ކ. މާލެ
|
27 މެއި 2024 | ހޯމަ 17:41
ރާއްޖޭން އެދުވަހު ލަދުގަތް ކަމަށް ބުނި މައްސަލަ ވޯޓަކާ ހަމަ އަށް މި އާދެވުނީ އޭގެ 31 އަހަރު ފަހުން
ރާއްޖޭން އެދުވަހު ލަދުގަތް ކަމަށް ބުނި މައްސަލަ ވޯޓަކާ ހަމަ އަށް މި އާދެވުނީ އޭގެ 31 އަހަރު ފަހުން
ބޮސްނިއާ ގަތުލްއާއްމު ރާއްޖެއިން ބަލައިނުގަތުން
މުސްލިމުން ނެތިކޮށްލަން ބޮސްނިއާގައި ހިންގި ގަތުލުއާއްމު ރައީސް މުއިއްޒަށް އޯކޭވިޔަސް އެކަން ދިވެހި މުސްލިމް ރައްޔިތުންނަށް އޯކޭ އެއް ނުވާނެއެވެ!
ބޮސްނިއާގެ މުސްލިމުންގެ ހައްގުގައި އ.ދ ގައި އެ ދުވަހު ވޯޓު ނުދިން ހަމައެކަނި މުސްލިމް ގައުމަކީ ވެސް ދިވެހި ރާއްޖެ
ސްރެބްރެނިޓްސާގައި ހިންގި ގަތުލުއާއްމަކީ ދެވަނަ ބޮޑު ހަނގުރާމައިގެ ފަހުން ދުނިޔޭގައި ހިންގި އެންމެ އަނިޔާވެރި އެންމެ ބިރުވެރި އެއް އަމަލު

ބޮސްނިއާގެ ސާބް ދަރިކޮޅިގެ ސިފައިން 1995 ވަނަ އަހރު ޖުލައި 11 ގައި ސްރެބްރެނިޓްސާ އަށް އަރާ އެތަން ހިފުމުގެ މައިގަނޑު އަމާޒަކަށްވީ އެތަނުން މުސްލިމުންގެ ދަރިފަސްކޮޅުވެސް ފުހެލުމެވެ. އެއާއެކު ސާބް ސިފައިން ޓާގެޓް ކޮށްގެން މަރަމުން ދިޔައީ މުސްލިމް ފިރިހެނުންނާއި ފިރިހެން ކުދިންނެވެ. އެތައް ހާސް މުސްލިމުން ސްރެބްރެނިޓްސާ އިން މިގޮތުން މަރާ ހުސްކުރިއެވެ.

ސްރެބްރެނިޓްސާގައި ހިންގި ގަތުލުއާއްމަކީ ދެވަނަ ބޮޑު ހަނގުރާމައިގެ ފަހުން ދުނިޔޭގައި ހިންގި އެންމެ އަނިޔާވެރި އެންމެ ބިރުވެރި އެއް އަމަލެވެ. ޚާއްސަކޮށް މުޅި ދުނިޔޭގެ ކަންކޮޅުތަކެއްގައި އުޅޭ މުސްލިމުންނަށްވެސް މި މަންޒަރުތައް ވެގެން ދިޔައީ ހިތައް ކެތްކުރަން އުނދަގޫ މަންޒަރުތަކަކަށެވެ.

ޖަރީމާތައް ތަހުގީގު ކުރެވުނެވެ. ނަތީޖާ ވަރަށް ސާފެވެ. އިންޓަނޭޝަނަލް ކްރިމިނަލް ޓްރިބިއުނަލް ފޯ ދަ ފޯމާ ޔޫގޯސްލާވިއާ އާއި އިންޓަނޭޝަނަލް ކޯޓު އޮފް ޖަސްޓިސް އިންވެސް ނިންމާފައިވަނީ ސްރެބްރެނިޓްސާގައި ސާބުން ހިންގާފައިވަނީ ގަތުލުއާއްމެއް ކަމަށެވެ.

ބަޔަކު ބޭނުންވަނީ މިއީ ނުވާ ކަމެއްގެ ގޮތުގައި ހަދާ ތާރީޚަށް ފަސްއަޅާ ފޮރުވާލުމެވެ. އެކަމަކު އެކަން އެހެން ވާނޭ ގޮތެއް އޮންނާނެ ހެއްޔެވެ؟ މި އަނިޔާވެރި ކަމަށް އަހަރު ތަކެއް ފާއިތުވެ ދިޔަޔަސް އުފެދުނު ރޯ ޒަޚަމްތައް ފިލައިގެންނެއް ނުދެއެވެ. ނުވެސް ދާނެއެވެ.

