ކ. މާލެ
|
28 މެއި 2024 | އަންގާރަ 10:08
ރައީސް މުއިއްޒު އާއި ފޮރިން މިނިސްޓަރ ޒަމީރު
ރައީސް މުއިއްޒު އާއި ފޮރިން މިނިސްޓަރ ޒަމީރު
ބޮސްނިއާ ގަތުލްއާއްމު ރާއްޖެއިން ބަލައިނުގަތުން
ހާމައަށް ފެންނަން އޮތް ހަޤީގަތްވެސް އޮޅުވާލައްވަނީތޯއެވެ؟
ރާއްޖެއިން ވަކި ކޮޅަކަށް ވޯޓެއް ނުދޭ
ގަރާރު ފާސްކުރަން އައިއޯސީގެ 26 ގައުމަކުން ވޯޓު ދިން

މި ސަރުކާރުން އަބަދުމެ މެދުކެނޑުމެއް ނެތި ދައްކަވަނީ ދީނާއި ސިޔާސަތު ވަކި ނުކުރެވޭނެ ވާހަކައެވެ. ވިދާޅުވަނީ ތިމަންނާ މެންނަކީ އިސްލާމީ ވަޙުދަތު ދަމަހައްޓަން ސަރުކާރަށް އައި ބައެއް ކަަމަށެވެ. ނުވިތާކަށް ތިމާމެން ނޫން ބަޔަކަށް ޤައުމުގެ އިސްލާމީވަންތަ ސިފަ ދެމެހެއްޓުމުގެ ލަޔާގަތުކަން ލިބިގެން ނެތް ކަމަށް ވެސް މިވެރިން އައީ ބުނަމުންނެވެ. މި ސަރުކާރުގެ އަބަދުގެ ތަރާނާ އަކީ މި ސަރުކާރުން ދީނާއި ޤައުމިއްުޔަތު ދިރުވާނެ ކަމުގެ ވާހަކައެވެ. ޙުދު ރައީސުލްޖުމްހޫރިއްޔާވެސް ޤައުމީ ފެންވަރުގައި ފާހަގަކުރާ ދުވަހެއް ވިއްޔާ އެ ދުވަހެއްގެ ޖަލްސާގައި އާއި ދެއްވާ ހިޠޯބުގައި ވެސް އެންމެ ގިނައިން ތަކުރާރުކުރައްވާ ވާހަކަ އަކީ ހަމަ ދީނާއި ޤައުމިއްޔަތުގެ ވާހަކައެވެ. އެހެންކަމުން ދިވެހިން ތިބީ އެ ވާހަކަތަކަށް ނުހަނު އިތުބާރުކޮށްގެންނެވެ. ރާއްޖެ އިސްލާމީ ޤައުމުތަކާއި، މުސްލިމުންގެ ހައްގުގައި މަތިހަށި ނަގާފައި، ފިސާރި ކެރިގެން ވަކާލާތުކުރާނެ ދައުރަކަށް މި ދައުރު ވެގެންދާނެ ކަމަށް ރައްޔިތުން އުއްމީދުކުރިއެވެ.

އެކަމަކު ކަން ވަނީ އެއާއި ދިމާ އިދިކޮޅަށެވެ. ސަރުކާރުގެ އެންމެ ޢަމަލަކުން ވެސް ރައްޔިތުން މާޔޫސްކޮށްލައިފިއެވެ. ސަރުކާރުގެ ބަހާއި ޢަމަލާއި ދިމާކުރަން ލިބުނު އެންމެ ރަނގަޅު ފުރުސަތަކީ 1995ގައި ބޮސްނިއާގައި އެތައް ހާސް މުސްލިމުންނެއް މަރާލާ ހިންގި ގަތުލުއާންމުގެ ހަނދާން އާކުރާ ދުވަހެއްގެ ގޮތުގައި ކޮންމެ އަހަރެއްގެ ވެސް 11 ޖުލައި ހަމަޖައްސަން ނެގި ވޯޓެވެ. އދ. އާންމު މަޖިލީހުގައި މެއި 23, 2024 ގައި ނެގި ވޯޓުގައި ރާއްޖެއިން ވޯޓު ދިން ގޮތް ވެގެން ދިޔައީ އެންމެންނަށް ވެސް ސިހުން ގެނުވި ކަމަކަށެވެ. 84 ގައުމުގެ ތާއީދާއެކު އެ ޤަރާރު ފާސްކުރި އިރު ރާއްޖެ ހިމެނުނީ އެއްވެސް ކޮޅަކަށް ވޯޓުނުލާ 68 ޤައުމުގެ ތެރޭގައެވެ. މިއީ މި ސަރުކާރުގެ ކިބައިން އެއްވެސް ބަޔަކު އުއްމީދުކޮށްގެން ތިބި ކަމެއް ނޫނެވެ.

