ކ. މާލެ
|
4 މެއި 2024 | ހޮނިހިރު 12:44
ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ހުސައިން މުހައްމަދު ލަޠީފް
ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ހުސައިން މުހައްމަދު ލަޠީފް
ރައީސް އޮފީސް
ނޫސްވެރިކަން ކުރިއެރުވުން
އާ މަޖިލިހާއެކު މީޑިއާތަކަށް ފައިސާ ދިނުމުގެ ކަންކަން ހަމަޖެހޭނެ، މިހާރު ވަނީ މީޑިއާތަކުގެ އޮފީސްތަކަށް ހުޅުމާލެއިން ބިމެއް ހަމަޖެހިފައި: ނައިބު ރައީސް
 
ރައްޔިތުންނާއި އެއިރެއްގައި އެ އޮންނަ ސަރުކާރަކާއި ނޫނީ ދައުލަތާވެސް ގުޅުވައިދެނީ ނޫސްވެރިން
 
ކަނޑައެޅޭ އުސޫލެއްގެ ތެރެއިން ދައުލަތުގެ ބަޖެޓުން މީޑިއާތަކަށް ހަރަދުކުރާނެ
 
މީޑިއާތައް އަމިއްލަ ފައި މައްޗަށް ތެދުވަން ލިބުމަކީ ލިބިވަޑައިގަންނަވާ ހިތްހަމަޖެހުމެއް

އައު މަޖިލިހާއެކު މީޑިއާތަކަށް ފައިސާ ދިނުމުގެ ކަންކަން ހަމަޖެހޭނެ ކަމަށާއި، މިހާރު ވަނީ މީޑިއާތަކުގެ އޮފީސްތަކަށް ހުޅުމާލެއިން ބިން ވެސް ހަމަޖެހިފައި ކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ހުސައިން މުހައްމަދު ލަޠީފް ވިދާޅުވެއްޖެއެވެ.

ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހާއި ގުޅިގެން ދައުލަތުގެ މީޑިއާއަށް ދެއްވި ބަސްތީގަތުމެއްގައި ނައިބު ރައީސް ވިދާޅުވީ ސަރުކާރުން ނޫސްވެރިންނަށާއި މުޖުތަމައުގެ އެހެން އަފުރާދުންނަށްވެސް އަޅާލުމަކީ ރައްޔިތުންނަށް ލިބޭނެ ވަރަށް ބޮޑު ހިތްހަމަޖެހުމެއް ކަމަށެވެ. އަދި ސަރުކާރުން އަބަދުވެސް ނޫސްވެރިންގެ ޚިދުމަތުގެ އަގުވަޒަންކުރާނެކަމުގެ ޔަގީންކަން އެމަނިކުފާނު ދެއްވިއެވެ.‎ މީޑިއާތައް އަމިއްލަ ފައި މައްޗަށް ތެދުވަން ލިބުމަކީ ލިބިވަޑައިގަންނަވާ ހިތްހަމަޖެހުމެއް ކަމަށް ވިދާޅުވިއެވެ.

މި ބަސްދީގަތުމުގައި ދެއްކެވި ވާހަކަފުޅުގައި ނައިބު ރައީސް ވަނީ ނޫސްވެރިންނާއި މީޑިއާތަކުގެ ކުރިއެރުމަށް ހުރި ދަތިތައް އިހުސާސްކުރެއްވޭ ކަމުގައި ވިދާޅުވެފައެވެ. 2023 ގެ ރިޔާސީ އިންޚާބު ކާމިޔާބު ކުރެއްވުމަށްފަހު، ރައީސް ޑރ.މުހައްމަދު މުއިއްޒު، އިންތިގާލީ މަރުހަލާގެ ތެރޭގައި، ނޫސްވެރިންނާ ބައްދަލުކުރެއްވީ ނޫސްވެރިންނާ ގާތް ގުޅުމެއް އުފެއްދެވުމަށް ކަމަށެވެ. އަދި މި ބައްދަލުކުރެއްވުމުގެ ތެރެއިން ނޫސްވެރިންގެ ކަންބޮޑުވުންތައް އޮޅުންފިލުއްވައި، އެކަންކަމަށް ހައްލު ހޯއްދަވައިދެއްވުމަށް ރައީސް މަސައްކަތްޕުޅު ފެއްޓެވިކަމުގައި ވިދާޅުވިއެވެ. ‎

