ކ. މާލެ
|
5 ޖޫން 2024 | ބުދަ 06:01
އާސެނަލަށް ކުޅެމުން އަންނަ ކައި ހަވާޓްޒް
އާސެނަލަށް ކުޅެމުން އަންނަ ކައި ހަވާޓްޒް
ރޮއިޓާރސް
އާސެނަލް
ޗެލްސީން އާސެނަލަށް ބަދުލުވުމަކީ، ނިންމުނު ރަނގަޅު ނިންމުމުއް: ހަވާޓްޒް
ހަވާޓްޒް ބުނީ، ޗެލްސީ ދޫކޮށް އާސެނަލަށް ބަދަލުވި ބަދަލުވުމަކީ، އޭނާ އަށް އަގު ހުރި ބަދަލުވުމެއް ކަމަށް

އިނގިރޭސި ޕްރިމިއާ ލީގުގެ ޗެލްސީ ދޫކޮށް، އާސެނަލަށް ބަދަލުވުމަކީ ނިންމުނު ރަނގަޅު ނިންމުމެއް ކަމަށް ކައި ހަވާޓްޒް ބުނެފި އެވެ.

އުމުރުން 24 އަހަރުގެ ކުޅުންތެރިޔާ ޗެލްސީ އަށް ބަދަލުވީ 2020 ވަނަ އަހަރު އެވެ. ތިން އަހަރު ވަންދެން އެ ކުލަބުގައި ހުރުމަށްފަހު، ހަވާޓްޒް އާސެނަލަށް ބަދަލުވީ މިދިޔަ އަހަރުގެ ޖޫން މަހުގެ ތެރޭގަ އެވެ. އެ ކުލަބާއެކު އޭނާ ސޮއި ކުރީ ފަސް އަހަރު ދުވަހުގެ އެއްބަސްވުމެއްގަ އެވެ. އެ އެއްބަސްވުމުގެ މުއްދަތު ހަމަވާނީ 2028 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށެވެ.

އެކަމާ ގުޅޭ ގޮތުން މީޑިއާއަކާ ވާހަކަ ދައްކަމުން ހަވާޓްޒް ބުނީ، ޗެލްސީ ދޫކޮށް އާސެނަލަށް ބަދަލުވި ބަދަލުވުމަކީ، އޭނާ އަށް އަގު ހުރި ބަދަލުވުމެއް ކަމަށެވެ. އަދި އެއީ އޭނާ އަށް ނިންމުނު ރަނގަޅު ނިންމުމެއް ކަމަށް ވެސް ހަވާޓްޒް ވަނީ ފާހަގަ ކޮށްފަ އެވެ.

ހަވާޓްޒް ބުނީ އޭނާ ޗެލްސީ ދޫކޮށްލިއިރު ވެސް، އެ ކުލަބުގެ ސަޕޯޓަރުން ތިބީ އޭނާ ދެކެ ހިތްހަމަ ނުޖެހި، ރުޅި އައިސްފައި ކަމަށެވެ. އަދި އޭނާ އާސެނަލަށް ބަދަލުވެ، ކުރީ ކޮޅު އެންމެ އެކަށީގެންވާ ވަރުގެ ކުޅުމެއް ދެއްކިފައި ނެތުމުން، އާސެނަލްގެ ސަޕޯޓަރުންގެ މެދުގައި ވެސް ކޮންމެ ވެސް ވަރެއްގެ ނުތަނަވަސްކަމެއް އޮތް ކަމަށް ހަވާޓްޒް ބުންޏެވެ.

އެހެން ނަމަވެސް، އޭނާ އަށް ލިބުނު އެންމެ ބޮޑު ހިތްވަރަކީ އާސެނަލްގެ ކޯޗު މިކޭލް އާޓެޓާ އަދި އާސެނަލްގެ އެހެން ކުޅުންތެރިން ކަމަށް ހަވާޓްޒް ބުންޏެވެ. އޭނާ ފާހަގަ ކުރި ގޮތުގައި ކޮންމެ ދަނޑިވަޅެއްގައި އާޓެޓާ އަދި އާސެނަލްގެ އެހެން ކުޅުންތެރިން ތިބީ އޭނާ އާއެކު އެވެ. އަދި ކުރިމަތިވަމުން އައި ކަންކަމުގައި އެމީހުންގެ ސަޕޯޓު ވަރަށް ބޮޑަށް ލިބުނު ކަމަށް ހަވާޓްޒް ވަނީ ފާހަގަކޮށްފަ އެވެ.

އާސެނަލަށް ބަދަލުވެ ހަވާޓްޒް ވަނީ އެ ކުލަބަށް ކުޅެދިން 51 މެޗުގައި 14 ލަނޑު ޖަހައިފަ އެވެ. މި ނިމުނު ސީޒަންގެ އިނގިރޭސި ޕްރިމިއާ ލީގުގައި އޭނާ ވަނީ، އާސެނަލްގައި ރަނގަޅު ކުޅުމެއް ދައްކައިފަ އެވެ. އާސެނަލާ އެކު ހަވާޓްޒް ވަނީ، އެފްއޭ ކޮމިއުނިޓީ ޝީލްޑް ކާމިޔާބު ކޮށްފަ އެވެ.

މީގެ ކުރިން އާސެނަލްގެ ކޯޗު އާޓެޓާ ވެސް ވަނީ ހަވާޓްްޒްގެ ވާހަކަ އެކި ފަހަރު މަތިން ދައްކައިފަ އެވެ. އެގޮތުން ހަވާޓްޒް އަކީ އާސެނަލްގައި އާޓެޓޭ ބޭނުންވާ ފެންވަރުގެ ކުޅުންތެރިޔެއް ކަމަށް ވެސް އޭނާ ބުންޏެވެ. އަދި އާޓެޓާ އަންނަނީ އެއް ދުވަހުން އަނެއް ދުވަހަށް ގިނަ ކަންކަން ރަނގަޅުކޮށް، ކުރިއެރުންތައް ހޯދަމުން ކަމުގައި ވެސް އޭނާ ވަނީ ބުނެފަ އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: ނާޒުމީ ސައީދު
- ކޮމެންޓް