ކ. މާލެ
|
27 މެއި 2024 | ހޯމަ 12:47
އެޑިޔުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު
އެޑިޔުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު
މިހާރު
މާލޭސިޓީގެ ސްކޫލުތަކުން ޖާގަ ދިނުން
މާލޭސިޓީގެ ސްކޫލުތަކަށް ބަދަލުވުމަށް ފޯމް ހުށަހެޅި ހުރިހާ ދަރިވަރުންނަށް މާލޭގެ ސްކޫލުތަކުން ޖާގަ ކަށަވަރުކޮށްދީފައިވޭ: މިނިސްޓަރު
ގިނަ އަދަދެއްގެ ދަރިވަރުން މާލެސިޓީގެ ސްކޫލުތަކަށް ބަދަލުވުމަށް ފޯމް ހުށަހަޅާފައިވޭ
މާލޭގެ ސްކޫލުތަކުގެ ގްރޭޑް އެކަކަށް ވަނުމަށް 2250 ދަރިވަރުން ފޯމް ހުށަހެޅި
ގިނަ ދަރިވަރުންނަށް ފުރުސަތު ހޯދައިދިނުމުގެ ގޮތުން ސަލާހުއްދީން ސްކޫލު ދެ ދަންފަޅިއަށް ކިޔަވައިދޭ ގޮތަށް ވަނީ ހަމަޖައްސާފައި

މާލޭސިޓީގެ ސްކޫލުތަކަށް ބަދަލުވުމަށް ފޯމް ހުށަހެޅި ހުރިހާ ދަރިވަރުންނަށް މާލޭގެ ސްކޫލުތަކުން ޖާގަ ކަށަވަރުކޮށްދީފައިވާ ކަމަށް އެޑިޔުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު ވިދާޅުވެއްޖެއެވެ.

އަތޮޅުތެރޭގެ ދަރިވަރުންނަށް މާލެ ސަރަހައްދުގެ ސްކޫލުތަކުން ޖާގަ ދިނުން މިހާރު ހުއްޓާލާފައިވާ ކަމަށް ވަނީ އަޑުތައް ފެތުރިފައެވެ.

ނަމަވެސް ދައުލަތުގެ މީޑިއާގައި އެޑިޔުކޭޝަން މިނިސްޓަރު ވިދާޅުވީ ރާއްޖޭގެ އެއްވެސް ސްކޫލަކަށް ދަރިވަރަކު ވަނުމަށް ފޯމް ހުށަހަޅާފައިވާކަމަށްވާނަމަ އެފުރުސަތު ފަހިކޮށްދީފައިވާ ކަމަށާއި، ޖާގަ ނުދީ ނޯންނާނެ ކަމަށެވެ.

މިއަހަރުގެ ދިރާސީ އައު އަހަރާއި ގުޅިގެން ގިނަ އަދަދެއްގެ ދަރިވަރުން މާލެސިޓީގެ ސްކޫލުތަކަށް ބަދަލުވުމަށް ފޯމް ހުށަހަޅާފައިވާކަން ފާހަގަކުރައްވައި މިނިސްޓަރު ވިދާޅުވީ 1126 ދަރިވަރުންނަށް ފޯމް ހުށަހެޅި ކަމަށާއި، އެހުރިހާ ދަރިވަރުންނަށް މާލޭގެ ސްކޫލުތަކުން ޖާގަ ކަށަވަރުކޮށްދީފައިވާ ކަމަށެވެ. އަދި މާލޭގެ ސްކޫލުތަކުގެ ގްރޭޑް އެކަކަށް ވަނުމަށް 2250 ދަރިވަރުން ފޯމް ހުށަހެޅި ކަމަށާއި، އެދަރިވަރުންނަށް ވެސް އެފުރުސަތު ފަހިކޮށްދީފައިވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މީގެ އިތުރުން މިނިސްޓަރު ވިދާޅުވީ ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ވަރަށް ގިނަ ދަރިވަރުން ދިރިއުޅެމުން ގެންދާ ކަމަށާއި، ވަރަށް ގިނަ ދަރިވަރުން ސްކޫލަށް އައުމަށް ދިގު ދަތުރެއް ކުރަންޖެހޭ ކަމަށެވެ.

