Advertisement
ކ. މާލެ
|
24 އޭޕްރިލް 2024 | ބުދަ 13:00
މިފްކޯގެ ސީއީއޯ އަހުމަދު ސަމާހު ރަޝީދު
މިފްކޯގެ ސީއީއޯ އަހުމަދު ސަމާހު ރަޝީދު
މިފްކޯގެ ސީއީއޯގެ ސަސްޕެންޝަން އުވާލުން
ބޮޑެތި ތުހުމަތުތަކެއް އަމާޒުވި މިފްކޯގެ ސީއީއޯ ސަމާހުގެ ސަސްޕެންޝަން އުވާލައިފި
ސަމާހުގެ ސަސްޕެންޝަން އުވާލާފައިވަނީ މިމަހުގެ 23 ވީ އަންގާރަ ދުވަހު
ކުންފުނީގެ މަސައްކަތްތައް ދުވަހުން ދުވަހަށް ހިންގުމަށް އުފެއްދި ވަގުތީ ކޮމިޓީ ވެސް މިހާރު ވަނީ އުވާލާފައި
ޕީސީބީން ސަމާހުއަށް ބޮޑެތި ތުހުމަތުތަކެއް ކޮށްފައިވޭ

މިފްކޯގެ ޗީފް އެގްޒެކެޓިވް އޮފިސަރ (ސީއީއޯ) އަހުމަދު ސަމާހު ރަޝީދުގެ، ސަސްޕެންޝަން އުވާލައިފިއެވެ. 

މިފްކޯއިން ބުނީ ސީއީއޯ ސަމާހުގެ ސަސްޕެންޝަން އުވާލާފައިވަނީ މިމަހުގެ 23 ވީ އަންގާރަ ދުވަހު ކަމަށާއި، ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން އެކަން ލިޔުމުން އަންގާފައިވާ ކަމަށެވެ. އަދި ކުންފުނީގެ މަސައްކަތްތައް ދުވަހުން ދުވަހަށް ހިންގުމަށް އުފެއްދި ވަގުތީ ކޮމިޓީ ވެސް މިހާރު އުވާލާފައިވާ ކަމަށް މިފްކޯއިން ބުނެއެވެ.

ސަމާހު ސަސްޕެންޑުކޮށްފައިވަނީ 18 މާޗް 2024 ގައެވެ. އެކަން އިއުލާނުކޮށް ޕީސީބީން ނެރުނު ނޫސްބަޔާނެއްގައި ބުނީ، ސަމާހުއާ ގުޅޭގޮތުން ކޯޕަރޭޓް ގަވަނަންސްއާ ގުޅޭ މައްސަލައެއް ހުށަހެޅި އެ ކަމުގެ ފުރިހަމަ އިންކުއަރީއެއް ހިންގުމަށްޓަކައި 14 ދުވަހުގެ މުއްދަތަކަށް ވަގުތީގޮތުން ސަމާހު މަގާމުގެ މަސްއޫލިއްޔަތުތަކުން އެކަހެރިކުރަން ނިންމި ކަމަށެވެ. ނަމަވެސް ޕީބީސީން ފަހުން ވަނީ މި މުއްދަތު އިތުރުކޮށްފައެވެ.

Advertisement

މީގެ ކުރިން ވެސް މީޑީއާތަކުގައި ޕީސީބީން މިފްކޯގެ ސީއީއޯ ސަމާހަށް ކުރާ ތުހުމަތުތަކާ ގުޅޭ ސިޓީއެއް ވަނީ ލީކުކޮށްލާފައެވެ. އެ ސިޓީގައި ޕީސީބީން އޭނާއަށް ވަނީ 12 ތުހުމަތެއް އަމާޒުކޮށްފައެވެ.

މީގެ އިތުރުން ސަމާހުއަށް ތުހުމަތު ކުރެވޭ މައްސަލަތައް ރައްޔިތުން މަޖިލީހުގެ ސްޓޭޓް އޯންޑް އެންޓަޕްރައިޒަސް (އެސްއޯއީ) ކޮމިޓީން ބަލަން ވެސް ނިންމިއެވެ. އަދި އޭނާ ކޮމެޓީއަށް ހާޒިރުކޮށް ސުވާލުކޮށްފައި ވެސް ވެއެވެ.

އޭނާ ވަނީ ސަސްޕެންޑުކުރުމުގެ ކުރިން ވެސް ޕީސީބީން އޭނާއާ މެދު އަމަލުކޮށްފައި ވަނީ ރަނގަޅަށް ނޫން ކަމަށް ވިދާޅުވެފައެވެ. މީގެ އިތުރުން މިފްކޯއާ މުއާމަލާތުކުރާ ވިޔަފާރީގެ ބައެއް ކުންފުނިތަކާއި އޭނާ އާއި ގުޅުން އޮތް ކަމަށް ޕީސީބީން ބުނި ނަމަވެސް، ސަމާހު ވަނީ އެކަން ދޮގުކުރައްވާފައެވެ. އަދި ޕީސީބީ އިން އަމަލުކޮށްފައި ވަނީ އޭނާގެ އަބުރު ކަތިލުމަށް ކަމަށް ވެސް ސަމާހު ވަނީ ތުހުމަތުކުރައްވާފައެވެ. ސަމާހު ވަނީ މިފްކޯ އަށް ފެންވަރު ދަށް މީހުން ޖެނެރަލް މެނޭޖަރުންގެ ފެންވަރުގައި އައްޔަންކުރާ ކަމަށް ބުނެ ކުރެވޭ ތުހުމަތުތައް ވެސް ދޮގުކުރައްވާފައެވެ. މީގެއިތުރުން ޕީސީބީން އޭނާ ސަސްޕެންޑު ކުރިކަން އެންގުމުގެ ކުރިން، އެހެން ފަރާތުން އޭނާ އަށް އެކަން އެނގުނު ކަމަށާއި އެއީ ވެސް އޭނާ މަގާމުގައި ހުރުމަށް ނޭދޭ މީހުންނާއި ޕީސީބީއާ ގުޅުން އޮތުމުން ހިނގި ކަމެއް ކަމަށް ވިދާޅުވެ، ޕީސީބީއަށް ނުރަނގަޅު ނުފޫޒު ފޯރާފައިވާކަމަށް ސަމާހު ވަނީ ތުހުމަތުކުރައްވާފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 17 ގަޑިއިރު ކުރި
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް