Advertisement
ކ. މާލެ
|
22 އޯގަސްޓް 2025 | ހުކުރު 15:53
ކުރީގެ ރައީސް އަބްދުﷲ ޔާމީން
ކުރީގެ ރައީސް އަބްދުﷲ ޔާމީން
ޕީޕީއެމް
ޔާމީންގެ ހަޖޫޖެއްސެވުން
ކަލާފާނުގައި ޚާއްސަ އެހީއަށް ބޭނުންވާ ކުދިންގެ ލިފްޓު ކުރީގެ ނައިބު ރައީސް ފައިސަލް ރަސްމީކޮށް ހުޅުވައިދެއްވުމުން އެކަމަށް ހަޖޫޖެއްސެވިން: ޔާމީން
ލިފްޓު ހުޅުވުން ފަދަ ކަންކަން ކުރެއްވުމަށް ގައުމުގެ ރައީސުންނަށް ވަގުތު ލިބޭނެ ކަމަށް އުންމީދެއް ނުކުރަން
ފައިސަލް ލިފްޓު ހުޅުއްވައިދެއްވުމުން ބެލެނިވެރިނާއި، ސްކޫލުން އެކަން ފާހަގަކޮށް ޝަކުރުއަދާ ކޮށްފައިވޭ
ރައީސް މުއިއްޒު ވެސް ރަށަކަށް ވަޑައިގަންނަވާ ގޮތަށް ފުރަތަމަ ބައްލަވަނީ ރެބަން ކަނޑާލެވޭނެ ގޮތަކަށް

ކަލާފާނު ސްކޫލުގައި ޚާއްސަ އެހީ އަށް ބޭނުންވާ ކުދިންނަށް ބެހެއްޓި ލިފްޓު ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް ރަސްމީކޮށް ހުޅުވައިދެއްވުމުން އެކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ހަޖޫޖެއްސެވި ކަމަށް އެމަނިކުފާނު ވިދާޅުވެއްޖެއެވެ.

10 އޯގަސްޓް 2021 ގައި ދިރާސީ އާ އަހަރު ފެށުން ފާހަގަކުރުމަށް ކަލާފާނު ސްކޫލަށް ކުރީގެ ނައިބު ރައީސް ފައިސަލް ވަޑައިގަންނަވައި، ކަލާފާނު ސްކޫލުގައި ޚާއްސަ އެހީ އަށް ބޭނުންވާ ކުދިންނަށް ބެހެއްޓި ލިފްޓު ރަސްމީކޮށް ހުޅުއްވައިދެއްވިއެވެ. އަދި ޖަލްސާ ޝަރަފުވެރިކޮށްދެއްވައި، އެކުދިންނާއެކު ވަގުތުކޮޅެއް ވެސް ހޭދަކުރެއްވިއެެވެ. އެކަން ޚާއްސަ ގޮތެއްގައި ފާހަގަކޮށްފައިވަނީ ޚާއްސަ އެހީއަށް ބޭނުންވާ ކުދިންނަކީ ވެސް މުހިންމު ބައެއްކަން އެކުދިންނަށް އިހުސާސްކޮށް ދިނުމުގެ މަގުސަދުގައި ކަމަށް އޭރު އެޑިޔުކޭޝަން މިނިސްޓްރީން ބުނެފައިވެއެވެ. އަދި އޭރުގެ ސަރުކާރުން ޚާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް ޚާއްސަ އިސްކަމެއް ދެމުންދާތީ އެކަމަށް އެސްކޫލުގެ ފަރާތުން ފާހަގަކޮށް ޝުކުރު އަދާކޮށްފައިވެއެވެ.

މިކަމަށް އިޝާރާތް ކުރައްވައި ބުރާސްފަތި ދުވަހުގެ ރޭ ޕީއެންއެފުން ބޭއްވި ވޭކްއަޕް ޖަލްސާގައި ޔާމީން ވިދާޅުވީ ކުރީ ސަރުކާރުގައި ނައިބު ރައީސް ފައިސަލް ވަޑައިގަންނަވައި، ލިފްޓު ހުޅުއްވައި ދެއްވުމުން އެމަނިކުފާނު ހިމެނޭ ގޮތަށް ޕީޕީއެމް، ޕީއެންސީން އެކަމަށް ހަޖޫޖެހި ކަމަށެވެ. އަދި އެފަދަ ކަންކަން ކުރެއްވުމަށް ގައުމުގެ ރައީސުންނަށް ވަގުތު ލިބޭނެ ކަމަށް އުންމީދު ނުކުރައްވާ ކަމަށް ޔާމީން ވިދާޅުވިއެވެ.