އެގޮތުން ބައެއް ދަރިވަރުން ބަހުގައި، އަނެއް ބައި ދަރިވަރުން ސައިކަލުގައި ބްރިޖު ހުރަސްކުރާ ކަމަށާއި، އެއީ ބެލެނިވެރިންނަށް އޮތް ދައްޗެއް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އަދި ވިދާޅުވީ އެއީ ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ހުރި ސްކޫލުތަކުން ހުރިހާ ދަރިވަރުންނަށް ޖާގަ ނުލިބުމުގެ ސަބަބުން ދިމާވާ ކަމެއް ކަމަށެވެ. އެހެންކަމުން ގިނަ ދަރިވަރުންނަށް ފުރުސަތު ހޯދައިދިނުމުގެ ގޮތުން ސަލާހުއްދީން ސްކޫލު ދެ ދަންފަޅިއަށް ކިޔަވައިދޭ ގޮތަށް ހަމަޖައްސައި ގިނަ ދަރިވަރުންނަށް ފުރުސަތު ފަހިކޮށްދީފައިވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ދެވަނަ ފިޔަވަހީގައި ގާއިމްކުރެވޭ ސްކޫލުތަކަށް އަލިއަޅުއްވާލައްވާ މިނިސްޓަރު ވިދާޅުވީ މިހާރު ވެސް އާރްސީސީއާ ހަވާލުކުރެވިގެން ސްކޫލެއް އިމާރާތް ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށާއި، ދެން އަންނަ ދިރާސީ އައު އަހަރަކަށް އެސްކޫލު ހުޅުވާނެ ކަމަށް އުންމީދުކުރާ ކަމަށެވެ. މި ސްކޫލާއެކު ސަލާހުއްދީން ސްކޫލު ވެސް އެއްދަންފަޅިއަކަށް ބަދަލުކުރެވި، ގިނަ އަދަދެއްގެ ދަރިވަރުންނަށް ފުރުސަތު ފަހިވާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މާލެއަށް މީހުން މައިގްރޭޓް ކުރުމުގެ ވިސްނުމަކީ އެއީ އެޑިޔުކޭޝަން މިނިސްޓްރީއާ ގުޅިފައި އޮތް ކަމެއް ނޫން ހަގީގަތުގައި. އަޅުގަނޑުމެންގެ ޒިންމާއަކަށްވާނީ ގާތުން ސްކޫލެއް ހުރި ރަށަކަށް ބިމަކަށް ދަރިވަރަކު ހިޖުރަކުރިކަމުގައި ވިޔަސް އެދަރިވަރަކަށް ތައުލީމު ކަށަވަރުކޮށްދިނުން. އެހެންވީމަ ވަރަށް ގިނަ ދަރިވަރުން މިފަހަރު މާލެ އޭރިޔާއަށް ޖާގައަށް އެދުނު. 1126 ދަރިވަރުންނަށް އެޕްލިކޭޝަން ހުށަހެޅި އެހުރިހާ ދަރިވަރުންނަށް ވެސް ވަނީ މާލޭގެ ސްކޫލުތަކުން ޖާގަ ކަށަވަރުކޮށްދެވިފައި. އަދި ހަމައެއާއެކުގައި މާލޭގެ ގްރޭޑް އެކަކަށް ވަންނަ 2250 ދަރިވަރުން އެޕްލިކޭޝަން ހުށަހެޅި އެދަރިވަރުންނަށް ވެސް ވަނީ ހަމަ ސްކޫލުން ޖާގަ ދިނުމުގެ އުސޫލަށް ބެލި ސްކޫލުން ޖާގަ ދިނުމަށް އޮންނަ އުސޫލުތަކާ އެއްގޮތްވާ ގޮތުގެ މަތިން ޖާގަ ކަށަވަރުކޮށްދެވިފައި. ދެންއެއާއެކު އަޅުގަނޑުމެންނަށް ފާހަގަކުރެވުނު އެއްކަމަކީ ހުޅުމާލޭގެ ދެވަނަ ފޭސްގައި ވަރަށް ގިނަ އަދަދެއްގެ ދަރިވަރުން ހުޅުމާލޭގެ ދެވަނަ ފޭސް މިހާރު ދިރިއުޅެމުންދަނީ. ފާހަގަކުރެވުނީ ބަހުގައި ސައިކަލުގައި ވަރަށް ގިނަ އަދަދެއްގެ ދަރިވަރުން މާލެއަންނަ ކަން. ޖާގަ ނެތިގެން. އެހެންވީމަ އެކަން ހައްލު ކުރުމުގެ ގޮތުން ސަލާހުއްދީން ސްކޫލު ދެ ސެޝަނަށް ބަދަލުކުރެވި ގިނަ އަދަދެއްގެ ދަރިވަރުންނަށް އިޖާބަދީފައިވާނެ. ބޭނުމަކަށްވީ ގެއާ ގާތުން ތައުލީމުގެ ފަހިފުރުސަތު ހުރިހާ ދަރިވަރުންނަށް ވެސް ދެވުން.
އެޑިޔުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު

މާލޭސިޓީގެ ސްކޫލުތަކަށް ބަދަލުވުމަށް ފޯމް ހުށަހެޅި ހުރިހާ ދަރިވަރުންނަށް މާލޭގެ ސްކޫލުތަކުން ޖާގަ ކަށަވަރުކޮށްދީފައިވާ ކަމަށް މިނިސްޓަރު ވިދާޅުވެފައިވާއިރު، އަތޮޅުތެރޭގެ ދަރިވަރުންނަށް މާލެ ސަރަހައްދުގެ ސްކޫލުތަކުން ޖާގަ ދިނުން މިހާރު ހުއްޓާލާފައިވާ ކަމަށް ބައެއް މީހުން ދަނީ ތުހުމަތުކުރަމުންނެވެ.

ކޮންމެ އަހަރެއްގެ ވެސް ދިރާސީ އައު އަހަރާ ގުޅިގެން ގިނަ އާއިލާތަކުން މާލެސިޓީއަށް ދިރިއުޅުން ބަދަލުކުރެއެވެ.

- ކޮމެންޓް