ބާސެލޯނާ އަށް ކުޅެމުން އަންނަ ސްޕެއިންގެ ޒުވާން ކުޅުންތެރިޔާ ލަމީން ޔަމާލް އަށް، އެ ކުލަބުގެ 10 ނަންބަރު ޖާޒީ ދީފި އެވެ.
ޔަމާލް ވަނީ ބާސެލޯނާގެ އެއްބަސްވުން ވެސް އައު ކޮށްފަ އެވެ. ޔަމާލް ވަނީ ބާސެލޯނާގެ އެއްބަސްވުން ދިގު މުއްދަތަކަށް އައު ކޮށްފަ އެވެ. އެ ކުލަބާ އެކު އޭނާ ސޮއި ކުރި އައު އެއްބަސްވުމުގެ މުއްދަތު ހަމަވާނީ 2031 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށެވެ.
އައު އެއްބަސްވުމުގައި ސޮއި ކުރުމަށް ފަހު، ޔަމާާލް އަށް ވަނީ ބާސެލޯނާގެ 10 ނަންބަރު ޖާޒީ ވެސް ދީފަ އެވެ. އެއީ ބާސެލޯނާގެ ކުރީގެ ކެޕްޓަން ލިއޮނަލް މެސީގެ އިތުރުން، ޑިއޭގޯ މަރަޑޯނާ އާއި ރޮނާލްޑީނިއޯ ވެސް ކުޅެފައިވާ ނަންބަރެވެ. ބާސެލޯނާ އިން އެކަން ރަސްމީކޮށް އިއުލާން ކުރުމުގެ ކުރިން ވެސް، ޔަމާލް އަށް އެ ކުލަބުގެ 10 ނަންބަރު ޖާޒީ ދިނުމަށް އޮތީ ނިންމައިފަ އެވެ. އެކަން އިއުލާން ކޮށްފައި ވަނީ ޔަމާލް އަށް 18 އަހަރު ފުރުނު ފަހުންނެވެ.
ބާސެލޯނާގެ އައު އެއްބަސްވުމުގައި ސޮއި ކުރުމަށް ފަހު، 10 ނަންބަރު ޖާޒީ ރަސްމީކޮށް ހަވާލު ކުރުމުން ޔަމާލް ބުނެފައި ވަނީ، މިއީ އޭނާގެ ކެރިއަރުގައި ފެށުނު އައު ސަފުހާ އެއް ކަމަށެވެ. އަދި ބާސެލޯނާ އާއެކު އޭނާ ފަށާ އައު ދަތުރަކީ މުޅިން ވެސް ކާމިޔާބީގެ ދަތުރަކަށް ވާނެ ކަމަށް އުންމީދު ކުރާ ކަމަށް ޔަމާލް ބުންޏެވެ.
ޔަމާލް ބުނީ އޭނާ އަކީ ވަރަށް ޒުވާން ކުޅުންތެރިޔެއް ކަމަށާއި، އެހެން ނަމަވެސް ބާސެލޯނާ އާއެކު ކާމިޔާބު ހޯދުމަށް ގިނަ މަސައްކަތްތަކެއް ކުރާނެ ކަމަށެވެ. އޭނާގެ އެންމެ ބޮޑު އަމާޒަކީ ބާސެލޯނާގެ ސަޕޯޓަރުންނަށް ހިނިތުންވުން ގެނެސްދިނުންކަން ފާހަގަ ކުރަމުން ޔަމާލް ބުނީ، ބާސެލޯނާ އަކީ އޭނާގެ މުޅި ޙަޔާތާ ގުޅިފައިވާ ކުލަބު ކަމަށެވެ.
ޔަމާލް ވަނީ މިހާތަނަށް އޭނާ ބާސެލޯނާ އަށް ކުޅެދިން 106 މެޗުގައި 25 ލަނޑު ޖަހައިފަ އެވެ. އެ ކުލަބާ އެކު އޭނާ ވަނީ، ސްޕެނިޝް ލީގު ދެ ފަހަރު ކާމިޔާބު ކުރުމުގެ އިތުރުން، ކޮޕާ ޑެލް ރޭ އަދި ސްޕެނިޝް ސުޕަ ކަޕް ވެސް ކާމިޔާބު ކޮށްފަ އެވެ. ބާސެލޯނާގައި ޔަމާލް މޮޅު ކުޅުމެއް ދައްކަމުން އަންނައިރު، އޭނާ އަކީ އެ ކުލަބުގެ އެންމެ މުހިންމު އެއް ކުޅުންތެރިޔާ އެވެ.