Advertisement
ކ. މާލެ
|
2 ޖޫން 2024 | އާދީއްތަ 14:33
ހއ. އުލިގަން
ހއ. އުލިގަން
ފްލިކަރ
އުލިގަން ކާޑަށް ޖެހުން
އުލިގަން ކާޑަށް ޖެހުން - 24 ގަޑީއިރު ފަހުން އަނެއްކާވެސް ދިން ހައްލަކީ އަމިއްލަ އަށް ކައިރި ރަށަކުން ކާޑު ގެންދިއުން!
މީގެ ކުރިން ވެސް މޫސުމުގެ އަސަރުކޮށް އުލިގަމަށް ކާޑު ލިބުމުގެ ދަތިކަން ދިމާވުމުން ސަރުކާރުން އެހީވޭ
އުލިގަމަށް ކާޑު ފޯރުކޮށްދެނީ އެންމެ އެޖެންޓެއް
އެސްޓީއޯ މެދުވެރިކޮށް ރަށަށް ކާޑު ގެނެސްދޭނެ ކަަމަށް ކުރިން ބުނި

ހއ. އުލިގަމުގައި ކާޑު ވިއްކާ ހަމައެކަނި އެޖެންޓު އަތުން ކާޑު ހުސްވެ ރަށު ރައްޔިތުން ކާޑަށް ޖެހިފައި ވަނިކޮށް، އެ އެޖެންޓު އަމިއްލަ އަށް ކައިރި ރަށަކުން ކާޑު އުލިގަމަށް ގެންދިއުމަށް އެސްޓީއޯ އިން އެދިއްޖެއެވެ.

އުލިގަމުގައި ކާޑުގެ ބާވަތްތައް ހުސްވިތާ 5 ދުވަސް ވަނީ ވެފައެވެ. އިތުބާރުހުރި ގޮތަކަށް ރާއްޖެ ޓީވީ އަށް މައުލޫމާތު ލިބިފައވާ ގޮތުގައި އެސްޓީއޯ އިން އެ ރަށަށް ކާޑު ގެނެސް، ރަށުގެ ރައްޔިތުންނަށް ކާޑު ފޯރުކޮށްދެމުން ދަނީ އެންމެ އެޖެންޓެއް މެދުވެރިކޮށެވެ. އަދި ފާއިތުވި ހަފްތާގައި ރާއްޖެ އަށް ކުރި ވިއްސާރައިގެ ސަބަބުން ރަށަށް ބޭނުންވާ ކާޑު ގެނައުމަށް އެ އެޖެންޓަށް ދަތިތަކާއި ކުރިމަތިވުމުގެ ސަބަބުން ކާޑު ރަށަށް ގެނައުމަށް ކައުންސިލުގެ އެހީތެރިކަަމަށް ވަނީ އެދިފައެވެ. އަދި ކައުންސިލުން ވަނީ ސަރުކާރުގެ ކަމާ ބެހޭ ފަރާތްތަކާއި މުއާމަލާތުކޮށް އެކަން ސަރުކާރުގެ ސަމާލުކަމަށް ގެނެސްފައެވެ.

