ދިވެހި ބަހަށް ނުރައްކާ އެބައޮތް ކަމަށާއި، އެކަން ބަދަލުކުރުމަށް ދިވެހި ބަސް ކިޔަވައިދެވޭ ގޮތް ބަދަލުކުރަންޖެހޭ ކަމަށް ދިވެހި ބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު އާދަމް ނަސީރު އިބްރާހީމް ވިދާޅުވެއްޖެއެވެ.
ހޮނިހިރު ދުވަހު އެ ވުޒާރާއިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވަޒީރު އާދަމް ނަސީރު ވިދާޅުވީ މިހާތަނަށް ކުރެވިފައި ހުރި އިލްމީ ދިރާސާތަކަށް ބަލާއިރު ދިވެހި ބަހަށް ނުރައްކާ އެބައޮތް ކަމަށެވެ. އެއީ ބޭރުގެ ބައެއް ބޭފުޅުން ދިވެހި ބަހާއި ގުޅޭގޮތުން ހެދި ދިރާސާތަކުންނާއި ގައުމީ ޔުނިވާސިޓީގެ ބައެއް ދިރާސާތަކުން ކަމަށް ވަޒީރު ވިދާޅުވިއެވެ. ވަޒީރު ވިދާޅުވީ ދިވެހިބަސް ސަލާމަތް ކުރުމަށް މަސައްކަތް ކުރަންޖެހޭ ކަމަށާއި، ވަކި ކަންތައްތަކެއް ކުރަންޖެހޭ ކަމަށެވެ. އަދި މިއީ ސަމާލުވާންޖެހޭ ކަމެއް ކަމަށް ވަޒީރު ވިދާޅުވިއެވެ.
ދިވެހި ބަހަށް ނުރައްކާ އަންނަ ގޮތާބެހޭ ގޮތުން ވަޒީރު ވިދާޅުވީ ބޮޑެތި ވަމުން އަންނަ ކުދިންނަށް ދިވެހި ބަހުން މުއާމަލާތް ކުރަން ފުރުސަތު ނެތުމާއި، ދިވެހި ބަހުން ވިސްނަން ފުރުސަތު ނެތުން ހިމެނޭ ކަމަށެވެ. އެފުރުސަތު އުފައްދަންޖެހޭ ކަމަށް ވަޒީރު ވިދާޅުވިއެވެ.
މީގެ އިތުރުން ވަޒީރު ވިދާޅުވީ ދުނިޔޭގެ އެހެން ގައުމުތަކުގައި އެބައެއްގެ މާދަރީބަހަށް އިސްކަންދޭ ކަމަށާއި، އެބަސް ކިޔަވައިދޭ ގޮތަށް މިރާއްޖޭގައި މިއަދު ދިވެހިންނަށް ދިވެހި މާދަރީ ބަސް ކިޔައިދެވެން ނެތް ކަމަށެވެ. އެއީ ގިނަ ކުދިން މިއަދު ވިސްނަނީ އެހެން ބަހަކުން ކަމަށްވާތީ ކަމަށް ވަޒީރު ވިދާޅުވިއެވެ.
ވަޒީރު ވިދާޅުވީ އައު ޖީލުގެ ކުދިން ވާހަކަ ދައްކާ ބަހުރުވައަކީ ދިވެހި ބަސް ކަމުގައި ހަދަންޖެހޭ ކަމަށެވެ. އެ ނަތީޖާ ހާސިލު ކުރެވޭނީ އެފުރުސަތު ކުދިންނަށް ފަހިކޮށްދިނުމުން ކަމަށް ވަޒީރު ވިދާޅުވިއެވެ. އެގޮތުން ދިވެހި ބަސް ކިޔަވައިދޭގޮތް ބަދަލު ކުރަންޖެހޭ ކަމަށް ވަޒީރު ވިދާޅުވިއެވެ.
އެހެންވީމަ މި ވުޒާރާއިން ދިވެހި ގައުމިއްޔަތު އިޔާދަކުރުމުގެ ގައުމީ ނިޒާމު މައިގަނޑު އެއް ބޭނުމަކީ އޭގެ ތެރޭގައި ދިވެހި ބަހާއި ބެހޭ ގޮތުން އަޅުގަނޑުމެން ވިސްނާ ވިސްނުމަކީ ދިވެހި ކުދިންވާންޖެހޭނޭ ދިވެހި ބަހުން ވާހަކަ ދައްކާ ކުދިންނަށް. އެ ނަތީޖާ ހާސިލު ކުރެވޭނީ އެފުރުސަތު ކުދިންނަށް ފަހިކޮށްދީނަމަ. އެކަމަށްޓަކައި އަޅުގަނޑުމެން ދެކޭގޮތުގައި ދިވެހި ބަސް ކިޔަވައިދެވޭ ގޮތް ބަދަލުކުރަންޖެހޭ. ދުނިޔޭގެ އެހެންތަނެއްގައި އެބައެއްގެ މާދަރީބަސް ކިޔަވައިދޭ ގޮތަށް އަޅުގަނޑުމެންނަށް މިއަދު ނެތް ދިވެހިންގެ މާދަރީ ބަސް ކިޔަވައިދެވޭކަށް. ސަބަބަކީ މިއަދު ގިނަ ކުދިން ވިސްނަނީ ދިވެހި ބަހަކުން ނޫން. ގިނަ ކުދިން ވިސްނަނީ އެހެން ބަހަކުން. އެހެންވީމަ މިހާރު ކުދިން ހުރި ހާލަތަށް ބޭނުންވާ ދިރާސާތައް ހެދުމަށްފަހު ބޭނުންވާ ބަދަލުތައް ގެންނަންޖެހޭ. އަޅުގަނޑުމެންގެ ގައުމިއްޔަތު އިޔާދަކުރުމުގެ ގައުމީ ނިޒާމުގައި އެކަން އޮންނާނެ.ދިވެހި ބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު އާދަމް ނަސީރު އިބްރާހީމް
ވަޒީރު ވިދާޅުވީ ދިވެހި ބަހަށް ކުރިމަތިވެފައިވާ ނުރައްކާ ނައްތާލުމަށް ކުރިއަށް އޮތްތަނުގައި ގިނަ މަސައްކަތްތައް ކުރާނެ ކަމަށެވެ. ދިވެހި ބަސް ކިޔަވައިދެވޭ ގޮތް ބަދަލުކުރެވި އެކަން ރަނގަޅަށް ތަންފީޒު ކުރެވިއްޖެނަމަ ދިވެހި ބަހަށް ދިރުން އަންނާނެ ކަމާމެދު އެއްވެސް ޝައްކަތް ނެތް ކަމަށް ވަޒީރު ވިދާޅުވިއެވެ.