އެހެން ކަމުން ބޮސްނިއާގެ މުސްލިމުންގެ ހައްގުގައި އެމީހުންނަށް އިންސާފުގެ ރަހައިގެ އެއްވެސް މިންވަރެއް ލިބުމަށް އެދޭ ފަރާތަކުން ނަމަވެސް ފުރަތަމަ ކަމަކަށް މިއީ ހިންގި ގަތުލުއާއްމެއް ކަމަށް ގަބޫލު ކުރަން ޖެހެއެވެ. އެއާ އެކު، މަރާލެވުނު އެތައް ހާސް ބައެއްގެ ހައްގުގައި އެ ހިތްދަތި ހަނދާން އާކުރުމުގައި ބައިވެރިވެލާން ޖެހެއެވެ.

އދ. އަށް މި މައްސަލައިގައި ހުށަހެޅި ގާރާރުގެ މައިގަނޑު މަގްސަދަކީ ވެސް މިއީއެވެ. މެއި މަހުގެ 23 ގައި އދ ގައި ނެގި ވޯޓުގެ ބޭނުމަކީ އެއީއެވެ. 1995 ވަނަ އަހަރު ބޮސްނިއާގެ ސްރެބްރެނިޓްސާގައި ހިންގީ ގަތުލުއާއްމެއްކަން ބަލައިގަތުމާއި، އެ ގަތުލު އާއްމުގައި ދުނިޔެ ދޫކުރި މީހުންގެ ހަނދާނުގައި ކޮންމެ އަހަރަކު ދުވަހެއް ފާހަގަ ކުރުމެވެ.

ކޮންމެ އަކަސް އދ އަށް ހުށަހެޅި ގަރާރު ފާސްވެއްޖެއެވެ. އެއާއެކު ކޮންމެ އަހަރެއްގެ ޖުލައި މަހުގެ 11 ވަނަ ދުވަހަކީ "އިންޓަރނޭޝަނަލް ޑޭ އޮފް ރިފްލެކްޝަން އެންޑް ކޮމަމޮރޭޝަން އޮފް ދަ 1995 ޖިނޮސައިޑް އިން ސްރެބްރެނިޓްސާ" ގެ ނަމުގައި ދުނިޔޭގައި ފާހަގަ ކުރާ ދުވަހެވެ. ގަރާރު ފާސްކުރަން ފެންނަ ކަމަށް 84 ގައުމުން ވޯޓު ދިނެވެ. ގަރާރާ ދެކޮޅަށް 19 ގައުމުން ވޯޓު ދިނެވެ. ވަކި ކޮޅަށް ވޯޓު ނުދޭ 68 ގައުމު ތިއްބެވެ. ދިވެހި ރާއްޖެ ހިމެނެނީ ވަކި ކޮޅަކަށް ވޯޓު ނުދޭ ގައުމުތަކުގެ ތެރޭގައެވެ. މިވީ ކިހިނެއް ހެއްޔެވެ؟

މި އުޅެނީ މުސްލިމް ދަރިފަސްކޮޅު ގައުމަކުން މުޅިން ފޮހެލަން އަދުއްވުންގެ ބަޔަކު ހިންގި އަމަލެއް ކުށްވެރި ކުރާށެވެ. މުސްލިމުންނީ އަޚުންތަކެކޭ ބުނާ ހަނދާން ހުރެފައި، އެއް ހަށިގަނޑެއްގެ ގޮތުގައި ހުރިހާ މުސްލިމުން ދުށުމަށް ލިބިފައި އޮންނަ ދަރުސް ގަބޫލު ކުރެވިފައި އޮތީމާ ރާއްޖޭން މިކަން ކުރި ގޮތާ މެދު ސުވާލު އުފެދުނީއެވެ. އެވާހަކަ ބާއްވާށެވެ. މިއީ ރާއްޖޭގެ ޚާރިޖީ ސިޔާސަތު ކުރިން މާ ސާފުކޮށް ހާމަ ކޮށްފައިވާ މައްސައެކެވެ. ރަނގަޅެވެ. ސަރުކާރު ބަދަލުވީމާ ސިޔާސަތު ބަދަލުވެދާނެއެވެ. އެކަމަކު މި މައްސަލައިގައި ސިޔާސަތައް އެހާބޮޑު ބަދަލެއް އަންނާނީވީ ކީއްވެ ހެއްޔެވެ؟ ކޮން ސަބަބަކާ ހެދިހެއްޔެވެ؟