މުސްލިމުންނާއި ދެކޮޅަށް ހިންގި ލާއިންސާނީ ޖަރީމާ އާއި ދެކޮޅަށް ބަސްބުނަން ލިބުނު މިފަދަ ހައްސާސް ފުރުސަތެއްގައި މުޅި އިސްލާމީ ދުނިޔޭގެ ކުރިމަތީގައި ރާއްޖެ އިސްޖަހާލަން މަޖުބޫރުވިއެވެ. ބޮސްނިއާގައި ހިންގި ޤަތުލުއާންމުގެ ޝިކާރައަކަށްވި މުސްލިމް އަހުންގެ ހައްގުގައި މީގެ ކުރިން ރާއްޖެއިން އައީ ފާޅުގައި ވަކާލާތުކުރަމުންނެވެ. ދިވެހިރާއްޖެއަކީ ނިސްބަތުން މީސްކޮޅު މަދު، ކުޑަ ޤައުމަކަށް ވިޔަސް، މި މައްސަލައިގައި ރާއްޖޭގެ ސިޔާސަތާއި ދެކޭގޮތް ވަރަށް ސާފުކޮށް އަޑުހަރުކޮށް ރާއްޖެއިން އައީ އިއްވަމުންނެވެ. ރާއްޖެއިން އައީ އެ ގަތުލުއާންމު ބަލައިނުގަނެވޭނެކަަމަށް ބުނެ ހަރުއަޑުން އެކަން ކުށްވެރިކުރަމުންނެވެ. އެހެންކަމުން ކުއްލިއަކަށް ފަހަތު ފަޔަށް ބުރަވެ، އެއްވެސްކޮޅަކަށް ވޯތު ނުދޭން ރާއްޖެއިން ނިންމުމުން އާއްމުން ސުވާލު ނު އުފައްދާ ނުތިބޭނެކަން ޤައިމެވެ.

އެންމެންގެ ވެސް ސުވާލަކަށް ވީ މި ސަރުކާރުން ރާއްޖޭގެ ސްޓޭންޑް ބަދަލުކުރީ ކީއްވެގެންތޯ ކުރި ސުވާލެވެ. އެވަރު ނިންމުމެއް ނިންމީ ކޮން ވިސްނުމެއްގައިތޯ އެތައް ބަޔަކު ސުވާލު ކުރިއެވެ. އަދި އެކަން ކުރީ ކޮން ބައެއްގެ ނުފޫޒު އޮވެގެންތޯ ވެސް އައީ ސުވާލުކުރަމުންނެވެ. އެ ސުވާލުތަކަށް ސަރުކާރުން ދިނީ ބީރު ކަންފަތެކެވެ. މިހާތަނަށް ވެސް ރަސްމީ ޖަވާބެއް މިކަމުގައި ދެއްވާފައެއް ނެތެވެ. ކުޑަމިނުން ސަރުކާރުގެ ސްޓޭންޑާއި ވިސްނުން ސާފުކޮށްދިނުމަށް ބަޔާނެއްހާ މިންވަރުވެސް އާއްމުކުރައްވާފައެއް ނުވެއެވެ. އެހެންނަމަވެސް ރައްޔިތުންގެ ސުވާލުތަކުގެ އަޑު ގަދަވެ، ކޮންމެވެސް އެއްޗެއް ނުބުނެ ތިބެވެން ނެތްކަން ޔަޤީންވި ހިސާބުން ސަރުކާރުން ބެލީ އެ މައްސަލައިގެ ހަގީގަތް އޮޅުވާލެވޭތޯއެވެ. ސަރުކާރުން ހިތް ރުހޭ ބައެއް ނޫސްތަކަށް ދެއްވި މެސެޖަކީ ބޮސްނިއާގެ ގަރާރުގައި ރާއްޖެއިން ވޯޓުލީ އިސްލާމީ ގައުމުތަކުގެ ވިސްނުމާ އެއްގޮތަށް ކަމަށް ބުނެ ދިން މެސެޖެވެ. ހަގީގަތް އޮޅޭ ފަދަ މަންޒަރެއް ކުރަހަން ސަރުކާރުން މަސައްކަތް ކުރި އިރު ކަން އޮތީ އެއާއި މުޅިން ދިމާ އިދިކޮޅަށެވެ. ސަރުކާރުން މަސައްކަތް ކުރީ މިފަދަ ވޯޓުތަކުގެ ނަތީޖާ ބަލާ ގޮތާއި އުސޫލު ވެސް އޮޅުވާލައްވާށެވެ. ކޮންމެވެސް ބަހަނާއެއް ދައްކަވަންވާނެތާއެވެ.

