ކ. މާލެ
|
7 މެއި 2024 | އަންގާރަ 09:59
މަޖިލީހުގެ ހޯރަފުށީ ދާއިރާގެ މެންބަރު އަޙްމަދު ސަލީމް
މަޖިލީހުގެ ހޯރަފުށީ ދާއިރާގެ މެންބަރު އަޙްމަދު ސަލީމް
ރައްޔިތުންގެ މަޖިލިސް
ގާޒާގައި ހިންގަމުންދާ ޤަތުލުއާންމު
އިޒްރޭލުން ރަފާޙްގައި ޤަތުލުއާންމެއް ހިންގުން ހުއްޓުވުމަށް ރާއްޖޭގެ ފެންވަރުގައި ކުރެވެން ހުރި ހުރިހާ ކަމެއް ކޮށްދިނުމަށް ސަރުކާރަށް ގޮވާާލާ ކުއްލި މައްސަލައެއް
 
އިޒްރޭލުގެ ބޮޑުވަޒީރު ނަތަންޔާހޫގެ ބޭނުމަކީ ބޮޑު ޤަތުލުއާންމެއް ހިންގުންކަމަށް މެމްބަރު ސަލީމް ވިދާޅުވި
 
މައްސަލަ ހުށަހެޅުއްވީ އިޒްރޭލުގެ ޖަރީމާތަކާ މަޖިލީހުން ކަނޑައެޅިގެން ދެކޮޅުކަން ހާމަ ކުރެއްވުމަށް
 
އާރެއް ބާރެއް ނެތް އާންމު ރައްޔިތުންނަށް ބޮޑު އަސްކަރިއްޔާއަކުން ގޮސް ޙަމަލާދޭން ޖެހޭ އެއްވެސް ސަބަބެއް ނެތް

އިޒްރޭލުގެ ޓެރަރިސްޓު ސިފައިން ރަފާޙްއަށް އަރައި ޤަތުލުއާންމެއް ހިންގުން ހުއްޓުވުމަށް ރާއްޖޭގެ ފެންވަރުގައި ކުރެވެން ހުރި ހުރިހާ ކަމެއް ކޮށްދިނުމަށް ދިވެހި ސަރުކާރަށް ގޮވާާލާ ރައްޔިތުންގެ މަޖިލީހަށް ކުއްލި މައްސަލައެއް ހުށަހަޅައިފިއެވެ.

އަންގާރަ ދުވަހުގެ ޖަލްސާގައި މި ކުއްލި މައްސަލަ ހުށަހެޅުއްވީ ހޯރަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމެވެ. މައްސަލަ ހުށަހެޅުއްވީ އިޒްރޭލުގެ ޖަރީމާތަކާ މަޖިލީހުން ކަނޑައެޅިގެން ދެކޮޅުކަން ހާމަކޮށް، އިޒްރޭލު ސިފައިން ރަފާޙްއަށް އަރައި ޤަތުލުއާންމެއް ހިންގުން ހުއްޓުވުމަށް ރާއްޖޭގެ ފެންވަރުގައި ކުރެވެން ހުރި ހުރިހާ ކަމެއް ކޮށްދިނުމަށް ދިވެހި ސަރުކާރަށް ގޮވާލުމަށެވެ.

ކުއްލި މައްސަލަ ހުށަހަޅުއްވަމުން މެމްބަރު ސަލީމް ވިދާޅުވީ، އިޒްރޭލުން ގާޒާއަށް ދެމުންދާ ޙަމަލާތަކުގައި ޝަހީދުވި މީހުންގެ އަދަދުތައް 34،000ށް ވުރެ މައްޗަށް ގޮސްފައިވާ ކަމަށާއި، ޒަޚަމްވި މީހުންގެ އަދަދުތައްވެސް އެހާ މަތި ކަމަށެވެ.

އޭގެ އިތުރުން، ވައިގެ މަގުން ރަފާހް ސިޓީއަށް އިޒްރޭލުގެ ޓެރަރިސްޓު ސިފައިން އަރައިގަންނާނެކަމަށް ބުނެފައިވާއިރު، އިޒްރޭލުގެ ބޮޑުވަޒީރު ނަތަންޔާހޫގެ ބޭނުމަކީ ބޮޑު ޤަތުލުއާންމެއް ހިންގުންކަމަށް މެމްބަރު ސަލީމް ވިދާޅުވިއެވެ.

