ކ. މާލެ
|
3 މެއި 2024 | ހުކުރު 22:11
މިޝަން ކާމިޔާބުވެއްޖެނަމަ، ޗައިނާ ވެގެންދާނީ ހަނދުގެ ދުރުފަޅީގައި ރިސާޗް އުޅަނދެއް ފަހަރަށް ޖައްސާ ދިރާސާތައް ހެދި ފުރަތަމަ ގައުމަށް
މިޝަން ކާމިޔާބުވެއްޖެނަމަ، ޗައިނާ ވެގެންދާނީ ހަނދުގެ ދުރުފަޅީގައި ރިސާޗް އުޅަނދެއް ފަހަރަށް ޖައްސާ ދިރާސާތައް ހެދި ފުރަތަމަ ގައުމަށް
ސީ.އެން.އެން
ހަނދުގެ ދިރާސާ
ހަނދުގެ ދިރާސާތަކަށް ޗައިނާއިން އުޅަނދެއް އުދުއްސާލައިފި
ހުކުރު ދުވަހު އުދުއްސާލި ޕްރޯބަކީ ދުނިޔެއާ ދުރުފަޅިން ހަނދުން ސާމްޕަލް ނެގުމަށް ފޮނުވި ޕްރޯބެކެއް
މި މިޝަންގައި 53 ދުވަސް ހޭދަވާނެ ކަމަށް ޗައިނާއިން ވަނީ ހާމަކޮށްފަ

ހަނދުގެ ދިރާސާތަކަށް ޗައިނާ އިން ފޮނުވާ ޕްރޯބް (ޝާންގްއީ-6) ހުކުރު ދުވަހު އުދުއްސާލައިފިއެވެ.

ލޯންގް މާޗް-5 ރޮކެޓްގައި ޕްރޯބް އުދުއްސާލީ ޗައިނާގެ ހައިނާން ހައިލެންޑްސްގައި ހުންނަ ވެންޗާންގ ސްޕޭސް ލޯންޗް ސެންޓަރުގައެވެ. ޗައިނާގެ ނޭޝަނަލް ސްޕޭސް އެޑްމިނިސްޓްރޭޝަން އިން ބުނީ ޕްރޯބް އުދުއްސާލުން ކާމިޔާބު ކަމުގައެވެ.

ޗައިނާއިން ގެންދަނީ ޖައްވީ ދިރާސާގެ ގަދަބާރަކަށް ވުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. ހުކުރު ދުވަހު ލޯންޗް ކުރި މިޝަން އަކީ ޗައިނާގެ މި އުއްމީދުތައް ހާސިލް ކުރުމަށް އެޅުނު މުހިންމު ފިޔަވަޅެއްގެ ގޮތުގައި މީޑިއާ ރިޕޯޓްތައް ބުނެއެވެ.

ޗައިނާ އިން ރާވާފައިވަނީ 2030 ގައި އިންސާނުންނާއެކު ހަނދަށް ދިއުމަށެވެ. އަދި ހަނދުގެ ދެކުނު ތަނޑީގައި ދިރާސާ ކުރާ މަރުކަޒެއް ގާއިމް ކުރުމަށެވެ.

ހުކުރު ދުވަހު އުދުއްސާލި ޕްރޯބަކީ ދުނިޔެއާ ދުރުފަޅިން ހަނދުން ސާމްޕަލް ނެގުމަށް ފޮނުވި ޕްރޯބެކެވެ. މިޝަން ކާމިޔާބުވެއްޖެނަމަ، ޗައިނާ ވެގެންދާނީ ހަނދުގެ ދުރުފަޅީގައި ރިސާޗް އުޅަނދެއް ފަހަރަށް ޖައްސާ ދިރާސާތައް ހެދި ފުރަތަމަ ގައުމަށެވެ.

މި މިޝަންގައި 53 ދުވަސް ހޭދަވާނެ ކަމަށް ޗައިނާއިން ވަނީ ހާމަކޮށްފައެވެ.

ޗައިނާއިން ހަނދަށް ޕްރޯބެއް މި އުދުއްސާލީ، ޖައްވީ ދިރާސާ ކުރުމުގެ ރޭހުގެ ވާދާވެރިކަން ގައުމުތަކުގައި މެދުގައި ބޮޑުވެފައިވާ ދުވަސްވަރެއްގައެވެ. މިގޮތުން، ހުސްވި އަހަރު އިންޑިއާ އިން ކާމިޔާބު ކަމާއެކު ސްޕޭސް ކްރާފްޓެއް ހަނދުގައި ޖައްސާފައެވެ.

ރަޝިޔާ އިން ހުސްވި އަހަރު ފޮނުވި ލޫނާ-25 ޕްރޯބް ހަނދަށް ކްރޭޝްވުމުގެ ސަބަބުން އެމިޝަން ވަނީ ނާކާމިޔާބުވެފައެވެ.

މިއަހަރުގެ ޖެނުއަރީ މަހު ޖަޕާނުންވަނީ ސްޕޭސް ކްރާފްޓެއް ހަނދުގައި ޖައްސާ، ހަނދަށް އުޅނަދެއް ފޮނުވި 5 ވަނަ ގައުމުކަމުގައި ޖަޕާންވަނީ ވެފައެވެ.

ފެބްރުއަރީ މަހުގެ ތެރޭގައި އެމެރިކާގެ ނާސާއިން ޚަރަދު ކޮށްގެން އެގައުމުގެ އަމިއްލަ ކުންފުންޏަކުން އުފެއްދި އުޅަނދެއް ކާމިޔާބު ކަމާއެކު ހަނދުގައިވަނީ ޖައްސާފައެވެ.

ހަނދުގެ ދިރާސާތަކުގެ ރޭހުގައި ވާދަވެރިކަން އެންމެ ބޮޑުވެފައިވަނީ ޗައިނާ އާއި އެމެރިކާއާ ދެމެދުގައެވެ. ޗައިނާއިން ހިންގާ ސްޕޭސް ޕްރޮގްރާމަކީ ސުލްހަވެރި ބޭނުންތަކަށް ހިންގާ ޕްރޮގްރާމެއް ކަމެއް އެ ގައުމުން ބުނަމުން ދިޔަ ނަމަވެސް އެމެރިކާއިން ދެކެނީ އެއީ އަސްކަރީ ބޭނުންތަކަށް ހިންގާ ޕްރޮގްރާމެއްގެ ގޮތުގައެވެ.

އެމެރިކާއިން ދެކެނީ ޗައިނާއިން ހަނދުގައި އަތްގަދަ ކޮށްފިނަމަ އެހެން ގައުމުތަކަށް ޗައިނާއިން ހުރަސްއަޅާނޭ ކަމުގައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ނާޒުމީ ސައީދު
- ކޮމެންޓް