ނައިބު ރައީސްގެ ވާހަކަފުޅުގައި، ރައީސް ވައުދުވެވަޑައިގެންނެވި އެއްކަމަކީ ޚަރަދު ދެކޮޅު ނުޖެހުމުގެ ސަބަބުން ދައުލަތުގެ މީޑިއާވެސް އަދި އެހެނިހެން މީޑިއާތަކުގެވެސް ހިންގުމަށް އޮތް ގޮންޖެހުމަށް ހައްލެއް ގެނައުން ކަމުގައި ވިދާޅުވިއެވެ. އަދި އެކަމަށްޓަކައި ކަނޑައެޅޭ އުސޫލެއްގެ ތެރެއިން ދައުލަތުގެ ބަޖެޓުން ފުރަތަމަ ފަހަރަށް ކޮންމެ މީޑިއާއަކަށް ކޮންމެވެސް މިންވަރެއް ހަމަޖެއްސުމަށް ކަމުގައިވެސް ނައިބު ރައީސް ވިދާޅުވިއެވެ.

މީގެ އިތުރުން ނައިބު ރައީސްގެ ވާހަކަފުޅުގައި، ހުޅުމާލެއިން މިހާރު ބިމެއް ހަމަޖައްސަވާފައިވާކަމަށާއި މީޑިއާތަކުން ބޭނުންވާގޮތަށް އެތަނުގައި މަސައްކަތް ކުރެވޭނެ އިންތިޒާމުތައް ހަމަޖެއްސުމުގެ މަސައްކަތް ފެށިފައިވާކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.‎ އަދި ނޫސްވެރިންނަކީ ވަރަށް ބޮޑު ޒިންމާއެއް އަދާކުރައްވަމުން ގެންދަވާ ބޭފުޅުންތަކެއް ކަމަށާއި، ރައްޔިތުންނާއި އެއިރެއްގައި އެ އޮންނަ ސަރުކާރަކާއި ނޫނީ ދައުލަތާވެސް ގުޅުވައިދެނީ ނޫސްވެރިން ކަމުގައި ވިދާޅުވިއެވެ. އަދި ގައުމަށް ހެޔޮ ބަދަލު ގެނައުމަށްޓަކައި ސަރުކާރުން އަބަދުވެސް މަސައްކަތް ކުރަނީ ރައްޔިތުންނާ ގާތުން މީޑިއާތަކާ ރައްޓެހި ސަރުކާރެއްގެ ގޮތުގައި ކަމުގައި ވިދާޅުވިއެވެ.

ނޫސްވެރިންގެ ހައްގުތައް ކަށަވަރުކޮށް، ކުރިއަށްދިއުމަށް މަގު ދައްކައިދޭނެ ކަމަށް މިސަރުކާރުން ބުނި ނަމަވެސް މިފާއިތުވެދިޔަ ދުވަސްތަކުގައި ނޫސްވެރިންނަށް ވަނީ ގިނަގޮންޖެހުންތަކާއި ކުރިމަތިލާންޖެހިފައެވެ. އެގޮތުން ސަރުކާރަށް ފާޑުކިޔާ ދެ ނޫހެއް ބްލޮކް ކޮށް ހިޔާލު ފާޅުކުރުމަށް ހުރަސްއެޅި މައްސަލަ ފެންމަތިވިއެވެ. ނޫސްވެރިންގެ މަސައްކަތްތަކަށް ހުރަސް އެޅުމަށް ނޫސްވެރިންނަށް ރައީސް އޮފީހަށް ފޯނު ނުވެއްދޭ ގޮތަށް އެ އޮފީހުގެ އުސޫލުތައް ކުއްލި ގޮތަކަށް ބަދަލުކޮށް، ސަރުކާރުން ރާވައި އިންތިޒާމުވެގެން, ރަސްމީ އިދާރާތަައް މެދުވެރިކޮށް, ކަންކަމުގެ ހަގީގަތް އޮޅުވާލުމަށް ވަނީ މަސައްކަތްކޮށްފައެވެ. ފާއިތުވި ދުވަސްތަކުގެ ތެރޭގައި ނޫސްތަކަށާއި, ޓީވީ ސްޓޭޝަންތަކަށާއި އަދި ވަކިވަކި ނޫސްވެރިންނަށް އިންޒާރު ދިނުމާއި ބިރު ދެއްކުން ވެސް ވަނީ އިތުރުވެފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
0%
0%
0%
0%
0%
ކޮމެންޓް