އައިބީސީގެ ވޯލްޑް ޓުއާ އިވެންޓް، ވިވިޓް މޯލްޑިވްސް ޕްރޯ 2024 އަށް ރާއްޖޭގެ ބޮޑީބޯޑަރުން އަންނަނީ ފުރިހަމަ އަށް ތައްޔާރުވަމުން ކަމަށް، ބޮޑީބޯޑިން އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެމްބީބީއޭ) އިން ބުނެފި އެވެ.
މިއަހަރުގެ މޯލްޑިވްސް ޕްރޯ އޮންނާނީ އަންނަ އޯގަސްޓު މަހުގެ އެއް ވަނަ ދުވަހުން ފެށިގެން ނުވަ ވަނަ ދުވަހުގެ ނިޔަލަށެވެ. މިއީ ރާއްޖޭގައި މި މުބާރާތް ބާއްވާ ތިން ވަނަ އަހަރެވެ. މީގެ ކުރިން 2022 ވަނަ އަހަރާއި 2023 ވަނަ އަހަރު ވެސް ރާއްޖޭގައި ވަނީ މި މުބާރާތް ބާއްވައިފަ އެވެ.
މިއަހަރުގެ މުބާރާތް ރަސްމީކޮށް ލޯންޗު ކުރުމަށް ހެންވޭރު ބޯޅަ ގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އެމްބީބީއޭގެ ރައީސް ޙުސައިން ނިޒާމް (ނިޒޯ) ވިދާޅުވީ، ރާއްޖޭގެ ޖޫނިއާ އަދި ސީނިއާ ޤައުމީ ޓީމު ސެލެކްޓު ކޮށްފައިވާނެ ކަމަށެވެ. މުބާރާތެއް އޮތަަސް ނުވަތަ ނެތަސް، އެ ދެ ޓީމު ވެސް މަހަކު 30 ގަޑިއިރުގެ ފަރިތަކުރުންތައް ކުރިއަށް ގެންދަން ޖެހޭނެ ކަމަށެވެ. އަދި ޓީމު ތަކުގެ ޝެޑިއުލް ގައި ވެސް އެކަން ހިމަނާފައިވާނެ ކަމަށް ނިޒާމް ވިދާޅުވި އެވެ.
މީގެ އިތުރުން، އެ ގަޑިތައް ފުރިހަމަ ކުރުމުގެ އިތުރުން މޯލްޑިވްސް ޕްރޯ އަށް ތައްޔާރުވުމުގެ ގޮތުން ވަރަށް ބޮޑު އިސްކަމެއް ދީގެން ފަރިތަކުރަމުން އަންނަ ކަމަށް ވެސް ނިޒާމް ވަނީ ވިދާޅުވެފަ އެވެ. އެގޮތުން ރާޅު ލިބެމުން އަންނަ ވަރަކަށް، ރާޅުގައި ވެސް އެތުލީޓުން ފަރިތަކުރަމުން އަންނަކަން ނާޒިމް ފާހަގަ ކުރެއްވި އެވެ. އޭގެ އިތުރުން އެތުލީޓުން ޖިމަށް ދިޔުމާއި، ޖިސްމާނީ ގޮތުން ފިޓުވުމުގެ މަސައްކަތް ކުރަމުން އަންނަކަން ފާހަގަ ކުރައްވައި ނާޒިމް ވިދާޅުވީ، ނޭވާގެ ތަމްރީނުތައް ވެސް ކުރިއަށް ގެންދާ ކަމަށެވެ.
މޯލްޑިވްސް ޕްރޯ އަށް ތައްޔާރުވުމަށްޓަކައި ވަރަށް އިސްކަމެއް ދީގެން، ރާޅު ދެން ޤުދުރަތީ ކަމަކާ ގުޅިފައި އޮންނާތީ، ހަމަ ރާޅު ލިބޭ ވަރަކުން ރާޅުގައި ޕްރެކްޓިސް ކުރުމާއި، ޖިމްތަކަށް ދާ ފަރާތްތަކުން ގޮސް ފިޒިކަލީ، ބްރީތިން ޓްރެއިނިންތަކާ ކަންކަން ފުރިހަމަ ކުރަމުން އެތުލީޓުން އެބަ ގެންދޭ.ޙުސައިން ނިޒާމް (ނިޒޯ) / ބޮޑީބޯޑިން އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ރައީސް
މުބާރާތާ ގުޅޭ ގޮތުން އިތުރަށް ވާހަކަ ދައްކަމުން ނާޒިމް ވިދާޅުވީ، މިދިޔަ އަހަރުގެ ވޯލްޑް ޓުއާ ނިންމާލިއިރު، ރާއްޖޭގެ ޖޫނިއާ އެތުލީޓަކު 10 ވަނައިގައި އޮތް ކަމަށެވެ. ބޮޑީބޯޑިންގެ ރޭންކިން އާންމުކުރާއިރު، ރާއްޖޭގެ ދިދަ މުޅި ދުނިޔޭގައި ފެންނަކަން ފާހަގަކޮށް ނާޒިމް ވިދާޅުވީ، އެންމެން އެކުވެގެން ކުރާ މަސައްކަތުން މިއަހަރުގެ މުބާރާތުގައި ކުރިއަށް ވުރެ ރަނގަޅު ކާމިޔާބީއެއް ނުވަތަ ނަތީޖާއެއް ނެރެވޭނެ ކަމުގެ އުންމީދު އޮތް ކަމަށެވެ.
ރާއްޖޭގައި މިދިޔަ ދެ އަހަރު ބޭއްވި މޯލްޑިވްސް ޕްރޯ އިވެންޓުގައި ވެސް ރާއްޖޭގެ އެތުލީޓުން ވަނީ ރަނގަޅު ކާމިޔާބީތަކެއް ހޯދައިފަ އެވެ. އެއާއެކު ރާއްޖޭގެ އެތުލީޓުންނަށް ދުނިޔޭގެ ރޭންކިން އިން ޖާގަ ލިބުނެވެ.