ކ. މާލެ
|
5 ޖޫން 2024 | ބުދަ 06:11
ޖަރުމަނުގެ ބޮރޫޝިއާ ޑޯޓްމަންޑަށް އިރުޝާދު ދެމުން އަންނަ އެޑިން ޓާޒިކް
ޖަރުމަނުގެ ބޮރޫޝިއާ ޑޯޓްމަންޑަށް އިރުޝާދު ދެމުން އަންނަ އެޑިން ޓާޒިކް
ރޮއިޓާސް
ބޮރޫޝިއާ ޑޯޓްމަންޑް
ޑޯޓްމަންޑުން ޓާޒިކްގެ އެއްބަސްވުން އައު ކުރަނީ
ޑޯޓްމަންޑުން ޓާޒިކް އަށް އައު އެއްބަސްވުމެއް ހުށަހަޅައިފި ނަަމަ، އެކަން އޭނާ ޤަބޫލު ކުރުމުގެ ފުރުސަތު ބޮޑު

ޖަރުމަނުގެ ބޮރޫޝިއާ ޑޯޓްމަންޑަށް އިރުޝާދު ދެމުން އަންނަ އެޑިން ޓާޒިކްގެ އެއްބަސްވުން އައު ކުރަން އެ ކުލަބުން ބޭނުންވާ ކަމަށް މީޑިއާ ތަކުން ރިޕޯޓުކޮށްފި އެވެ.

ޑޯޓްމަންޑުގެ ކޯޗުކަމާ އުމުރުން 41 އަހަރުގެ ޓާޒިކް ހަވާލުވީ 2022 ވަނަ އަހަރު އެވެ. އެ ކުލަބާއެކު އޭނާ ސޮއި ކުރީ ތިން އަހަރު ދުވަހުގެ އެއްބަސްވުމެއްގަ އެވެ. އެ އެއްބަސްވުމުގެ މުއްދަތު ހަމަވާނީ އަންނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށެވެ.

އެއްބަސްވުމުގައި ބާކީ އެއް އަހަރު އޮއްވާ، ޓާޒިކްގެ އެއްބަސްވުން އައު ކުރަން ޑޯޓްމަންޑުން ބޭނުންވާ ކަމުގައި ވަނީ ރިޕޯޓުކޮށްފަ އެވެ. އެއީ އޭނާގެ އިރުޝާދުގެ ދަށުން އެ ކުލަބުގެ ނަތީޖާތައް ރަނގަޅުވުމުގެ ސަބަބުން ކަމަށް ބުނެފައިވެ އެވެ. އަދި ޑޯޓްމަންޑުގެ އިސްވެރިން ތިބީ ޓާޒިކްގެ މަސައްކަތާމެދު ވަރަށް ހިތްހަމަ ޖެހިފައި ކަމަށް ވެސް ރިޕޯޓުތައް ބުނެ އެވެ.

ޓާޒިކްގެ އިރުޝާދަށުގެ ދަށުން ޑޯޓްމަންޑުން ވަނީ މި ސީޒަންގެ ޔުއެފާ ޗެމްޕިއަންސް ލީގުގެ ފައިނަލްގައި ވާދަކޮށްފަ އެވެ. މުބާރާތުގެ ފައިނަލުން ޑޯޓްމަންޑު ޖާގަ ހޯދީ ފްރާންސްގެ ޕެރިސް ސެއިންޓް ޖާމަން (ޕީއެސްޖީ)ގެ މައްޗަށް ސެމީ ފައިނަލްގައި ކުރި ހޯދުމަށްފަހު އެވެ. އަނެއްކޮޅުން ޖަރުމަނު ލީގުގައި ވެސް ޑޯޓްމަންޑުން ވަނީ ރަނގަޅު ނަތީޖާތަކެއް ނެރެފަ އެވެ.

ޓާޒިކް އާއެކު ޑޯޓްމަންޑުން ކުރިއަށް އޮތް ދުވަސްތަކުގެ ތެރޭގައި މަޝްވަރާ ބައްދަލުވުންތަކެއް ބާއްވާނެ ކަމަށާއި، އެއްބަސްވުމާމެދު ގޮތެއް ނިންމާނީ އެއަށްފަހު ކަމަށް މީޑިއާ ރިޕޯޓުތައް ބުނެ އެވެ. އަދި ޑޯޓްމަންޑުގެ ވިސްނުން ހުރީ އިތުރު ތިން އަހަރަށް އޭނާގެ އެއްބަސްވުން އައު ކުރުމަށް ކަމަށް ވެސް ވަނީ ބުނެފަ އެވެ. މިދަނޑުވަޅުގައި ޑޯޓްމަންޑުން ޓާޒިކް އަށް އައު އެއްބަސްވުމެއް ހުށަހަޅައިފި ނަަމަ، އެކަން އޭނާ ޤަބޫލު ކުރުމުގެ ފުރުސަތު ބޮޑު ކަމަށް ވެސް ވަނީ ބުނެފަ އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާ ކުރިން
ރިވިއު ކުރީ: ނާޒުމީ ސައީދު
ކޮމެންޓް