ކ. މާލެ
|
6 ޖޫން 2024 | ބުރާސްފަތި 09:47
ބާސެލޯނާގެ ރައީސް ޖޯން ލަޕޯޓާ އަދި ކޯޗު ހަންސީ ފްލިކް
ބާސެލޯނާގެ ރައީސް ޖޯން ލަޕޯޓާ އަދި ކޯޗު ހަންސީ ފްލިކް
ރޮއިޓާސް
ބާސެލޯނާ
ފްލިކްއާ މެދު ލަޕޯޓާ ދިޔައީ މާކުރިން ވެސް ވިސްނަމުން!
ބާސެލޯނާގެ ކޯޗުކަން ދޫކޮށްލަން ޒަވީ ނިންމި ހިސާބުން ފެށިގެން، ފްލިކް ދިޔައީ ބާސެލޯނާއާ ގުޅޭ ކަންކަން ބަަލައި، ދަސް ކުރަމުން

ސްޕެއިންގެ ބާސެލޯނާގެ ކޯޗަކަށް، ޖަރުމަނުގެ ހަންސީ ފްލިކް ގެނައުމަށް މާކުރިން ވެސް ވިސްނަމުން ދިޔަ ކަމަށް، އެ ކުލަބުގެ ރައީސް ޖޯން ލަޕޯޓާ ވިދާޅުވެއްޖެ އެވެ.

ބާސެލޯނާގެ ރައީސްކަމަށް އަލުން ލަޕޯޓާ އިންތިޚާބު ކޮށްފައި ވަނީ 2021 ވަނަ އަހަރު އެވެ. އެ ފަހަރުގެ އިންތިޚާބު ލަޕޯޓާ ކާމިޔާބު ކުރައްވާފައި ވަނީ 54.28 އިންސައްތައިގެ ތަފާތު ބޮޑު ނަތީޖާ އަކުންނެވެ.

ދާދި ފަހުން ބާސެލޯނާ އިން ވަނީ އެ ކުލަބުގެ ކޯޗަކަށް ފްލިކް ހަމަޖައްސައިފަ އެވެ. އެއީ އޭނާގެ ކުރިން އެ މަގާމުގައި ހުރި ބާސެލޯނާގެ ލެޖެންޑް، ޒަވީ ހެނާންޑޭޒް މަގާމުން ވަކި ކުރުމަށްފަހު އެވެ.

އެ ނިންމުމާ ގުޅޭ ގޮތުން ވާހަކަ ދައްކަވަމުން ލަޕޯޓާ ވިދާޅުވީ، އަލުން ބާސެލޯނާގެ ރައީސް ކަަމަށް އޭނާ އިންތިޚާބުވީ ހިސާބުން ފެށިގެން، އެ ކުލަބުގެ ކޯޗަކަށް ފްލިކް ގެނައުމާ މެދު ވިސްނުން ދިޔަ ކަމަށެވެ. އޭގެ ފަހުން ބާސެލޯނާގެ ކޯޗުކަން ދޫކޮށްލަން ޒަވީ ނިންމި ހިސާބުން ފެށިގެން، ފްލިކް ދިޔައީ ބާސެލޯނާއާ ގުޅޭ ކަންކަން ބަަލައި، ދަސް ކުރަމުން ކަަމަށް ވެސް ލަޕޯޓާ ވަނީ ވިދާޅުވެފަ އެވެ.

މީގެ އިތުރުން އޭނާ ވިދާޅުވީ، ފްލިކްއާ ގުޅޭ ގޮތުން ބާސެލޯނާ އަށް ލިބެމުން ދިޔަ ރިޕޯޓުތައް ވަރަށް ރަނގަޅު ކަމަށެވެ. އަދި އެ ކުލަބުގެ ކޯޗަކަށް ފްލިކް ހަމަޖައްސަން ނިންމީ، އެތައް ގޮތަކުން ވިސްނާފައި ކަމަށް ވެސް ލަޕޯޓާ ވަނީ ވިދާޅުވެފަ އެވެ. އިތުރަށް އޭނާ ވިދާޅުވީ ބާސެލޯނާގެ ސްޕޯޓިން ޑައިރެކްޓަރު ޑެކޯ އާއި ކުލަބުގެ ބޯޑު މެމްބަރުން ވެސް، ދެން ކޯޗަކަށް ގެންނާނީ ފްލިކް ކަމަށް ފަސޭހަ އިން އެއްބަސްވި ކަމަށެވެ.

ބާސެލޯނާގެ ކޯޗުކަމާ ހަވާލުވުމުގެ ޝައުޤުވެރިކަން މީގެ ކުރިން ވެސް ފްލިކް އޮތީ ފާޅުކޮށްފަ އެވެ. ޒަވީ ވަކި ކުރުމުގެ ވާހަކަތައް ބާސެލޯނާގެ އެތެރޭގައި ދެކެވެން ފެށުމާއެކު، އެ ކުލަބުން ވަނީ ފްލިކް އާއެކު މަޝްވަރާތައް ފަށާފައި ކަމަށް ރިޕޯޓުތަކުގައިވެ އެވެ. އަދި ބާސެލޯނާ އިން މަޝްވަރާ ކުރި ހަމައެކަނި ކޯޗަކީ ވެސް ފްލިކް އެވެ.

ފްލިކް ވަނީ މީގެ ކުރިން ޖަރުމަނުގެ ބަޔާން މިއުނިކަށް އިރުޝާދުދީ، އެ ކުލަބަށް ގިނަ ކާމިޔާބީތަކެއް ހޯދައިދީފަ އެވެ. އޭނާ ވަނީ އެއް ސީޒަނެއްގެ ހުރިހާ ތައްޓެއް ބަޔާނަށް ހޯދައިދީފަ އެވެ. ބަޔާނާއެކު ފްލިކް ވަނީ ޖުމުލަ ހަަތް ތައްޓެއް ކާމިޔާބު ކޮށްފަ އެވެ. ބަޔާންގެ ކޯޗުކަން ދޫކޮށްލުމަށްފަހު ދެން ފްލިކް ހަވާލުވީ ޖަރުމަނު ޤައުމީ ޓީމުގެ ކޯޗުކަމާ އެވެ. އެ މަގާމުން އޭނާ ވަކިިވީ މިދިޔަ އަހަރު އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާ ކުރިން
ރިވިއު ކުރީ: ނާޒުމީ ސައީދު
ކޮމެންޓް