މީހާރުގެ ރައީސް ޑރ.މުހައްމަދު މުއިއްޒަށް އިޝާރާތް ކުރައްވައި ޔާމީން ވިދާޅުވީ ޒުވާނުން ރަށްރަށަށް އަރާފައި، އިންނާނެ މީހުން ހޯދަން މަސައްކަތް ކުރާ ގޮތަށް، ރައީސް މުއިއްޒު ވެސް ރަށަކަށް ވަޑައިގަންނަވާ ގޮތަށް ފުރަތަމަ ބައްލަވަނީ ރެބަން ކަނޑާލެވޭނެ ގޮތަކަށް ކަމަށެވެ.

މި ސަރުކާރަށް ދެއަހަރު ވެގެންދާއިރު، ލައްކަ ގިނަ މަސައްކަތް ކުރެވިދާނެކަމަށް އުންމީދުކުރިކަމަށް ފާހަގަކުރައްވައި ޔާމީން ވިދާޅުވީ މިދެ އަހަރުގެ ތެރޭގައި ބަޖެޓު ފާސްކޮށް، 110 ބިލިއަން ފައިސާ ނަގާފައިވާ ކަމަށެވެ. ނަމަވެސް ރިބަން ކަނޑާމުން ދަނީ 2500 ޑޮލަރަށް ހޯދާފައި ހުންނަ އޭޓީއެމް މެޝިންގެ ކަމަށާއި، އެމެޝިން ވެސް ހޯދަނީ ބޭންކް އޮފް މޯލްޑިވްސްއިން ކަމަށް ޔާމީން ވިދާޅުވިއެވެ.

ފުރަތަމަ ބަލަނީ ރިބަންފަށް ކަނޑާލަން ބަލަނީ ކޮންކަމެއްތޯ. އެވަރިހަމައޭ މޯޗަރީއެއް ހުޅުވަން ވިޔަސް. އެވަރިހަމައޭ ފޫޅުމާ ކޮޓަރިއެއް ހުޅުވަން ޖެހުނަސް. އެކަން ކޮށްދެއްވަނީއޭ. އެއީ ތޯ ރައީސުންގެ ވަގުތު ނަގާލާ ގޮތަކީ. އިބްރާހިމް މުހައްމަދު ސާލިހުގެ ސަރުކާރުގައި ނައިބު ރައީސް ވަޑައިގެން ލިފްޓު ހުޅުވައިދިނީމަ އަޅުގަނޑުމެން ހަޖޫޖެހިން. މުއިއްޒުމެން ވެސް ހަޖޫޖެހި. އަދި ޕީއެންސީ ޕީޕީއެމްގައި ތިބި މީހުން ވެސް ހަޖޫޖެހި. އަޅުގަނޑު ހަމަގައިމު ހަޖޫޖެހިން. އަޅުގަނޑު ނުދެކެން އެހާ ބުރަކޮށް ރައްޔިތުންގެ މަސްލަހަތާ ރައްޔިތުންގެ ބޮޑެތި ހުރިހާ ކަންކަމެއް ނިންމަން ހުންނަ ރައީސުލްޖުމްހޫރިއްޔާ ވަގުތު ލިބޭނެ ކަމަކަށް ނުދެކެމޭ އޭޓީއެމް މެޝިން ހުޅުވައިދިނުމަށް.

ކުރީގެ ރައީސް އަބްދުﷲ ޔާމީން

ކަލާފާނު ސްކޫލުގައި ލިފްޓެއް ނެތުމުންގެ ސަބަބުން ގިނަ ތަކުލީފުތަކެއް ކޮންމެ ދުވަހަކު ވެސް އެ ދަރިވަރުން އުފަލަންޖެހުނު ކަމަށް އޭރު އެސްކޫލުން ބުނެފައިވެއެވެ. އަދި ކަލާފާނު ސްކޫލުގައި ޚާއްސަ އެހީ އަށް ބޭނުންވާ ކުދިންނަށް ބެހެއްޓި ލިފްޓު ކުރީގެ ނައިބު ރައީސް ފައިސަލް ރަސްމީކޮށް ހުޅުވައިދެއްވުމުން އެކަމަށް ޔާމީން ހަޖޫޖެއްސެވި ނަމަވެސް މިކަމަށް ގިނަ ބެލެނިވެރިންނާއި، ދަރިވަރުން ޝުކުރުވެރިވެ އެކަން ފާހަގަކޮށްފައިވެއެވެ.

މީގެ އިތުރުން ޚާއްސަ އެހީއަށް ބޭނުންވާ އެކުދިންނަށް ފަސޭހަ ދިރިއުޅުމެއް ހޯދައިދިނުމަށް ކުރީ ސަރުކާރުން ގިނަ މަސައްކަތްތަކެއް ކޮށްދީފައިވެއެވެ. އެގޮތުން ޚާއްސަ އެހީއަށް ބޭނުންވާ މީހުންނަށް ވެސް ވަޒީފާގެ ފުރުސަތުތައް ފަހިކޮށްދީފައިވެއެވެ.

- ކޮމެންޓް