ކ. މާލެ
|
16 މެއި 2024 | ބުރާސްފަތި 17:17
ވެމްކޯ އިން ކުނި ނެގުމުގައި ހަރަކާތްތެރި ވަނީ
ވެމްކޯ އިން ކުނި ނެގުމުގައި ހަރަކާތްތެރި ވަނީ
ކުނި ނަގާ އަގުތައް
ގޭޓް ފީ އަގުތައް ބަދަލުވި ނަމަވެސް، މެނޭޖްކުރަން ގޮންޖެހުމަކަށް ނުވާނެ - ވެމްކޯ
އިކޮނޮމިކް ކައުންސިލުން އެ އަގުތައް ފާސްކުރުމުގެ ކުރިން މެއި 1 ވަނަ ދުވަހު އެ ކުންފުނިން ވަނީ އައު އަގުތައް ތަންފީޒްކުރަން ފަށާފައި
އުޅަނދަކުން ނަގަމުން އަންނަ ސަތޭކަ ފަންސާސް ރުފިޔާގެ ގޭޓްފީ މެއި 13 ގެ ފަހުން ނެގުން ވަނީ ހުއްޓާލާފައި
ޓްރާންސްފާރ ސްޓޭޝަންތަކަށް ގެންނަ ކުނި ޓަނަކަށް ނަގާ ޓިޕިންގް ފީ 500 ރުފިޔާއަށް ބަދަލުކޮށްފައިވޭ

މާލެ ސަރަހައްދުގެ ގޭޓް ފީ އަގުތައް ބަދަލުވި ނަމަވެސް، މެނޭޖްކުރަން ގޮންޖެހުމަކަށް ނުވާނެ ކަމަށް ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑް (ވެމްކޯ) އިން ބުނެފިއެވެ.

ފުރަމާލެ ސަރަހައްދުގައި މެއި 2024 އިން ގޭޓްފީއަށް ބަދަލުތައް ގެންނަން ނިންމާ އެ ކުންފުނިން ވަނީ މެއި މަހުގެ 13 ވަނަ ދުވަހު އެކަން އާންމުކޮށް އަންގާ އިޢުލާންކޮށްފައެވެ. އެ އިޢުލާންގައި ބުނެފައި ވަނީ އާންމު ފަރާތްތަކާއި، ކުދި ވިޔަފާރިތަކާއި، ވިޔަފާރި އުސޫލުން ކުނި އުފުލުމުގެ ޙިދުމަތް ފޯރިކޮށްދޭ ފަރާތްތަކުން ޓްރާންސްފަރ ސްޓޭޝަންތަކަށް ގެންނަ ކުނި ޓަނަކަށް ނަގާ ޓިޕިންގް ފީ 500 ރުފިޔާއަށް ބަދަލުކުރުމަށް ނިންމާފައިވާކަމަށެވެ.

އަދި ޓްރާންސްފާރ ސްޓޭޝަންތަކަށް ވަންނަ ކޮންމެ އުޅަނދަކުން ނަގަމުން އަންނަ ސަތޭކަ ފަންސާސް ރުފިޔާގެ ގޭޓްފީ މޭއި 13 ގެ ފަހުން ނެގުން ހުއްޓާލުމަށް ނިންމާފައިވާ ކަމަށް ވަނީ ބުނެފައެވެ. ހަމައެހެންމެ ފުރަމާލެ ސަރަޙައްދުގެ ހުރިހާ ޓްރާންސްފަރ ސްޓޭޝަންތަކެއްގައި ކުނީގެ ބަރުދަން ބެލުމުގެ އިންތިޒާމް (ވެއި ބްރިޖް) ޤާއިމުކުރެވެންދެން، މާލެ ޓްރާންސްފަރ ސްޓޭޝަންގައި ބަރުދަން ރިޢާޔަތްކޮށް އަގު ނެގުން ހުއްޓާލުމަށް ވެސް ވަނީ ނިންމާފައެވެ.

