ކ. މާލެ
|
24 މެއި 2024 | ހުކުރު 14:40
ތިމާވެށްޓާއި ބެހޭ ވަޒީރު ޠާރިޤު އިބްރާހީމް
ތިމާވެށްޓާއި ބެހޭ ވަޒީރު ޠާރިޤު އިބްރާހީމް
ލައިޓްނިންގް ޑިޓެކްޝަން ސިސްޓަމް
ވިދާ ގުގުރާ ސަރަހައްދު ދެނެގަތުމަށް "ލައިޓްނިންގް ޑިޓެކްޝަން ސިސްޓަމް" ގާއިމުކުރަނީ
ހުޅުލޭގައި މިހާރުވެސް ޑޮޕްލާ ވެދާ ރޭޑަރ ސިސްޓަމް އެބަހުރި، ސިސްޓަމް މަރާމާތުކުރަން ޖެހޭ
މަސައްކަތް ކުރަމުން ދަނީ ޗައިނާގެ އެހީތެރިކަމާއެކު

ވިދާ ގުގުރާ ސަރަހައްދު ދެނެގަތުމަށް ޚާއްސަ ނިޒާމެއް ރާއްޖޭގައި ގާއިމުކުރުމުގެ މަސައްކަތް ކުރަމުންދާކަމަށް ތިމާވެށްޓާއި ބެހޭ ވަޒީރު ޠާރިޤު އިބްރާހީމް ވިދާޅުވެއްޖެއެވެ.

ބުރާސްފަތި ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މިނިސްޓަރު ވިދާޅުވީ އެ މަސައްކަތް ކުރަމުން ދަނީ ޗައިނާގެ އެހީތެރިކަމާއެކު ކަމަށެވެ. މިނިސްޓަރު ވަނީ ރާއްޖޭގެ ރަށްރަށުގައި އަދި އެއަރޕޯޓުތަކުގައި މިހާރު ވިދާ ގުގުރަމުން ދަނީ ވަކި ހިސާބެއް މަތީގައި ހުރި ވިލާތަކުގައި ކަމަށް ވިދާޅުވެފައެވެ. ނަމަވެސް ވިދަނީ ސީދާ އެ ހިސާބުތަކެއްގައި ކަން ދެނެގަނެވިފައި ނުވާކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ. މިނިސްޓަރު ވަނީ އެ މައުލޫމާތަކީ އުދުހުމުގެ ދާއިރާގައި މަތިންދާ ބޯޓުތަކަށް ބޭނުންވާ މައުލޫމާތުކަން ފާހަގަކުރައްވާފައެވެ.

އެހެންކަމުން އެ މައުލޫމާތު އެއްކުރުމުގެ މަސައްކަތް ކުރެވޭނެ ލައިޓްނިންގް ޑިޓެކްޝަން ސިސްޓަމް ހަރުކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. މިނިސްޓަރު ވަނީ އައްޑޫގެ ގަމުގައި ހުރި މޫސުމާއި ބެހޭ އޮފީސް ރީލޮކޭޓް ކުރުމުގެ މަސައްކަތް ވެސް ކުރަމުންދާ ކަމަށް ވިދާޅުވެފައެވެ. މޫސުމާއި ގުޅުން މައުލޫމާތު އެއްކުރުމަށް ކުރަމުންދާ އިތުރު މަސައްކަތްތަކުގެ ތަފްސީލް ވެސް އެމަނިކުފާނު ވަނީ ހިއްސާކުރައްވާފައެވެ. އެގޮތުން މެރިން އޮބްޒަވޭޝަން އަދި ފޯކާސްޓިން ހަރުދަނާ ކުރުމަށް ޗައިނާގެ ފަސްޓް އިންސްޓިޓުއުޓް އޮފް އޯޝަނޮގްރަފީއާއެކު ވެސް މަސައްކަތް ކުރަމުންދާ ކަމަށް މިނިސްޓަރު ތާރިޤު ވިދާޅުވިއެވެ.

މިނިސްޓަރު ވަނީ ރޭޑަރ ސިސްޓަމް ފުޅާކުރުމަށް ކުރަމުންދާ ކަންކަމަށް ވެސް އަލިއަޅުވާލައްވާފައެވެ. އެގޮތުން ހުޅުލޭގައި މިހާރު ވެސް ޑޮޕްލާ ވެދާ ރޭޑަރ ސިސްޓަމް އެބަހުރި ކަމަށާއި އެ ސިސްޓަމަށް މައްސަލަތަކެއް ދިމާވެފައިވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އަދި އެކަމުގެ ސަބަބުން ބޯޓު ފަހަރު ޖައްސާއިރު ބޭނުންވާ މޫސުމާ ގުޅޭ މައުލޫމާތު ނުލިބުމުން އުނދަގޫތަކާ ކުރިމަތިލާން ޖެހޭ ކަމަށް ވިދާޅުވިއެވެ. އަދި އެ ސިސްޓަމް މަރާމާތުކޮށް، ރާޑަރު ސިސްޓަމްގެ ޚިދުމަތް ވަރަށް އަވަހަށް ފަށާނެ ކަަމަށް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
ކޮމެންޓް