ކޮންމެ ދުވަހަކީވެސް ގާޒާގައި ބިރުވެރި ނާމާން ދުވަހެއްކަން ފާހަގަ ކުރައްވައި މެމްބަރު ވިދާޅުވީ، ގާޒާ ފުނޑުފުނޑުވެ ވީރާނާވެފައިވާ ކަމަށާއި، އިންސާނީ ބޮޑު ކާރިސާއަކަށް ވެއްޓިފައިވާ ކަމަށެވެ.

އަދި އެހީދޭ މީހުންނާއި ނޫސްވެރިންނަށްވެސް ޙަމަލާ ދެމުންދާއިރު އެތަނުގައި އެއްވެސް މީހަކަށް ރައްކާތެރިކަމެއް ނެތްކަން މެމްބަރު ފާހަގަ ކުރެއްވިއެވެ.

ކޮންމެ ދުވަހަކީ ގާޒާގައި ބިރުވެރި ދުވަހެއް ނާމާން ދުވަހެއް
ހޯރަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމް

އޭގެ އިތުރުން، އާރެއް ބާރެއް ނެތް އާންމު ރައްޔިތުންނަށް ބޮޑު އަސްކަރިއްޔާއަކުން ގޮސް ޙަމަލާދޭން ޖެހޭ އެއްވެސް ސަބަބެއް ނެތް ކަަމަށާއި، އިޒްރޭލުގެ ބޮޑުވަޒީރާއި ވެރިންނަކީ ކުށްވެރި ޤާތިލުންކަމަށްވެސް މެމްބަރު ވިދާޅުވިއެވެ.

އެހެންކަމުން ބައިނަލްއަޤުވާމީ ޖިނާއީ ކޯޓު (އައިސީސީން) ނަތަންޔާހޫއާއި އޭނާގެ ބައިވެރިން ހައްޔަރު ކުރުމަށް ކުރަމުންދާ މަސައްކަތަށް ރާއްޖޭގެ ފުރިހަމަ ތާއީދު އޮތްކަން ހާމަކުރަންޖެހޭކަމަށްވެސް މެމްބަރު ވިދާޅުވިއެވެ.

އިޒްރޭލުގެ ސިޔާސީ ބައެއް ވެރިންނާއި އަސްކަރީ ބައެއް ވެރިންގެ މައްޗަށް އަމުރެއް ނެރުމަށް އިންޓަނޭޝަނަލް ކްރިމިނަލް ކޯޓް، އައިސީސީން ތައްޔާރުވަމުންދާކަމަށް ބޭރުގެ ނޫސްތަކުން ދަނީ ރިޕޯޓު ކުރަމުންނެވެ. އެގޮތުން އައިސީސީން އިޒްރޭލުގެ ބޮޑުވަޒީރާއި، ޑިފެންސް މިނިސްޓަރާއި، އިޒްރޭލްގެ ޑިފެންސް ފޯސްގެ ވެރިޔާ ހައްޔަރު ކުރުމަށް ވަރަށް އަވަހަށް އަމުރު ނެރޭނެ ކަމުގެ އަޑުތައް ވަނީ ފެތުރިފައެވެ.

އައިސީސީން އިޒްރޭލުގެ ބޮޑުވަޒީރު ނަތަންޔާހޫ ހައްޔަރުކުރަން ނެރެން އުޅޭ އަމުރު ހުއްޓުވޭތޯ އެމެރިކާގެ ސެނެޓަރުންގެ ޓީމަކުން އައިސީސީގެ އޮފިޝަލުންނާއެކު ބައްދަލުވުމެއް ބާއްވާފައިވާކަމަށްވެސް ރިޕޯޓުތައް ބުނެއެވެ.

އައިސީސީގެ ނިންމުން ތަކަކީ އެމެރިކާއިންވެސް އަދި އިޒްރޭލުންވެސް ބަލައިގަންނަ އެއްޗެއް ނޫނެވެ. އެމެރިކާ އާއި އިޒްރޭލް އައިސީސީގެ މެމްބަރު ގައުމުތައް ކަމުގައި ނުހިމެނުނު ނަމަވެސް އައިސީސީން އެފަދަ އަމުރެއް ނެރެފިނަމަ، ބޮޑުވަޒީރު ނަތަންޔާހޫ އަށް ބައިނަލް އަގްވާމީ ދަތުރުފަތުރު ކުރުމުގައި ބޮޑެތި ދަތިތަކާ ކުރިމަތިވާނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
0%
0%
50%
0%
50%
ކޮމެންޓް