ކ. މާލެ
|
22 އޭޕްރިލް 2024 | ހޯމަ 20:06
ދައުލަތް ހިއްސާވާ ކުންފުނިތަކާއި ސަރުކާރު ވުޒާރާތަކުން މުދަލާއި ވަސީލަތް ނަހަމަގޮތުގައި ބޭނުންކުރިކަމަށް ޓްރާންސްޕޭރެންސީ ބުނޭ
ދައުލަތް ހިއްސާވާ ކުންފުނިތަކާއި ސަރުކާރު ވުޒާރާތަކުން މުދަލާއި ވަސީލަތް ނަހަމަގޮތުގައި ބޭނުންކުރިކަމަށް ޓްރާންސްޕޭރެންސީ ބުނޭ
ޕީއެންސީ
މަޖިލިސް އިންތިހާބު
މަޖިލިސް އިންތިހާބުގެ ކެމްޕޭންގެ ތެރޭގައި ވޯޓު ގަތުމާއި ދައުލަތުގެ މުދަލާއި ވަސީލަތްތައް ނަހަމަ ގޮތުގައި ބޭނުންކޮށްފައިވޭ - ޓްރާންސްޕޭރެންސީ
 
ވޯޓު ގަތުން މޮނިޓަރ ކުރުމާއި އަވަސް އަދި ފުރިހަމަ ތަހުގީގުތައް ކުރިޔަށް ނުގެންދެވޭ
 
މަޖިލިސް އިންތިހާބުގެ ކެމްޕެއިންތަކުގައި ވޯޓު ގަނެ ވިއްކުމުގެ އަމަލުތައް ހިނގަމުންދާކަމަށް އާންމުން ބުނެފައިވޭ
 
ދައުލަތް ހިއްސާވާ ކުންފުނިތަކާއި ސަރުކާރު ވުