ކ. މާލެ
|
31 މެއި 2024 | ހުކުރު 14:13
މި ހަނގުރާމައިގައި ސްރީލަންކާގެ 16 މީހުން ރަޝިއާ ޓްރޫޕް ތަކާއެކު ޔޫކްރެއިން ގައި ހަނގުރާމަ ކުރަނިކޮށް ވަނީ މަރުވެފަ
މި ހަނގުރާމައިގައި ސްރީލަންކާގެ 16 މީހުން ރަޝިއާ ޓްރޫޕް ތަކާއެކު ޔޫކްރެއިން ގައި ހަނގުރާމަ ކުރަނިކޮށް ވަނީ މަރުވެފަ
ރޮއިޓާސް
ޔޫކްރެއިން ރަޝިޔާ ހަނގުރާމަ
ރަޝިއާ-ޔޫކްރެއިން ހަނގުރާމައިގައި ބައިވެރިވާން ގޮސްތިބި އެތައް ސަތޭކަ ލަންކާ މީހުން އަނބުރާ ގެނެވޭތޯ ލަންކާއިން މަސައްކަތް ފަށައިފި
މީގެ ތެރެއިން ބައެއް މީހުން ހަނގުރާމައިގެ އަސީރުންގެ ގޮތުގައި ޔޫކްރެއިންގައި ހައްޔަރު ކޮށްފައި އެބަ ތިބި ކަމަށްވެސް ލަންކާ ސަރުކާރުން ވަނީ ހާމަ ކޮށްފަ

ރަޝިއާ-ޔޫކްރެއިން ހަނގުރާމައިގައި ރަޝިއާ ސިފައިންނާ ބައިވެރިވެގެން ހަނގުރާމަ އަށް ގޮސް ތިބި ލަންކާގެ އެތައް ސަތޭކަ މީހުން އަނބުރާ ގައުމަށް ގެނައުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ލަންކާގެ ފޮރިން މިނިސްޓްރީން ބުރާސްފަތި ދުވަހު ބުނެފިއެވެ.

މީގެ ތެރެއިން ބައެއް މީހުން ހަނގުރާމައިގެ އަސީރުންގެ ގޮތުގައި ޔޫކްރެއިންގައި ހައްޔަރު ކޮށްފައި އެބަ ތިބި ކަމަށްވެސް ލަންކާ ސަރުކާރުން ހާމަ ކޮށްފައި ވެއެވެ.

ލަންކާ ސަރުކާރުން ބުނާ ގޮތުގައި ރަޝިއާ ސިފައިންނާއެކު ހަނގުރާމަ ކުރަން ދިޔަ ލަންކާ މީހުންނަކީ ގަވައިދާ ޚިލާފަށް ދިޔަ ބައެކެވެ. އެމީހުންނަކީ ލަންކާ ސިފައިންގެ ތެރޭގައި ކުރިން މަސައްކަތް ކޮށްފައި ތިބި މީހުން ކަމަށް ވެސް ލަންކާ ސަރުކާރުން ބުނެއެވެ.

ލަންކާ ސަރުކާރުން ހާމަ ކޮށްފައިވާ ގޮތުގައި ރަޝިއާ އެކު ހަނގުރާމަ ކުރަން ދިޔަ ލަންކާ މީހުންގެ ތެރެއިން 455 މީހުން ވަނީ ކޮންބައެއްކަން ދެނެގަނެވިފައެވެ. މީގެ ތެރެއިން މަދުވެގެން 37 މީހަކު ހަނގުރާމައިގައި ޒަޚަމް ވެފައިވާ ކަމަށް ލަންކާއިން ވަނީ ބުނެފައެވެ.

ހަނގުރާމައަށް ދިޔަ ލަންކާ މީހުން އަނބުރާ ގެނައުމަށް ރަޝިއާ ސަރުކާރާ އެކު މަޝްވަރާ ކުރަން އަންނަ ޖޫން މަހު ލަންކާގެ ވަފުދެއް ރަޝިއާ އަށް ދިއުމަށް ރޭވިފައިވާ ކަމަށް ލަންކާގެ ފޮރިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ ތަރަކަ ބާލަސޫރިއާ މިކަމާބެހޭ މައުލޫމާތު ނޫސްވެރިންނާ ހިއްސާ ކުރަމުން ވިދާޅުވިއެވެ.

ހަނގުރާމައިގެ އަސީރުންގެ ގޮތުގައި ޔޫކްރެއިންގައި 10 ނުވަތަ 12 ލަންކާ މީހުން ހައްޔަރު ކޮށްފައި ތިބި ކަމަށާއި އެމީހުން މިނިވަން ކޮށް ގައުމަށް ގެނައުމަށް ލަންކާގެ ރައީސް ރަނިލް ވިކްރަމަސިންހަ ޔޫކްރެއިންގެ ރައީސަށް ވާހަކަފުޅު ދައްކަވާ ގޮތައް ހަމަޖެހިފައިވާ ކަމަށްވެސް ލަންކާގެ ޚާރިޖިއްޔާ އިން ބުނެއެވެ.

މި ހަނގުރާމައިގައި ސްރީލަންކާގެ 16 މީހުން ރަޝިއާ ޓްރޫޕް ތަކާއެކު ޔޫކްރެއިން ގައި ހަނގުރާމަ ކުރަނިކޮށް ވަނީ މަރުވެފައެވެ.

ބާލަސޫރިއާ ހާމަ ކުރި ގޮތުގައި ރަޝިއާ އެކު ހަނގުރާމައިގައި ބައިވެރި ވުމަށް ލަންކާއިން މީހުން ގެންދަނީ އޮޅުވާލައިގެން ބޮޑު މުސާރަ ދޭނެ ކަމަށާއި، ބިން ހަމަ ޖައްސައިދިނުމުގެ އިތުރުން ރަޝިއާގައި ވަޒަންވެރި ވެވޭނެ ގޮތް ހަދައިދޭނެ ކަމަށް ބުނެއެވެ.

ހަނގުރާމަ އަށް ރަޝިއާ އަށް މީހުން ފޮނުވުމުގެ މަސަކަތް ކުރުމުގެ ކުށުގައި ރިޓަޔަރޑް ދެ ޖެނެރަލުން ލަންކާ ފުލުހުން ވަނީ ދާދި ފަހުން ހައްޔަރު ކޮށްފައެވެ.

ރިޕޯޓްތައް ބުނާ ގޮތުގައި ލަންކާގެ އިތުރުން ނޭޕާލް އާއި އިންޑިއާ އިންވެސް މި ހަނގުރާމައިގައި ބައިވެރިވުމަށް މީހުން ގޮސްފައިވެއެވެ. މީގެ ތެރެއިން ބައެއް މީހުން ހަނގުރާމައިގައި މަރުވެފައިވާކަމަށް ރިޕޯތްތައް ބުނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: ނާޒުމީ ސައީދު
ކޮމެންޓް