ރާއްޖެ އެމްވީ އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ބުރާސްފަތި ދުވަހު، އެސްޓީއޯ އިން ވަނީ އެ ރަށުގައި ކާޑު ފޯރުކޮށްދޭ އެޖެންޓަށް ގުޅާ ކާޑަށް ވާ ފައިސާ ޓްރާންސްފަރކުރުމަށް އެދިފައެވެ. އެނގިފައިވާ ގޮތުން އެސްޓީއޯ އިން ފައިސާ ޖަމާކުރަން އެންގީ ވެސް އެ ރަށަށް ކާޑު ގެނެވޭނެ ގޮތެއް ނެތް ކަން އެސްޓީއޯ އަށް އަންގާފައި ވަނިކޮށެވެ. އަދި އެޖެންޓާއި އެކު ކުރި މުއާމަލާތުތަކުގައި އެސްޓީއޯ އިން ވަނީ އެސްޓީއޯ މެދުވެރިކޮށް ކާޑު ފޯރުކޮށްދޭނެކަމަށް އޭނާ އަށް އަންގާފައެވެ. ކާޑަށް ވާ ފައިސާ ޖަމާކުރަން އެޖެންޓު އެއްބަސްވެފައި ވަނީ ވެސް އެސްޓީއޯ މެދުވެރިކޮށް ރަށަށް ކާޑު ގެނެސްދޭނެ ކަަމަށް ބުނުމުންނެވެ، އެހެންކަމުން ބުރާސްފަތި ދުވަހު އެ އެޖެންޓް ވަނީ އެސްޓީއޯ އަށް 30 ބަސްތާ ހަނޑޫ، 30 ބަސްތާ ފުށް އަދި 15 ބަސްތާ ހަކުރަށް ވާ ފައިސާ ޖަމާކޮށްފައެވެ.

Advertisement

އެހެންނަމަވެސް ދެ ދުވަސް ފަހުން ހޮނިހިރު ދުވަހު މެންދުރު އެސްޓީއޯ އިން ވަނީ އެ އެޖެންޓަށް ގުޅާފައި އެޖެންޓް އަމިއްލަ އަށް އުލިގަމަށް ކާޑު ގެންދިއުމަށް އެދިފައެވެ. އުލިގަމުގައި މިހާރު އާއްމުން އުޅެމުން ދަނީ ގޭބިސީތަކުގައި ހުރި ކާޑުން ފުއްދައިގެން ކަމަށްވުމާއި އެކު "ރާއްޖެ އެމްވީ" އިން ރިޕޯޓްކުރުމުން، އެސްޓީއޯ އިން އަނެއްކާވެސް އުލިގަމުގައި ކާޑު ފޯރުކޮށްދޭ އެޖެންޓަށް ވަނީ ގުޅާފައެވެ. އެނގިފައިވާ ގޮތުން އެސްޓީއޯ އަށް އޭނާ ވަނީ ރަށުގައި ކާޑު ގެންނާނެ އުޅަނދެއް މިވަގުތު ނެތްކަން މީގެ ކުރިން ވެސް ސާފުކޮށްދީފައެވެ. ނަމަވެސް އާދިއްތަ ދުވަހު އެސްޓީއޯ އިން އެ އެޖެންޓުގެ ކިބައިން އެދުނީ ކައިރި ރަށަކުން ކާޑު ލިބޭ ގޮތް އެސްޓީއޯ މެދުވެރިކޮށް ހަމަޖެއްސުމުން އޭނާ އަމިއްލަ އަށް ރަށަށް ކާޑު ގެންދިއުމަށެވެ. އޭނާ ވަނީ ކާޑު ގެނައުމުގައި އެސްޓީއޯގެ އެހީތެރިކަމަށް އެދުނު ސަބަބަކީ އަމިއްލަ އަށް ކާޑު ގެނައުމުގައި ދަތިތައް ދިމާވުން ކަމަށް ފާހަގަކޮށްފައެވެ. އެހެންކަމުން އަދިވެސް ރަށަށް ކާޑު ލިބޭނެ އަލި މަގެއް ލިބޭ ގޮތް ވަނީ ނުވެފައެވެ.

އެނގިފައިވާ ގޮތުން މީގެ ކުރިން ވެސް މޫސުމުގެ އަސަރުކޮށް އުލިގަމަށް ކާޑު ލިބުމުގެ ދަތިކަން ދިމާވެއެވެ. އެފަދަ ހާލަތުގައި ތަކުގައި ރަށަށް ބޭނުންވާ ކާޑު ފޯރުކޮށްދެމުން ދަނީ ސަރުކާރުންނެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ނާޒުމީ ސައީދު
- ކޮމެންޓް