ފަލަސްތީނަކީ ދިވެހިން އަބަދުވެސް ވަރަށް ބޮޑަށް ލޯބިވާ ތަނެއް ކަމަށް ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.
ފައިސަލް އެހެން ވިދާޅުވީ ފަލަސްތީނުގެ ޣައްޒާއަށް އިސްރާއީލުން ދެމުން ގެންދާ ހަމަލާތަކާ ދެކޮޅު ހެދުމަށް ގޮވާލާ ބޭއްވި ބޮޑު އެއްވުމުގައި ވާހަކަދައްކަވަމުންނެވެ. ފައިސަލް ވިދާޅުވީ ފަލަސްތީނުން ފެނިގެން ދަނީ ފިލްމަކުން ވެސް ބަޔަކާއި މެދު އަމަލުކުރާތަން ނުފެންނަ ވަރުގެ އިހާނެތި ކަމާއި އެކު ފަލަސްތީނުގެ އާއްމުންނާއި މެދު ޢަމަލުކުރަމުންދާ މަންޒަރު ކަމަށެވެ. އޭނާ ވިދާޅުވީ ޤައުމަކަށް ލިބޭނެ އެންމެ ބޮޑު ނިޢުމަތަކީ މިނިވަންކަމަށާއި އެ މިނިވަންކަން ފަލަސްތީނުގެ ކިބައިން ނިގުޅައިގަނެފައިވާ ކަަމަށާއި އެއީ ބަލައިގަނެވޭ ކަމެއް ނޫން ކަމަށް ފައިސަލް ވިދާޅުވިއެވެ. ފަލަސްތީނުގެ ހާލަތަކީ ދިވެހިންނަށް ބަލަން ކެތްވާނެ ފަދަ ހާލަތެއް ނޫން ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ. ދިވެހިންގެ ޤައުމު ކުޑައަސް ރާއްޖޭގެ އަޑު މަޑު ނުވާނެ ކަމަށާއި ފަލަސްތީނުގެ ހައްގުގައި ހިންގާ ހަރަކާތްތައް އިތުރުކޮށް އަޑު އުފުލުމަށް ފައިސަލް ވަނީ އިލްތިމާސް ކުރައްވާފައެވެ. އެ އެއްވުމަށް އައުމުގެ ކުރިން ފަލަސްތީނުގެ ބޮޑުވަޒީރަށް ގުޅުއްވިކަމަށާއި ދިވެހިންނަށް ވެދުން ދެންނެވުމަށް އެމަނިކުފާނު އެދިވަޑައިގަތް ކަމަށް ވެސް ފައިސަލް ވަނީ ވިދާޅުވެފައެވެ.
ގެދޮރުން ނެރެލަނީ އެކަންޏެއް ނޫން. މަރާލަނީ ސްކޫލްގައި ހޮސްޕިޓަލްގައި ތިއްބާވެސް. އެތައް ބަޔަކު ޝަހީދުކޮށްލައިފި. ގިނައިން ކުޑަކުދިން. އަޅުގަނޑުމެން ހިތަށް ގެނެވޭތޯ؟ އަޅުގަނޑު ހިތަށް އަރަނީ އެހެން ތަނެއްގައި މިފަދަ ކަމެއްވެއްޖެއްޔާ ވަރަށް ހަރުއަޑުން ދައްކާ، މި ހުރިހާ ކަމެއް ކުރެވޭ. ދަތި ކުރުމުގެ ފިޔަވަޅު އެޅޭ. މިކަމާއި އަޅުގަނޑުމެން ރުޅިވެސް އާދޭ. ޔުނިވަރސިޓީތަކުގައި އެދަނީ މިކަމާއި މެދު އިހުތިޖާޖު ކުރަމުން، އެއީ ކުރިއެރުމެއް.ފައިސަލް ނަސީމް
އިސްރާ އެސޯސިއޭޝަންގެ އިސްނެގުމުގެ ދަށުން މި އެއްވުން ބާއްވާފައިވަނީ ހުކުރު އާޓިފިޝަލް ބީޗް ސަރަހައްދުގައެވެ. މިއެއްވުމުގެ ބައިވެރިވަނީ ފަލަސްތީނަށް ހަމަލާދެމުން ގެންދާ ސަބަބުތަކާ ތާރީހާ ގުޅޭ ގިނަ ވާހަކަތައް ދައްކާފައެވެ. އެއީ މުސްލިމުންގެ ވަރަށް މުގައްދަސް ބިމެއްކަން ފާހަގަކޮށްފައިވެއެވެ. މިހާރު ވެސް ދިވެހިން ފަލަސްތީނަށް ވަމުން ގެންދާ އެހީތެރިކަން ފާހަގަކޮށްފައިވެއެވެ. އަދި ކުރިއަށް އޮތްތަނުގައި އިތުރަށް މަސައްކަތް ކުރުމަށް ވެސް ވަނީ ގޮވާލާފައެވެ. މީގެ އިތުރުން އިސްރާއީލްގެ އުފެއްދުންތައް ބައިކޮޓްކޮށް، އިސްރާއީލް ޕާސްޕޯޓްގައި ރާއްޖެ އެތެރެވުން މަނާކުރުމަށް ވަނީ ގޮވާލާފައެވެ. މިހަރަކާތުގައި ގިނަ އަދަދެއްގެ އާއްމު ރައްޔިތުން ބައިވެރިވެފައިވެއެވެ.