ކިންގް ސަލްމާން މިސްކިތުގެ އޭސީ ސިސްޓަމަށް މައްސަލަ ދިމާވެފައިވާ ކަމަށާއި، ހައްލު ކުރުމަށް ހަ މިލިއަން ރުފިޔާގެ ބަޖެޓެއް ބޭނުންވާ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ.މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.
ބުދަ ދުވަހު އިސްލާމިކް މިނިސްޓްރީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު ޝަހީމް ވިދާޅުވީ ކިންގް ސަލްމާން މިސްކިތުގެ އޭސީ ސިސްޓަމްގެ މައްސަލައަކީ ވަރަށް ބޮޑު މައްސަލައެއް ކަމަށާއި، އެ މައްސަލަ ހައްލު ނުކުރެވި ގިނަ ދުވަސްތަކެއް ވެފައިވާ ކަމަށެވެ. އަދި އެސިސްޓަމްގައި ހިމެނޭ އެކި މެޝިންތަކަށް މައްސަލަތައް ކުރިމަތިވެ ފިނިކުރުމުގެ ނިޒާމަށް ގެއްލުން ވެފައިވާ ކަމަށް މިނިސްޓަރު ޝަހީމް ވިދާޅުވިއެވެ.
މިނިސްޓަރު ޝަހީމް ވިދާޅުވީ މިމައްސަލަ ހައްލު ކުރުމަށް ހަ މިލިއަން ރުފިޔާގެ ބަޖެޓެއް ބޭނުންވާ ކަމަށާއި، ބަޖެޓު ހޯދުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށެވެ. ކުރިއަށް އޮތްތަނުގައި މިސިސްޓަމް ބެލެހެއްޓުމުގެ މަސައްކަތް ކުރާނީ ދިވެހިންކަން ފާހަގަކުރައްވައި މިނިސްޓަރު ޝަހީމް ވިދާޅުވީ މިހާރު އެމަސައްކަތް ހަވާލުކޮށްފައިވަނީ ބޭރުގެ ކުންފުންޏަކާއި ކަމަށެވެ. ނަމަވެސް ދިވެހިންގެ ތެރޭގައި އެމަސައްކަތް ކުރެވޭނެ ގާބިލް މީހުން ތިބި ކަމަށް މިނިސްޓަރު ޝަހީމް ވިދާޅުވިއެވެ.
އެކަން ހައްލު ކުރުމަށްޓަކައި ހަ މިލިއަން ރުފިޔާގެ ބަޖެޓެއް އެބަ ބޭނުންވޭ މިވަގުތަށް އެ ބަޖެޓު ހޯދުމުގެ މަސައްކަތް މިހާރު ކުރިއަށް އެބަދޭ. ސަރުކާރުގެ އިދާރާތަކާއި ގުޅިގެން. ދެން މި ސިސްޓަމް ކުރިން ވެސް ރަނގަޅު ކުރުމަށްޓަކައި މަސައްކަތްތަކެއް އެބަހުރި ބޭރުގެ ފަރާތްތަކާއިއެކު ތުރުކީގެ ކުންފުންޏަކާއެކު ކޮށްފައި. އެއީ އެތަން ހެދިއިރުގައި ވެސް ސިސްޓަމް ބެލެހެއްޓި ފަރާތްކަމަށް އަޅުގަނޑަށް މައުލޫމާތު ލިބިފައި އޮތީ. ދެން އަޅުގަނޑަށް އެންމެފަހުން މައުލޫމާތު ލިބުނު ގޮތުގައި ދިވެހިރާއްޖޭގައި ވެސް އެބަތިބި މި ސިސްޓަމް ހަމަ ބެލެހެއްޓޭ ފެންވަރުގެ މީހުން. އެހެންވީމަ އަޅުގަނޑުމެން