ކ. މާލެ
|
29 އޭޕްރިލް 2024 | ހޯމަ 18:41
ބިންވެރިޔާ ސްކީމްގެ ދަށުން ގޯތި ލިބުނު ބައެއް މީހުން
ބިންވެރިޔާ ސްކީމްގެ ދަށުން ގޯތި ލިބުނު ބައެއް މީހުން
ގޯތިތައް ހަވާލުކުރަން ފާސްކުރުން
ތިން މަސްތެރޭގައި ގޯތިތައް ހަވާލުކުރަން ޤާނޫނަށް ގެނައި އިސްލާހު ފާސްކޮށްފި
 
މިހާތަނަށް ސަރުކާރުން ހަވާލު ކޮށްފައި ނުވާ ގޯތިތައް މި ގާނޫނަށް އަމަލުކުރަން ފަށާތާ ތިން މަސް ތެރޭގައި ހަވާލު ކުރަން ޖެހޭނެ ކަމަށް އިސްލާހުގައި ބުނެފައިވޭ

ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ޞާލިހުގެ ސަރުކާރުން ކުރިޔަށްގެންދިޔަ "ބިންވެރިޔާ" ސްކީމްގެ ދަށުން މާލެ ރައްޔިތުންނަށް ދޫކުރި ގޯތިތަކުގެ ތެރެއިން މިހާތަނަށް ހަވާލު ކޮށްފައި ނުވާ ގޯތިތައް ތިން މަސް ތެރޭގައި ހަވާލު ކުރަން ލާޒިމްވާ ބިމާ ބެހޭ ގާނޫނު އިސްލާހު ކުރަން ރައްޔިތުންގެ މަޖިލީހުން ފާސް ކޮށްފިއެވެ.

މިއީ ކުރީ ސަރުކާރުން ފެށި "ބިންވެރިޔާ" ސްކީމްގެ ދަށުން މާލެ ރައްޔިތުންނަށް ދޫކުރި ގޯތިތަކުގެ ދާއިމީ ލިސްޓު އާންމު ކުރިތާ އެތައް ދުވަހެއްވީ ނަމަވެސް މި ސަރުކާރުން އެ ގޯތިތައް ހަވާލު ނުކުރާ ކަމަށް ބުނެ ގަލޮޅު ދެކުނު ދާއިރާގެ އެމްޑީޕީ މެންބަރު މީކާއިލް ނަސީމް ހުށަހެޅުއްވި އިސްލާހެކެވެ.

މިއިސްލާހަށް ހޯމަ ދުވަހު ކުރިޔަށްދިޔަ މަޖިލީހުގެ ޖަލްސާގައި ނެގި ވޯޓުގައި އެ އިސްލާހު ފާސް ކުރަން ފެންނަ ކަމަށް ވޯޓު ދެއްވީ 35 މެންބަރުންނެވެ. އެ އިސްލާހާ ދެކޮޅަށް އެއްވެސް މެންބަރަކު ވޯޓެއް ނުދެއްވައެވެ.

އެ އިސްލާހުގައި ބުނާ ގޮތުން ގޯތިތައް ލިބޭ ފަރާތްތަކުގެ ދާއިމީ ލިސްޓު ގެޒެޓުގައި ޝާއިއު ކުރާތާ ތިން މަސް ތެރޭގައި އެ ގޯތިތައް ހަވާލު ކުރަން ޖެހޭނެއެވެ. އަދި މިހާތަނަށް ސަރުކާރުން ހަވާލު ކޮށްފައި ނުވާ ގޯތިތައް މި ގާނޫނަށް އަމަލުކުރަން ފަށާތާ ތިން މަސް ތެރޭގައި ހަވާލު ކުރަން ޖެހޭނެ ކަމަށް ވެސް އެ އިސްލާހުގައި ބުނެފައިވެއެވެ.

ކުރީ ސަރުކާރުން ބިންވެރިޔާ ގޯތިތަކުގެ ދާއިމީ ލިސްޓު އާންމު ކުރީ އޮގަސްޓު 13، 2023 ގައެވެ.

ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ޞާލިހު ގެ ސަރުކާރުން ވަނީ ހުޅުމާލެ 2 އަދި އަލަށް ހިއްކާ ހުޅުމާލޭ 3 އަކާއި ގުޅިފަޅާއި ގިރާވަރުފަޅުން 9،000 ގޯތި ދޭން ނިންމާފައެވެ. އޭގެ ތެެރެއިން ގިނަ ބަޔަކަށް ރަޖިސްޓަރީ އާއި ބައެއް މީހުންނަށް ބިންތައް އޭރު ވެސް ހަވާލުކުރިއެވެ.

ހައުސިން މިނިސްޓްރީ އެންމެ ފަހުން ބުނެފައިވާ ގޮތުގައި ބިންވެރިޔާ ސްކީމްގެ ދަށުން ދޫކުރި ގޯތިތަކުގެ އެގްރީމެންޓްގައި ސޮއިކޮށް 8،394 މީހުންނަށް ވަނީ ރަޖިސްޓްރީ ހަވާލުކޮށްފައެވެ.

ނަމަވެސް ހަވާލުނުކުރާ 303 މީހުން ތިބި ކަމަށާއި ބިމަށް ކުރިމަތިލި މީހުންގެ ތެރެއިން 16 މީހަކު އެ ބިން ދޫކޮށްލަން އެދިފައިވާކަމަށް އެ މިނިސްޓްރީން ބުންޏެވެ. އަދި ބިން ލިބުނު ފަހުން 12 މީހަކު މަރުވި ކަމަށް އެ އެ މިނިސްޓްރީން ބުންޏެވެ.

ސަރުކާރުން ވަނީ ރަޖިސްޓްރީ އާ ހަވާލު ނުވާ ފަރާތްތަކަށް އަލުން އެ ފުރުސަތު ދީފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
0%
0%
0%
0%
0%
0%
ކޮމެންޓް