1993 ވަނަ އަހަރު އ.ދ ގެ ޔޫއެން ޖެނެރަލް އެސެމްބްލީގައި އޭރުގެ ޚާރިޖީ ވަޒީރު ފަތުޙުﷲ ޖަމީލު ބޮސްނިޔާ މައްސަލާގައި ހާމަކުރެއްވި ސްޓޭޓްމަންޓް

1993 ވަނަ އަހަރު އ.ދ ގެ ޔޫއެން ޖެނެރަލް އެސެމްބްލީގައި އޭރުގެ ޚާރިޖީ ވަޒީރު ފަތުޙުﷲ ޖަމީލު ބޮސްނިޔާ މައްސަލައިގައި ރާއްޖޭން ދެކޭ ގޮތް ވަރަށް ސާފު އިބާރާތުން ހާމަ ކުރައްވަމުން ވިދާޅުވީ ރާއްޖޭން ބޮސްނިއާގެ ގަތުލުއާއްމު ކުށްވެރި ކުރާކަމަށެވެ.

ޚާރިޖީ ވަޒީރު ވިދާޅުވެފައިވަނީ ބޮސްނިއާ-ހަޒަގޮވީނާގައި ހިންގަމުންދާ ގަތުލުއާއްމުން މުޅި އ.ދ ލަދު ގަންނަވާލައިފި ކަމަށެވެ. ބޮސްނިއާގައި ހިންގަމުންދާ ޖަރީމާ ވަޒީރު ސިފަ ކުރެއްވީ އދ. މެމްބަރެއްގެ ގޮތުގައި އޮތް ކުޑަ ގައުމެއްގެ މުޅި އާބާދީ ފާޅުކަން ބޮޑު ގޮތެއްގައި ނައްތާލަމުން ދިއުން ކަމުގައެވެ. އދ ގެ ޗާޓަރުގައި ބަޔާން ކޮށްފައިވާ ގޮތައް އެ މައްސަލައިގައި ހަރުދަނާ ފިޔަވަޅުތަކެއް އަޅަން ޖެހޭނެ ކަމަށް ވެސް ރާއްޖޭން ބުނެފައިވެއެވެ.

ރާއްޖޭން އެދުވަހު ލަދުގަތް ކަމަށް ބުނި މައްސަލަ ވޯޓަކާ ހަމަ އަށް މި އާދެވުނީ އޭގެ 31 އަހަރު ފަހުންނެވެ. އެކަމު ކަން ހިނގި ގޮތް ނިކަން ބައްލަވާށެވެ. ސްރެބްރެނިޓްސާގެ ގަތުލުއާއްމު ކުށްވެރިކޮށް އެ ގަތުލުއާއްމުގެ ހިތްދަތި ހަނދާންތައް އައު ކުރަން ދުވަހެއް ފާހަގަ ކުރަން ނެގި ވޯޓުގައި ރާއްޖޭން ވޯޓުގައި ބައިވެރި ނުވެ ތިބީއެވެ.

ބޮސްނިއާގެ މުސްލިމުންގެ ހައްގުގައި އ.ދ ގައި އެ ދުވަހު ވޯޓު ނުދިން ހަމައެކަނި މުސްލިމް ގައުމަކީ ވެސް ދިވެހި ރާއްޖެއެވެ.

ކޮންމެ އަހަރެއްގެ ޖުލައިގެ މަހުގެ 11 ވަނަ ދުވަހު ދުނިޔޭން ސްރެބްރެނިޓްސާގެ ގަތުލުއާއްމުގެ ހަނދާންތައް އާކުރާނެއެވެ. އެހަނދާން އާކުރާ ކޮންމެ ދުވަހަކު އެކަމުގައި ރާއްޖޭން އަމަލު ކުރި ގޮތުގެ ހަނދާންވެސް އާވެގެން ދާނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: ނާޒުމީ ސައީދު
ކޮމެންޓް