މިކަމާއި ގުޅިގެން ރާއްޖެ އެމްވީ އަށް މައުލޫމާތުދެއްވަމުން ވެމްކޯގެ މެނޭޖިން ޑިރެކްޓަރު މުޖުތަބާ ޖަލީލް ވިދާޅުވީ ގޭޓްފީގެ އަގުތައް ބަދަލުވި ނަމަވެސް، ކުނި މެނޭޖްކުރުމުގެ މަރުހަލާ ކުރިއަށް ގެންދިއުމުގައި ދަތިތަކެއް ދިމާ ނުވާނެ ކަމަށެވެ. އެހެންނަމަވެސް ކުނި މެނޭޖްކުރުމުގެ މަރުހަލާއަކީ އެކަމަށް ޚަރަދުތަކެއް ހިނގާ މަރުހަލާއެއް ކަަމަށް ވުމާއެކު މަރާމާތުކުރުމާއި، އާލާތްތައް ރަނގަޅަށް ބެލެހެއްޓުމަށް ޚާއްސަ ސަމާލުކަމެއް ދެމުންދާ ކަމަށް މުޖުތަބާ ވިދާޅުވިއެވެ. އޭނާ ވިދާޅުވީ އިންސިނަރޭޝަން އާއި ހަމައަށް ދެވެންދެން މި މަރުހަލާ ކުރިއަށް ގެންދެވޭނެ ކަމަށާއި އެ ހިސާބުން ކުނި މެނޭޖްކުރުމަށް ނަގާ ފީގެ އަގު މިހާރަށް ވުރެ ބޮޑަށް ކުޑަ ކުރެވޭނެ ކަމަށް އުއްމީދުކުރައްވާ ކަމަށެވެ.

މީގެ އިތުރުން ކުނީގެ ޒާތުން ކުނީގެ ވެލިއު ނުވަތަ އަގު އަދި ހިނގާ ހަކަތައަށް ތަފާތު އަންނަކަން އޭނާ ވަނީ ފާހަގަކުރައްވާފައެވެ. އަދި އިތުރަށް އާމްދަނީ ލިބޭނެ ފަދަ މަސައްކަތްތައް ކުރުމުގެ ވިސްނުން ހުރިކަމަށް މުޖުތަބާ ވިދާޅުވިއެވެ. މިހާރު ކުނީގެ އަގަށް ގެނައި ބަދަލުތައް ގެނައީ އިކޮނޮމިކް ކައުންސިލްގެ ނިންމުމާއި ވެސް އެކުގައި ކަމަށް މުޖުތަބާ ވިދާޅުވިއެވެ. އޭނާ ވިދާޅުވީ އިކޮނޮމިކް ކައުންސިލުން އެ އަގުތައް ފާސްކުރުމުގެ ކުރިން މެއި 1 ވަނަ ދުވަހު އެ ކުންފުނިން ވަނީ އައު އަގުތައް ތަންފީޒްކުރަން ފަށާފައި ކަމަށެވެ.

އާއްމުކޮށް 1.5 ނޫނީ 2 ކިލޯ ކުނި އެބަ ހުރޭ ކުނި ގެންދާއިރު. ކިރައިގެން ކުނީގެ އަގު ނަގަން ފެށުމުން އާއްމުންގެ ޝަކުވާތައް ހުރި ބައިވަރު. އެންމެ ކުރިން ޗާރޖްކުރަމުން ދިޔައީ އުޅަނދުގައި ތަކެތި ގެންދެވޭ މިންވަރަށް ބަލާފައި. އެކަމަކު އެ ކެޕޭސިޓީ އަށް ވުރެ އިތުރަށް ކުނި ގެންދޭ. އެއާ ގުޅިގެން އަޅުގަނޑުމެން ހުށަހެޅިން ބައެއް ކަންކަން. އިކޮނޮމިކް ކައުންސިލުން ނިންމީ އިިހަކަށް ދުވަހު. ކުނީގެ ހަމައަގަށް ދަންޏާ ވަރަށް ބައިވަރު ފައިސާގެ ވާހަކަ. މީޓަރަކަށް 150 ރުފިޔާ ޗާރޖްކުރުމަކީ ވެސް ހަމަ އަގެއް ނޫން. 700 އާއި 800 އާއި ދެމެދަށް އަރާ. އެއްވެސް ސަރުކާރަކުން ޔުޓިލިޓީ ކަންކަމުގައި ހަމަ އަގެއް ނުނަގާ.
ވެމްކޯގެ މެނޭޖިން ޑިރެކްޓަރ މުޖުތަބާ ޖަލީލް

މާރޗް އެއްވަނަ ދުވަހުގެ ކުރިން ކުނި ޓަނަކަށް ނަގާ ޓިޕިންގް ފީ އަކީ 1060 ރުފިޔާއެވެ. މާރޗް 1 އިން ފެށިގެން ކިރައިގެން ކުނި ނަގާ ގޮތަށް ހަމަޖައްސާ 750 އަށް ޓަނެއްގެ މަގުން ކުނި ނަގަން ފެށިއެވެ. މާލޭގައި ކުނި ކިރައިގެން ގެންދިއުމުގެ ޑޭޓާ ބަރާބަރަށް ނަގަމުން ދިޔަނަމަވެސް އެއަށް އޭރު ބަރުދަނާއި އެއްގޮތަށް އަގުކޮށްފައެއް ނުވެއެވެ. އެގޮތަށް އަގު ކުރަން ފެށީ މާރޗް 1ގައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 މަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
ކޮމެންޓް