ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަގާމަށް ހަސަން ޒަރީރު އައްޔަންކުރަން ރައްޔިތުންގެ މަޖިލީހުން ރުހުން ދީފިއެވެ.
އޭނާ އަށް ރުހުން ދީފައި ވަނީ ރައްޔިތުންގެ މަޖިލީހުގެ މިދައުރުގެ ފަހު ޖަލްސާ އަށް ހާޒިރުވެވަޑައިގެންނެވި 48 މެންބަރުންގެ ތެރެއިން 41 މެންބަރުންގެ ވޯޓާއިއެކުގައެވެ. ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަޤާމަށް ބޭފުޅަކު އައްޔަނު ކުރުމަށް ފުރުސަތު ހުޅުވާލާފާއި ވަނީ، އެ މަގާމުގައި ހުންނެވި ފަތުހުﷲ ޖަމީލް މަޤާމުން އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ. އޭނާ މަގާމުން އިސްތިއުފާ ދެއްވާފައި ވަނީ ނިމިދިޔަ މަޖިލިސް އިންތިހާބުގައި ވާދަކުރެއްވުމަށްޓަކައެވެ.
ޓެކްސް ނެގުމުގެ އިދާރީ ޤާނޫނުގެ ދަށުން ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަގާމަށް ބޭފުޅަކު އައްޔަނު ކުރުމަށްޓަކައި، ރައީސް ޑރ. މުހައްމަދު މުއިއްޒަށް ފެނިވަޑައިގަންނަވާ ނަންތަކުގެ ތަރުތީބުކޮށްފައިވާ ގޮތަށް ބަލާ އިރު އެންމެ ކުރީގައި އޮތީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އެ މަގާމު އަދާކުރައްވާފައިވާ ޔަޒީދު މުހައްމަދުގެ ނަމެވެ. އޭރު ޑެޕިއުޓީ ޓެކްސް ކޮމިޝަނަރުގެ މަގާމުގައި ހުންނެވި ހަސަން ޒަރީރުގެ ނަން އޮތީ ދެވަނައިގައެވެ. އެހެންނަމަވެސް، އިގްތިސާދީ ކޮމިޓީން ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަގާމަށް އައްޔަނު ކުރުމަށް ފެންނަ ކަމަށް ފާސްކޮށްފައި ވަނީ ހަސަން ޒަރީރެވެ.
ޔަޒީދާއި ޒަރީރުގެ މަގާމު ގެއްލިފައި ވަނީ 2019 ވަނަ އަހަރެވެ. އެއީ އޭރު ޓެސް ނެގުމާ ބެހޭ އިދާރީ ގާނޫނަށް ގެނައި އިސްލާހަކާއި ގުޅިގެންނެވެ.
ޒަރީރު ހުންނެވީ ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ޑިރެކްޓަރުންގެ ބޯޑުގެ ޗެއަރޕާސަންގެ މަގާމުގައެވެ. އަދި އެ މަގާމަށް އޭނާ އައްޔަން ކުރީ މިދިޔަ މާޗްމަހު 25 ވަނަ ދުވަހުގައެވެ. ހަސަން ޒަރީރަކީ މީގެ ކުރިން ޑެޕިއުޓީ ކޮމިޝަނާ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަގާމު އަދާކުރައްވާފައިވާ ބޭފުޅެކެވެ.