ކ. މާލެ
|
9 ޖޫން 2024 | އާދީއްތަ 05:59
ޗެލްސީގެ ކޯޗަކަށް މީގެ ކުރިން ހުރި ސާރީ
ޗެލްސީގެ ކޯޗަކަށް މީގެ ކުރިން ހުރި ސާރީ
ރޮއިޓާރސް
ޗެލްސީ
ހެދުނު އެންމެ ބޮޑު ގޯހަކީ ޗެލްސީ ދޫކޮށްލުން: ސާރީ
އޭރު ޗެލްސީ ދޫކޮށްލީ އަލުން އެނބުރި އިޓަލީ އަށް އަންނަން ބޭނުންވެފައި ހުރި މިންވަރުން

އިނގިރޭސި ޕްރިމިއާ ލީގުގެ ޗެލްސީގެ ކޯޗުކަން ދޫކޮށްލުމަކީ، ހެދުނު އެންމެ ބޮޑު ގޯސްކަމަށް އެ ޓީމުގެ ކުރީގެ ކޯޗު މައުރީޒިއޯ ސާރީ ބުނެފި އެވެ.

ޗެލްސީގެ ކޯޗުކަމާ ސާރީ ހަވާލުވީ 2018 ވަނަ އަހަރުގެ ޖުލައި މަހުގެ ތެރޭގަ އެވެ. އެއީ އޭނާގެ ކުރިން އެ މަގާމުގައި ހުރި އެންޓޯނިއޯ ކޮންޓޭ ވަކި ކުރުމަށްފަހު އެވެ. ނަމަވެސް ޖެހިގެން އައި 2019 ވަނަ އަހަރު ސާރީ ވަނީ ޗެލްސީގެ ކޯޗުކަން ދޫކޮށްލަން ނިންމައިފަ އެވެ.

ޗެލްސީ ދޫކޮށްލުމަށްފަހު ސާރީ ދެން ހަވާލުވީ އިޓަލީގެ ޔުވެންޓަސްއާ އެވެ. އެ ކުލަބަށް އެއް އަހަރު އިރުޝާދު ދިނުމަށްފަހު، 2021 ވަނަ އަހަރު ސާރީ ހަވާލުވީ ލާޒިއޯ އެވެ. ލާޒިއޯގެ ކޯޗުކަން އޭނާ ދޫކޮށްލީ މިއަހަރުގެ މާޗު މަހު އެވެ. އޭގެ ފަހުން ސާރީ ހުންނަނީ އެއްވެސް ވަޒީފާއެއް ނެތި އެވެ.

އެކަމާ ގުޅޭ ގޮތުން ވާހަކަ ދައްކަމުން ސާރީ ބުނީ، ޗެލްސީ ދޫކޮށްލުމަކީ އޭނާ އަށް ހެދުނު އެންމެ ބޮޑު ގޯސް ކަމަށެވެ. އޭނާ ބުނީ އޭރު ޗެލްސީގައި މަޑުކޮށް، ރަނގަޅު މަގެއްގައި ކުރިއަށް ދިޔުމުގެ ފުރުސަތު އޮތް ކަމަށެވެ. އެހެން ނަމަވެސް، އެ ދަނޑިވަޅުގައި އޭނާ އަށް ހެދުނީ ބޮޑު ގޯހެއް ކަމަށް ވެސް ސާރީ ބުންޏެވެ.

މީގެ އިތުރުން ސާރީ ބުނީ، ޗެލްސީ އާއެކު އޭނާ އަށް ޔުއެފާ ޔޫރޮޕާ ލީގު ކާމިޔާބު ކުރެވުނު ކަމަށެވެ. އޭރު ޗެލްސީގައި އޮތީ ވަރަށް ރަނގަޅު ޕްރޮޖެކްޓެއް ކަމަށް ވެސް ސާރީ ބުންޏެވެ. އެހެން ނަމަވެސް، އޭރު ޗެލްސީ ދޫކޮށްލީ އަލުން އެނބުރި އިޓަލީ އަށް އަންނަން ބޭނުންވެފައި ހުރި މިންވަރުން ކަމަށް ވެސް ސާރީ ބުންޏެވެ.

ސާރީގެ އިރުޝާދުގެ ދަށުން ޗެލްސީން ވަނީ 63 މެޗު ކުޅެފަ އެވެ. އޭގެ ތެރެއިން އެ ޓީމު ވަނީ 39 މެޗުން މޮޅުވެފަ އެވެ. 11 މެޗުން ބަލިވެފައިވާއިރު، 13 މެޗުން ވަނީ އެއްވަރުވެފަ އެވެ. ސާރީގެ އިރުޝާދުގެ ދަށުން ޔޫރޮޕާ ލީގު ކާމިޔާބު ކުރުމުގެ އިތުރުން، ޗެލްސީން ވަނީ ކަރަބޯ ކަޕްގެ ފައިނަލްގައި ވެސް ކުޅެފަ އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާ ކުރިން
ރިވިއު ކުރީ: ނާޒުމީ ސައީދު
ކޮމެންޓް