ކ. މާލެ
|
30 މެއި 2024 | ބުރާސްފަތި 12:38
ބުރުނު ޝިކާރުގެ ޗެމްޕިއަންކަން ހޯދި ކުޑަ އައްޔަ އަށް، ވަޒީރު ރާފިޢު އެވޯޑު ހަވާލު ކުރަނީ
ބުރުނު ޝިކާރުގެ ޗެމްޕިއަންކަން ހޯދި ކުޑަ އައްޔަ އަށް، ވަޒީރު ރާފިޢު އެވޯޑު ހަވާލު ކުރަނީ
ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވުޒާރާ
ޤައުމީ ބޮޑީބޯޑިން ލީގު
ބުރުނު ޝިކާރުގެ ޗެމްޕިއަންކަން ކުޑަ އައްޔަ ހޯދައިފި
މިއީ ކުޑަ އައްޔަ މި މުބާރާތުގެ ޗެމްޕިއަންކަން ހޯދި ފަސް ވަނަ ފަހަރު

ޤައުމީ ބޮޑީބޯޑިން ލީގުގެ ބުރުނު ޝިކާރުގެ ޗެމްޕިއަންކަން، ރާއްޖޭގެ އެންމެ މޮޅު ބޮޑީބޯޑަރު އަލީ ޚުޝްރުވާން އަޙުމަދު (ކުޑަ އައްޔަ) ހޯދައިފި އެވެ.

ބުދަ ދުވަހު ނިމުނު ބުރުނު ޝިކާރު ޗެލެންޖަކީ، މިއަހަރުގެ ޤައުމީ ބޮޑީބޯޑިން ލީގުގެ އެންމެ ފުރަތަމަ މުބާރާތެވެ. މިދިޔަ ހޯމަ ދުވަހު ވަރުނުލާ ރާޅުގަނޑު ސަރަހައްދުގައި ފެށި މުބާރާތް ކުޑަ އައްޔަ ކާމިޔާބު ކުރީ، ބުދަ ދުވަހު އޮތް ފައިނަލްގައި އަލީ ޖާވިދު (ޖާއްޓެ)ގެ މައްޗަށް ކުރި ހޯދައިގެންނެވެ. މިދިޔަ އަަހަރުގެ މުބާރާތުގެ ފައިނަލްގައި ވެސް ކުޑަ އައްޔަ ވާދަކުރި އެވެ. އެފަހަރުގެ ފައިނަލްގައި އަޝްރަފް ޙަސަންއާ ވާދަކޮށް ކުޑަ އައްޔަ އަށް ވަނީ ނާކާމިޔާބުވެފަ އެވެ.

ކުޑަ އައްޔަ އާއި ޖާއްޓެ ވާދަކުރި ފައިނަލް، ކުޑަ އައްޔަ ކާމިޔާބު ކުރީ 11.67 ގެ ސްކޯއަކުންނެވެ. އެއީ ދެ ވަނަ ރާޅުގައި 6.17 ގެ ސްކޯއަކާއި، ނުވަ ވަނަ ރާޅުގައި 5.50 ގެ ސްކޯއަކުންނެވެ. ފައިނަލް ހީޓުގައި ޖާއްޓެ އަށް ލިބުނީ 9.77 ގެ ސްކޯއެކެވެ. އެއީ ފުރަތަމަ ރާޅުގައި 5.50 ގެ ސްކޯ އަކާއި، ތިން ވަނަ ރާޅުގައި 4.27 ގެ ސްކޯ އަކުންނެވެ.

މިއީ ކުޑަ އައްޔަ މި މުބާރާތުގެ ޗެމްޕިއަންކަން ހޯދި ފަސް ވަނަ ފަހަރެވެ. މިދިޔަ އަހަރުގެ ފައިނަލްގައި ކުޑަ އައްޔަ ބަލިވިއިރު، އޭގެ ކުރިން އޭނާ ވަނީ ޖެހިޖެހިގެން ހަތަރު ފަހަރަށް މުބާރާތް ކާމިޔާބު ކޮށްފަ އެވެ.

މީގެ އިތުރުން ކުޑަ އައްޔަ ވަނީ ޑްރޮޕްނީ ކެޓަގަރީގައި ވެސް ވާދަކޮށް، ޗެމްޕިއަންކަން ހޯދައިފަ އެވެ. މި ބައިގެ ފައިނަލްގައި ކުޑަ އައްޔަ ވާދަކުރީ ޒުވާން ބޯޑީބޯޑަރު އާމިން އުމަރު މޫސާއާ އެވެ. ފައިނަލް ހީޓު ކުޑަ އައްޔަ ކާމިޔާބު ކުރީ 10.00 ގެ ސްކޯ އަކުންނެވެ. ފައިނަލް ހީޓުގައި އާމިން އަށް ހޯދުނީ 6.67 ގެ ސްކޯއެކެވެ.

ޖޫނިއާ ކެޓަގަރީގެ ޗެމްޕިއަންކަން ހޯދީ މުޙައްމަދު އަޒާން އަޙުމަދު އެވެ. ފައިނަލްގައި މުޙައްމަދު ޖަރީޝް ޖިހާދުގެ މައްޗަށް އަޒާން ކުރި ހޯދީ 9.90 ގެ ސްކޯ އަކުންނެވެ. ޖަރީޝް އަށް ލިބުނީ 8.10 ގެ ސްކޯ އެކެވެ.

- ކޮމެންޓް