ކ. މާލެ
|
20 މެއި 2024 | ހޯމަ 19:05
އާރް.ޓީ.އެލް ފެރީ
އާރް.ޓީ.އެލް ފެރީ
އެމްޓީސީސީ
އާރްޓީއެލް ފެރީގެ ޚިދުމަތް
އާރްޓީއެލްގެ ނަމާއި ލޯގޯ ބަދަލުކުރަން އުޅޭކަމުގެ އަޑުގަދަވެފައި ވަނިކޮށް ސަރުކާރުން އެކަން ދޮގުކޮށްފި
އާރްޓީއެލްގެ ނަން އިންޓަރގްރޭޓިވް ޓްރާންސްޕޯޓް ނެޓްވޯކް އަށް ބަދަލުކުރުމަށް މަޝްވަރާކޮށްފައިވާ ކަމަށް މައުލޫމާތު ލިބިފައިވޭ
އާރްޓީއެލްގެ ލޯގޯގައިވާ ރީނދޫ ލައިން އުނިކުރުމަށް ވެސް ވާހަކަދެކެވޭ
އެ މަސައްކަތް ފެށީ ޓްރާންސްޕޯޓް މިނިސްޓްރީގެ އިސް ބައެއް ބޭފުޅުންގެ ސީދާ އިސްނެންގެވުމުގެ މަތިން ކަމަށް އަޑުފެތުރިފައިވޭ

އާރްޓީއެލްގެ ނަމާއި ލޯގޯ ބަދަލުކުރަން އުޅޭކަމުގެ އަޑު ގަދަވެފައި ވަނިކޮށް، ސަރުކާރުން އެކަން ދޮގުކޮށްފިއެވެ.

އާރްޓީއެލްގެ ލޯގޯ އާއި ނަން ބަދަލުކުރުމާއި މެދު ސުވާލުކުރުމުން ޓްރާންސްޕޯޓް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު މުހައްމަދު އަވާދު އަޔާޒް ވިދާޅުވީ އާރްޓީއެލްގެ ނަން ބަދަލުކުރަން އުޅޭ ކަމަށް ބުނެ ދެކެވެނީ ހަގީގަތާއި ޚިލާފު ދޮގު ވާހަކަތަކެއް ކަމަށެވެ. އަދި އާރްޓީއެލްގެ ރޯލް އޮފް ޕްލޭންތައް ކުރިއަށް ގެންދާނެ ގޮތުގެ މަޝްވަރާތައް ކުރިއަށް ދިޔަ ނަމަވެސް އޭގެ ތެރޭގައި އާރްޓީއެލްގެ ނަމާއި ލޯގޯ އާއި ގުޅުން ހުރި އެއްވެސް ވާހަކަ އެއް ނުހިމެނޭ ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.

އޭނާ އިތުރަށް ވިދާޅުވީ އާރްޓީއެލްގެ ޚިދުމަތްތަކާއި ގުޅޭ ގޮތުން ސްޓިއަރިން ކޮމިޓީގެ ބައްދަލުވުންތަކެއް ބާއްވާފައިވާ ކަަމަށެވެ. އެ ބައްދަލުވުންތައް ފެށީ އެޕްރީލް މަހުގެ 29 ވަނަ ދުވަހު ކަމަށާއި އެ ބައްދަލުވުންތަކުގައި ވެސް ދެކެވިފައި ވަނީ ޚިދުމަތް ދިނުމާއި ގުޅުން ހުރި ވާހަކަތައް ކަމަށް އޭނާ ވިދާޅުވިއެވެ. އޭނާ ވިދާޅުވީ މިހާތަނަށް އައި އިރު ސްޓިއަރިން ކޮމިޓީގެ ބައްދަލުވުން ދެ ބައްދަލުވުން ބާއްވާފައިވާ ކަމަށެވެ. އަވާދު ވިދާޅުވީ އާރްޓީއެލްގެ ޚިދުމަތްތަކަށް ބަދަލު ގެނައުމަށް ވެސް އަދި މަޝްވަރާކޮށްފައި ނުވާ ކަމަށެވެ.

އޭނާ މިހެން ވިދާޅުވި ނަމަވެސް، ރާއްޖެޓީވީ އަށް މައުލޫމާތު ދެމުން އިތުބާރު ހުރި މަސްދަރަކުން ބުނީ އާރްޓީއެލްގެ ލޯގޯ އާއި ނަން ބަދަލުކުރުމުގެ މަޝްވަރާތައް ސަރުކާރުން ފަށާފައިވާ ކަމަށެވެ. އެގޮތުން އާރްޓީއެލްގެ ނަން އިންޓަރގްރޭޓިވް ޓްރާންސްޕޯޓް ނެޓްވޯކް އަށް ބަދަލުކުރުމަށް މަޝްވަރާކޮށްފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. މީގެ އިތުރުން އާރްޓީއެލްގެ ލޯގޯގައިވާ ރީނދޫ ލައިން އުނިކުރުމަށް ވެސް ވާހަކަދެކެވުނު ކަމަށް އޭނާ ވިދާޅުވިއެވެ. އޭނާ ވަނީ އެ މަސައްކަތް ފެށީ ޓްރާންސްޕޯޓް މިނިސްޓްރީގެ އިސް ބައެއް ބޭފުޅުންގެ ސީދާ އިސްނެންގެވުމުގެ މަތިން ކަމަށް ވިދާޅުވެފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
0%
0%
100%
0%
0%
ކޮމެންޓް