އިސްލާމީ ކުތުބުޚާނާއަށް ފޮތް ހަދިޔާކުރުމުގެ ފުރުސަތު އިސްލާމިކް މިނިސްޓްރީން ހުޅުވާލައިފިއެވެ.
ބުދަ ދުވަހު އިސްލާމިކް މިނިސްޓްރީން ބުނީ، ކިންގް ސަލްމާނު މިސްކިތުގައި ގާއިމުކޮށްފައިވާ އިސްލާމީ ކުތުބުޚާނާއަށް ބޭނުންވާ އިސްލާމިކް ފައިނޭންސްގެ އިތުރުން ކުޑަކުދިންނަށް ޚާއްސަ ފޮތްތައް ހަދިޔާ ކުރަން ބޭނުންވާ ފަރާތްތަކަށް ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.
އެގޮތުން، ފޮތް ހަދިޔާ ކުރަން ބޭނުންވާ ފަރާތްތަކުން 2025 ޖުލައި 31 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން ހަދިޔާ ކުރަން ބޭނުންވާ ފޮތްތަކާބެހޭ މައުލޫމާތު [email protected] އަށް މެއިލް ކުރުމަށް ވަނީ އެދިފައެވެ.
ފޮތް ހަދިޔާކުރަން ބޭނުންވާ ފަރާތްތަކަށް ފޮތް ހަދިޔާ ކުރެވޭނެ އިންތިޒާމް ހަމަޖައްސައިދޭނެ ކަމަށް ވެސް މިނިސްޓްރީން ބުނެއެވެ.
އަދި އިތުރު މައުލޫމާތު ބޭނުންވާ ފަރާތްތަކުން 3020263، 3020262 ނަންބަރާ ގުޅައިގެން މައުލޫމާތު ސާފުކުރުމަށް ވަނީ އެދިފައެވެ.
މީގެ އިތުރުން ރ.އުނގޫފާރު އިސްލާމިކް ސެންޓަރާއި، ތިނަދޫ ސިޓީ އިސްލާމިކް ސެންޓަރާއި، ހއ. ދިއްދޫ އިސްލާމިކް ސެންޓަރު އަދި ފުވައްމުލަކުސިޓީ ގުރްއާން ސެންޓަރުގައި ގާއިމުކުރާ ލައިބްރަރީތަކަށް ބޭނުންވާ ދިވެހި ބަހުންނާއި، އިނގިރޭސި ބަހުންހުރި އިސްލާމީ، ތައުލީމީ، އިޖުތިމާއީ، އިގްތިސާދީ، ކުޑަކުދިންގެ ފޮތްތަކާއި، އަދަބީ ފޮތްތަކާއި، މިނޫންވެސް ދާއިރާތަކުގެ ފޮތްތައް ހޯދަން ބޭނުންވާ ކަމަށް މިނިސްޓްރީން ބުނެއެވެ.
މި ދާއިރާތަކުން ފޮތްތައް ވިއްކަން ބޭނުންވާ ފަރާތްތަކުން ފޮތްތަކުގެ ނަންތަކާއި އަގުތައް ހިމެނޭގޮތަށް ޕްރޮޕޯސަލް ހުށަހެޅުމަށް އިސްލާމިކް މިނިސްޓްރީން ވަނީ އެދިފައެވެ.
މިނިސްޓްރީން ބުނީ ޕްރޮޕޯސަލް ހުށަހެޅުއްވުމަށް ޝައުގުވެރިވާ ފަރާތްތަކުން 2025 ޖުލައި 22 ވާ އަންގާރަ ދުވަހުގެ 14:00 ގެ ކުރިން ތިރީގައިވާ ލިންކު މެދުވެރިކޮށް ރަޖިސްޓްރީ ކުރުމަށް އެދޭ ކަމަށެވެ.
https://forms.office.com/r/mw2Cxn4ebZ
ޕްރޮޕޯސަލްތައް ބަލައިގަތުން އޮންނާނީ 2025 ޖުލައި 31 ވާ ބުރާސްފަތި ދުވަހުގެ 11:00 ގައެވެ.
ޕްރޮޕޯސަލް ހުށަހެޅުއްވުމަށް ރަޖިސްޓްރީ ނުކުރާ ފަރާތްތަކަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު ނޯންނާނެ ކަމަށް މިނިސްޓްރީން ބުނެއެވެ.