު ކަމަށް 3 ވަނަ ފަހަރަށް ނަރެންދްރަ މޯދީ ހުވާކުރައްވައިފި
މީގެ ކުރީ 2 ދައުރުގައި މޯދީ ބޮޑުވަޒީރު ކަން ކުރެއްވީ ބީޖޭޕީ އަށް އިންޑިއާގެ ގާނޫނު ހަދާ މަޖިލީހުގެ ތިރި ގޭގެ ފުރިހަމަ މެޖޯރިޓީ އޮވެގެން

ދުނިޔޭގެ އެންމެ ބޮޑު ޑިމޮކްރަސީގެ ގޮތުގައި ބެލޭ އިންޑިއާގެ ބޮޑު ވަޒީރު ކަމުގެ މަގާމަށް 3 ވަނަ ފަހަރަށް ނަރެންދްރަ މޯދީ ހުވާ ކުރައްވައިފިއެވެ.

އާދީއްތަ ދުވަހު ހަވީރު ވެރި ރަށް ނިއު ދިއްލީގެ ރާޝްތްރަޕަތީ ބަވަންގައި ބޭއްވި ކުލަގަދަ ރަސްމިއްޔާތެއްގައި މޯދީ އަށް ބޮޑުވަޒީރު ކަމުގެ ހުވާ ލައިދެއްވީ އެގައުމުގެ ރައީސް ދުރުޕާދީ މުރްމޫ އެވެ.

މި ކުލަގަދަ ހަފްލާގައި އެތައް ހާސް އާއްމުންގެ އިތުރުން އިއްޒަތްތެރިންނާއި، ސާކް ސަރަހައްދުގެ ގައުމުތަކުގެ އެންމެ އިސް ވެރިންނާއި، ބޮލީވުޑްގެ ފިލްމީ ތަރިންނާއި، ގިނަ އަދަދެއްގެ ބޮޑެތި ވިޔަފާރިވެރިން ބައިވެރިވިއެވެ.

އުމުރުފުޅުން 73 އަހަރުގެ މޯދީ 3 ވަނަ ދައުރަކަށް އިންޑިއާގެ ވެރިކަމާ ހަވާލުވެ ވަޑައިގަތީ ޖޫން 1 ގައި ނިމުނު އެ ގައުމުގެ އާއްމު އިންތިޚާބުގައި ސަރަހައްދީ 14 ޕާޓީއެއްގެ އެހީތެރިކަމާއެކު އުފެއްދި ނޭޝަނަލް ޑިމޮކްރަޓިކް އެލަޔަންސް އިން ހޯދި ކާމިޔާބާއެކުގައެވެ.

މީގެ ކުރީ 2 ދައުރުގައި މޯދީ ބޮޑުވަޒީރު ކަން ކުރެއްވީ އެމަނިކުފާނުގެ ޕާޓީ ބާރަތިޔާ ޖަނަތާ ޕާޓީ (ބީޖޭޕީ) އަށް އިންޑިއާގެ ގާނޫނު ހަދާ މަޖިލީހުގެ ތިރި ގޭގެ ފުރިހަމަ މެޖޯރިޓީ އޮވެގެންނެވެ.

މިފަހަރުގެ އިންތިޚާބުގެ ނަތީޖާ ބީޖޭޕީ އަށް ބޮޑު ކާމިޔާބަކާ އެކު ނިމިގެން ދާނެ ކަމަށް ގިނަ ފަރާތްތަކަކުން ބުނަމުން ދަނިކޮށް އިންތިޚާބުގެ ނަތީޖާ ނުކުތީ ގިނަ ބަޔަކަށް ހައިރާންކަން ލިބިގެން ދިޔަ ގޮތެއްގައެވެ. އެގްޒިޓް ޕޮލް ތަކުން ބީޖޭޕީ އަށް 2019 ވަނަ އަހަރު ލިބުނު ގޮނޑި އަށް ވުރެ ގިނަ ގޮނޑި މި އިންތިޚާބުގައި ލިބޭނެ ކަމަށް ދެއްކި ނަމަވެސް ބީޖޭޕީއަށް ލޮކް ސަބާގެ އަގްލަބިއްޔަތު މި އިންތިޚާބުގައި ވަނީ ނުލިބިފައެވެ.

ބީޖޭޕީ އަށް އިންތިޚާބުގައި އުއްމީދު ކުރި ކާމިޔާބު ނުލިބުމާއެކު އިންޑިއާގެ ބޮޑުވަޒީރު ކަމުގެ 3 ވަނަ ދައުރުގައި ކުރީގެ ދައުރުތަކާ ޚިލާފަށް ގިނަ ގޮންޖެހުންތަކާ މޯދީއަށް ކުރިމަތިލައްވަން ޖެހިވަޑައިގަންނަވާނެ ކަމަށް އިންޑިއާގެ ސިޔާސީ މަސްރަހް ދިރާސާ ކުރާ ފަރާތްތަކުން ދެކެއެވެ. ކުރިއާ ޚިލާފަށް ސަރަހައްދީ ޕާޓީތަކާ އެކު ކޯލިޝަނެއް ހިންގެވުމުގައި ޕާޓީތައް މުހިންމު މައްސަލަތަކުގައި އެއްގަލަކަށް އަރުވައިގެން މަސައްކަތް ކުރައްވަން މޯދީ އަށް ޖެހިވަޑައިގަންނަވާ އިރު ލޮކްސަބާ ގައި އިދިކޮޅު ޕާޓީތައް ކުރިއަށް ވުރެ ވަރުގަދަ ވެފައިވާކަން ސިޔާސީ ތަޖުރިބާކާރުން ފާހަގަ ކުރެއެވެ.

ނިމިގެން ދިޔަ އިންޑިއާގެ އާއްމު އިންތިޚާބުގައި ގާނޫނު ހަދާ މަޖިލީހުގެ ތިރިގެ - ލޮކްސަބާއަށް 543 މެމްބަރުން 5 އަހަރުގެ ދައުރަކަށް ވަނީ އިންތިޚާބު ކޮށްފައެވެ. ގާތްގަނޑަކަށް 970 މިލިއަން މީހުންނަށް ވޯޓު ލުމުގެ ހައްގު ލިބިފައިވާ ކަމަށް އިއުލާން ކުރެވުނު މި އިންތިޚާބުގައި ވޯޓު ލުމުގެ ހައްގު ލިބިފައިވާ މީހުންގެ ތެރެއިން 642 މިލިއަން މީހުން ވޯޓުލީ ކަމަށް ވަނީ ބެލެވިފައެވެ.

މޯދީ 3 ވަނަ ދައުރަކަށް ބޮޑު ވަޒީރު ކަމުގެ ހުވާ ކުރެއްވުމާއެކު އެމަނިކުފާނު ވެވަޑައިގަތްފައިވަނީ އިންޑިއާގެ ފުރުތަމަ ބޮޑުވަޒީރު ޖަވާހިރު ލާލް ނެހުރޫގެ ފަހުން އިންޑިއާގައި ޖެހިޖެހިގެން 3 ފަހަރު ވެރިކަން ކުރެއްވި ބޮޑުވަޒީރުގެ ގޮތުގައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ނާޒުމީ ސައީދު
ކޮމެންޓް