މިބަލަނީ ދިވެހިންނާއި ހަވާލުކޮށްގެން މިކަންކަން ކުރިއަށް ގެންދަން. ސަރުކާރުގެ ސިޔާސަތަކީ ދިވެހިންނަށް އިސްކަން ދިނުން. ދިވެހިރާއްޖޭގެ މީހުންގެ ތެރޭގައި ވަރަށް ގާބިލު މީހުން އެބަތިބި ހަމަ. އެހެންވީމަ އެފަދަ ފަރާތްތަކާއި މިދޭތެރެއިން އަޅުގަނޑުވާނެ ބައްދަލުކޮށްފައި ކިންގް ސަލްމާން ސެންޓަރުގެ އޭސީ ސިސްޓަމްގެ ކަންތަކާއި މަޝްވަރާކޮށްލަން ވެގެން. އެހެންވީމަ އެފަރާތްތަކާއެކު ކުރެވުނު މަޝްވަރާތަކަށް ބަލާއިރުގައި ހަމަ ދިވެހިންނަށް މިކަން ކުރެވޭނެ. އެހެންވީމަ ދިވެހިންނަށް އެކަން ކުރެވޭނެ ގޮތެއްގެ މަތީން ދައިމީ ގޮތެއްގައި އެކަން ތަރުތީބު ކުރަން އަޅުގަނޑުމެން ބޭނުންވަނީ. އޭރުން ބޭރު މީހާ ހޯދަންޖެހޭއިރުގައި ބޭރު މީހާ އަތުނުޖެހި ދޭ. އެރަށުގައި ނޫޅޭ މީހަކު ވެއްޖެއްޔާ ފަސޭހައެއް ނުވާނެ ގުޅައިގެން އެތައް ދުވަހަކުން އަތުމިޖެހެނީ. އެހެންވީމަ އެކަން އެގޮތަށް ނުވެވޭތޯ. ކުރިއަށް އޮތްތަނުގައި އެކަން ތަރުތީބުކުރެވޭތޯ މިބަލަނީ.އިސްލާމިކް މިނިސްޓަރު ޑރ.މުހައްމަދު ޝަހީމް އަލީ ސައީދު
މިނިސްޓަރު ޝަހީމް ވިދާޅުވީ ކިންގް ސަލްމާން މިސްކިތުގެ އޭސީގެ މައްސަލަ ހައްލުކޮށް މަރާމާތުގެ މަސައްކަތްތައް ކުރިއަށްދާނެ ކަމަށެވެ. އަދި މަރާމާތުގެ މަސައްކަތްތަކަށްފަހު ހައްޖު މަހުގެ ފަހުން ރަސްމީކޮށް ސަލްމާން މިސްކިތް ހުޅުވޭނެ ކަމަށެވެ. މި އެ ރަސްމިއްޔާތަށް ސައޫދިއަރަބިއްޔާގެ ފާހަގަކޮށްލެވޭ ޝަހުސިއްޔަތެއް ގެނައުމަށް މަޝްވަރާ ކުރަމުންދާ ކަމަށް މިނިސްޓަރު ޝަހީމް ވިދާޅުވިއެވެ.
ކިންގް ސަލްމާން މިސްކިތް ހުޅުވައި ނަމާދު ކުރަން ފަށާފައިވަނީ 1 އޭޕްރިލް 2022 ގައެވެ. މިއީ ސައޫދީ ސަރުކާރުން ބޮޑު ހޭދައެއް ކޮށްގެން ބިނާކޮށްފައިވާ މިސްކިތަކަށްވާއިރު, މި މިސްކިތުގެ ފުރަތަމަ ފަންގިފިލާ އާއި ދެވަނަ ފަންގިފިލާގައި ޖުމުލަ 4000 މީހުންނަށް ނަމާދު ކުރެވޭނެއެވެ. ތިންވަނަ ފަންގިފިލާގައި 40 ޖާގައިގެ 4 ކްލާސްރޫމާއި، 5 ސެމިނަރ ރޫމް ހުންނާނެއެވެ. ހަތަރުވަނަ ފަންގިފިލާގައި ލައިބްރަރީއަކާއި 350 މީހުންގެ ޖާގައިގެ އޮޑިޓޯރިއަމެއް ހުރެއެވެ.