ކ. މާލެ
|
2 ޖޫން 2024 | އާދީއްތަ 13:35
އެމްޓީސީސީ ޓަވަރ - މިއަހަރު ޚާއްސަ އާންމު ޖަލްސާއެއް ބާއްވަން ފާސްކޮށް، އެކަމާއި ގުޅޭ އިއުލާނެއް މެއި 27 ވަނަ ދުވަހު ވަނީ ކޮށްފައި
އެމްޓީސީސީ ޓަވަރ - މިއަހަރު ޚާއްސަ އާންމު ޖަލްސާއެއް ބާއްވަން ފާސްކޮށް، އެކަމާއި ގުޅޭ އިއުލާނެއް މެއި 27 ވަނަ ދުވަހު ވަނީ ކޮށްފައި
ރާއްޖެއެމްވީ
އެމްޓީސީސީގެ ޚާއްސަ އާންމު ޖަލްސާ
އެމްޓީސީސީގެ 2024 ވަނަ އަހަރުގެ އާންމު ޖަލްސާ - ކުންފުނީގެ އަސާސީ އަދި ހިންގާ ޤަވައިދަށް އިސްލާހު ގެންނަން ހުށަހަޅަނީ
އެމްޓީސީސީން ބުނީ އެ ޖަލްސާ އޮންނާނީ ޖޫން 11 ވާ އަންގާރަ ދުވަހުގެ ހަވީރު 16:00 ގައި ކަމަށް
ޖަލްސާއަށް ރަޖިސްޓަރ ކުރާނެ ގޮތުގެ ވީޑިއޯ އަދި ޖަލްސާއާއި ގުޅޭ ފޯމުތައް އެ ކުންފުނީގެ ވެބްސައިޓާއި މީސް މީޑިއާ މަންސަތަކުން ލިބެން ހުންނާނެ

އެމްޓީސީސީގެ 2024 ވަނަ އަހަރުގެ ޚާއްސަ އާންމު ޖަލްސާ ޖޫން 11 ވަނަ ދުވަހު ބާއްވަން ތާވަލްކޮށްފިއެވެ.

އެމްޓީސީސީގެ ޑިރެކްޓަރުންގެ ބޯޑުން މިއަހަރު ޚާއްސަ އާންމު ޖަލްސާއެއް ބާއްވަން ފާސްކޮށް، އެކަމާއި ގުޅޭ އިއުލާނެއް މެއި 27 ވަނަ ދުވަހުކޮށްފައިވެއެވެ.

އެމްޓީސީސީން ވަނީ އެ ޖަލްސާގައި ބައިވެރިވުމަށް ކުންފުނީގެ ހިއްސާދާރުންނަށް ދައުވަތުދީފައެވެ. އެމްޓީސީސީން ބުނީ އެ ޖަލްސާ އޮންނާނީ ޖޫން 11 ވާ އަންގާރަ ދުވަހުގެ ހަވީރު 16:00 ގައި މޯލްޑިވްސް ސެކިއުރިޓީޒް ޑިޕޮސިޓަރީގެ ވެބް އެޕްލިކޭޝަން ފަހިވޯޓް މެދުވެރިކޮށް އޮންލައިންކޮށް ކަމަށެވެ.

އެމްޓީސީސީގެ އޮފިޝަލަކު ރާއްޖެ އެމްވީ އަށް ވިދާޅުވީ އެ ޖަލްސާގައި ކުންފުނީގެ އަސާސީ އަދި ހިންގާ ޤަވައިދަށް ހުށަހަޅާފައިވާ އިސްލާހުތައް ފާސްކުރަން ހުށަހެޅުމަށް ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުން ނިންމާފައިވާ ކަމަށެވެ. 2023 ވަނަ އަހަރު ބާއްވާފައިވާ 2022 ވަނަ އަހަރުގެ އަހަރީ އާންމު ޖަލްސާގައި ހިއްސާގެ ފައިދާގެ ގޮތުގައި މޫނުމަތީ އަގު 5 ރުފިޔާގެ ހިއްސާއަކަށް 4 ރުފިޔާ ބެހުމަށް ޑިރެކްޓަރުންގެ ބޯޑުން ފާސްކުރިއެވެ. އެހެންނަމަވެސް އެއަހަރުގެ އަހަރީ އާންމު ޖަލްސާއަށް ހުށަހެޅުމުން ހިއްސާދާރުންގެ ވޯޓުން އެއައިޓަމް ފާސްނުވާކަމަށް ކަނޑައެޅިއެވެ. އެމްޓީސީސީގެ އޮފިޝަލް ވިދާޅުވީ އެމްޓީސީސީން 2022 ވަނަ އަހަރުގެ ހިއްސާގެ ފައިދާއާ މެދު ވެސް މަޝްވަރާކޮށްފައިވާ ކަމަށެވެ. އަދި ޑިރެކްޓަރުންގެ ބޯޑުގެ ނިންމެވުމުގެ މަތިން 2024 ވަނަ އަހަރު ބާއްވާ ހާއްސަ އާންމު ޖަލްސާއަށް 2022 ވަނަ އަހަރުގެ ހިއްސާގެ ފައިދާގެ ގޮތުގައި މޫނުމަތީ އަގު 5.00 ރުފިޔާގެ ހިއްސާއަކަށް 4.00 ރުފިޔާ ބެހުމަށް އަލުން ހުށަހެޅުމަށް ނިންމާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

މިޖަލްސާގައި ބައިވެރިވެވޭނީ 2024 މެއި 23 ވަނަ ދުވަހުގެ ނިޔަލަށް އެ ކުންފުނީގެ ހިއްސާދާރުންގެ ދަފްތަރުގައި ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކަށް ކަމަށް ވެސް އެމްޓީސީސީން ވަނީ ބުނެފައެވެެ. އެ ޖަލްސާގައި ބައިވެރިވުމަށް އެދޭ ހިއްސާދާރުން 2024 ޖޫން 09 ވަނަ ދުވަހުގެ 16:00 ގެ ކުރިން ރަޖިސްޓަރ ކުރުމަށް އެމްޓީސީީން ވަނީ އެދިފައެވެ. ޖަލްސާގައި ބައިވެރިވުމަށް މޯލްޑިވްސް ސެކިއުރިޓީސް ޑިޕޮޒިޓަރީގެ އިންފިނިޓީ ޕޯރޓަލް mv.infinity އާއި އެމ.ްޓ.ީސ.ީސީގެ ޝެއަރހޯލްޑަރސް އޮންލައިން ޕޯރޓަލް mv.com.mtcc.sop އަދި mv.com.mtcc@shareholders އަށް އީމެއިލް މެދުވެރިކޮށް ނުވަތަ އެމ.ްޓ.ީސ.ީ ސީ ހެޑްއޮފީހުގެ ކައުންޓަރަށް ކުންފުނީގެ ރަސްމީ މަސައްކަތު ވަގުތުގައި ހުށަހެޅުމަށް އެ ކުންފުނިން އެދިފައިވެއެވެ. ޖަލްސާއަށް ރަޖިސްޓަރ ކުރާނެ ގޮތުގެ ވީޑިއޯ އަދި ޖަލްސާއާއި ގުޅޭ ފޯމުތައް އެ ކުންފުނީގެ ވެބްސައިޓާއި މީސް މީޑިއާ މަންސަތަކުން ލިބެން ހުންނާނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާ ކުރިން
ރިވިއު ކުރީ: ނާޒުމީ ސައީދު
ކޮމެންޓް