ހަގީގަތުގައި ބޮސްނިއާ ގަރާރުގެ ވޯޓުގައި ބައިވެރިވީ 48 ގައުމުންނެވެ. ގަރާރު ފާސްކުރަން އައިއޯސީގެ 26 ގައުމަކުން ވޯޓު ދިނެވެ. އެއީ ވޯޓުގައި ބައިވެރިވި ގައުމުތަކުގެ 54 ޕަސެންޓެވެ. އެހެންކަމުން އައިއޯސީގެ ގިނަ ގައުމުތަކުން މި ގަރާރަށް ތާއިދުކުރިކަން ހާމަކަން ބޮޑުކޮށް އެ އޮތީ ފެންނާށެވެ. މި ގަރާރަށް ވަކި ކޮޅަކަށް ވޯޓު ނުދޭ 19 ގައުމެއް އޮތް އިރު ގަރާރު ފާސްކުރަން ނުފެންނަ ކަމަށް ވޯޓުދީފައި ވަނީ އެންމެ 3 ޤައުމުންނެވެ. އެހެންނަމަވެސް ވަކިކޮޅަކަށް ވޯޓު ނުދޭ ޤައުމުތަކާއި، ވޯޓުގައި ބައިވެރި ނުވާ 8 ގައުމު ވެސް ހިމަނައިގެން ސަރުކާރުން މަސައްކަތް ކުރަނީ ޤަރާރަށް ތާއީދު ނެތްކަމަށް ދައްކަންށެވެ. އަދި އިސްލާމީ ޤައުމުތަކުން ވެސް މި ޤަރާރަށް ވޯޓު ނުދޭ ކަމަށް ބުނެ ދައްކަވަނީ ވެސް ރޯ ބުހުތާން ދޮގު ވާހަކަތަކެވެ. މިހާ ހާމަކަން ބޮޑު ޒަމާނެއްގައި މިފަދަ ކަންކަން އޮޅުވާލައްވަން އުޅުއްވުމަކީ ކިހާ ލަދުވެތިކަމެއްތޯއެވެ؟

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: ނާޒުމީ ސައީދު
ކޮމެންޓް
- ގުޅުންހުރި
ވައުދުވީ މަސްވެރިންނަށް ޑިއުޓީ މަޢާފުކޮށް، ލޯނު ފަސޭހަކޮށް، މިފްކޯގެ ހިއްސާ ދޭން - ލިބުނީ ލޮޓި
ވެރިކަން ބަދަލުވިއިރު ރާއްޖޭގެ އިގްތިސާދު ދިޔައީ ބާރަށް ކުރިއަރަމުން - އަމީރު
ރާއްޖޭގެ ޚާރިޖީ ވަޒީރު ޒަމީރު އެމެރިކާގެ ޚާރިޖީ ވަޒީރު ބްލިންކަން އާ ބައްދަލު ކުރައްވައިފި
13.7 ބިލިއަން ރުފިޔާ ނެގީ އެމްއެމްއޭ އިން، މިއީ ހަމަ ފައިސާ ޗާޕްކުރުން - ކުރީގެ ރައީސް ޔާމީން
އިސްރާއިލު ޕާސްޕޯޓް މަނާކުރުމަށް ނިންމި މައްސަލައިގައި އެމެރިކާގެ ޕްރެޝަރު ރާއްޖެއަށް ބޮޑުވެފައި އޮއްވާ ޒަމީރު އެގައުމަށް
މި ސަރުކާރުގެ ޚާރިޖީ ސިޔާސަތު އޮތީ ހެނދުނު ފުރައްސާރަ ކުރުމަށްފަހު، ހަވީރު ފިރުމާ ގޮތަށް!
އިންޑިއާ ވާނީ އަދި އަބަދުވެސް އޮންނާނީ އެންމެ ގާތް އެކުވެރިޔާ ކަމުގައި: ޚާރިޖީ ވަޒީރު ޒަމީރު
ލަންކާގެ ރައްޔިތުން ރެމިޓެންސް ފޮނުވުމުގައި ރާއްޖެ އިން ކަނޑައަޅާފައިވާ ލިމިޓް މުރާޖައާކޮށް، ލުއިގޮތްތަކެއް ކަނޑައަޅާ ދިނުމަށް އެ ގައުމުން އެދިއްޖެ