އިސްރާއިލުން ދެން އީރާނަށް ހަމަލާދީފި ނަމަ ސަރަހައްދުގެ "ޑައިނަމިކްސް" އަށް ވަރަށް ބޮޑުބަދަލެއް އަންނާނެ ކަމަށް ވިދާޅުވެ އީރާނުގެ ރައީސް އިބްރާހީމް ރައީސީ އިންޒާރު ކުރައްވައިފިއެވެ.
ދެން އެފަދަ ހަމަލާއެއް އިސްރާއިލުން ދީފި ނަމަ އޭގެ ނަތީޖާ އަކަށް ވާނީ އެ"ޒަޔަނިސްޓް ރެޖީމް" ގެ އެއްވެސް ތަންކޮޅެއް ނެތި، އެއްކޮށް ނެތިދިއުން ކަމަށް ވެސް ރައީސީ ވިދާޅުވި ކަމަށް އީރާންގެ އޮފިޝަލް ނިއުސް އެޖެމްސީ "އިރްނާ" އިން ރިޕޯޓް ކޮށްފައި ވެއެވެ. ޕާކިސްތާނަށް ކުރެއްވި 3ދުވަހުގެ ދަތުރުފުޅުގެ ތެރޭން ވާހަކަފުޅު ދައްކަވަމުން ރައީސީ ވަނީ އިސްރާއިލުން ދެން އީރާންގެ "މާތް" ބިމަށް ހަމަލާއެއް ދިނުމުގެ "މިސްޓޭކް" ހަދައިފިނަމަ ހާލަތު ވަރަށް ބޮޑަށް ބަދަލުވެގެން ދާނެ ކަމަށާ، ދެން އެފަދަ ހަމަލާއެއް ދީފި ނަމަ އެ ރެޖީމްގެ އެންމެ ތަންފުކެއްވެސް އޮންނާނެކަން އިނގިވަޑައިނުގަންނަވާ ކަމަށް ވިދާޅުވެފައި ވެއެވެ.
ރައީސީ ހޯމަ ދުވަހު ޕާކިސްތާނަށް ފެއްޓެވި ދަތުރު ފުޅުގައި އިއްޔެ ވަނީ ލާހޫރު އަދި ކަރާޗީ އަށް ޒިޔާރަތް ކުރައްވާފައެވެ.
މިދަތުރުފުޅުގެތެރޭން ރައީސީ ވަނީ ފަލަސްތީނުން ކުރިޔަށް ގެންދާ ޖިހާދީ ހަރަކާތަށް އީރާނުން އަބަދުވެސް ތާއީދު ކުރާނެ ކަމަށް ވިދާޅުވެފަ އެވެ. މިގޮތުން ޕާކިސްތާނާއި އީރާން އަކީވެސް ބޮޑެތި ފިއްތުންތައް ތަހައްމަލް ކުރަމުންދާ ފަލަސްތީނުގެ ދައުލަތަށް ތާއީދުކުރާ ދެގައުމު ކަމަށް ވިދާޅުވިއެވެ. ރައީސީ ވިދާޅުވީ އެޕްރިލް 13 ވަނަ ދުވަހު އީރާނުން އިސްރާއިލަށް ދިން ހަމަލާއަކީ ސީރިޔާ ގައި ހުންނަ އީރާންގެ އެމްބަސީއަށް އެޕްރިލް 1ވަނަ ދުވަހު އިސްރާއިލުން ދިން ހަމަލާގެ ބަދަލުގައި ދިން ހަމަލާއެއްކަމުގައެވެ. އަދި އިސްރާއިލުން އީރާންގެ ކޮންސުލޭޓް އަށް ހަމަލާދިނީ ބައިނަލް އަގްވާމީ ހުރިހާ ގާނޫނު ތަކާ އުސޫލު ތަކާ ޚިލާފަށްކަން ރައީސީ ފާހަގަ ކުރެއްވިއެވެ.
ޣައްޒާއާ ދެކޮޅަށް އިސްރާއިލުން ހިންގާ ރަހުމެއްނެތް ޖަރީމާތަކަށް ތާއީދު ކުރަމުންދާހިނދު އިންސާނީ ހައްގު ހިމާޔަތް ކުރުމުގެ ވާހަކަ ހުޅަގުން ދައްކަނީ ކޮން އުސޫލަކުންތޯ ސުވާލުކުރައްވަމުން ރައީސީ ވިދާޅުވީ މިއަދު އިންސާނީ ހައްގުތައް އެންމެ ބޮޑަށް ނިގުޅައިގަންނަ ބަޔަކީ ޒަޔަނިސްޓުންކަމަށެވެ. އަދި އެމީހުން ރަހުމެއްނެތި ކުޑަކުދިން މަރަމުންދާއިރު އެކަމަށް ތާއީދުކުރާ އެމެރިކާއާއި ހުޅަގުގެ ގައުމުތައް ކަމުގައެވެ. އަދި އަލްޤުދުސް މިނިވަން ކުރުމަކީ މިއަދު ކުރަންޖެހިފައިވާ އެންމެ ބޮޑު އެއްކަންތައް ކަމަށާ މިކަން ހާސިލްވާނީ ފަލަސްތީންގެ ޖިހާދަށް ނަސްރު ލިބިގެން ކަމަށް ވިދާޅުވިއެވެ.
މީޑިޔާ ރިޕޯޓްތައް ބުނާގޮތުން އީރާން އާއި ޕާކިސްތާނުން ގެންދަނީ މިއަހަރު ކުރީކޮޅު ބަދަލު ކުރެވުނު ހަމަލާތަކަށް ފަހު ގުޅުން ރަގަޅު ކުރެވޭތޯ މަސައްކަތް ކުރަމުންނެވެ.
ރައީސީގެ މިދަތުރުފުޅުގައިވަނީ ދެގައުމު ދެމެދު ކުރެވޭ ވިޔަފާރި، އަހަރަކު 10 ބިލިއަން ޑޮލަރާ ހަމަޔަށް އިތުރު ކުރައްވާނެ ކަމަށް ވިދާޅުވެފައެވެ.
ޕާކިސްތާންގެ ބޮޑުވަޒީރުގެ އޮފީހުންވެސް ވަނީ ދެގައުމު ދެމެދު އޮތް ގުޅުންތައް ރަގަޅު ކުރުމާއި ގުޅޭގޮތުން ވަރަށް ފައިދާހުރި ވާހަކަތަކެއް ބޭއްވިފައިވާކަމަށް ބުނެފައެވެ. އަދި ދެގައުމު ގުޅިގެން ޓެރަރިޒަމް އާ ދެކޮޅަށް މަސައްކަތް ކުރުމަށް އެއްބަސް ވެފައިވާ ކަމަށް ވެސް ބުނެފައި ވެއެވެ.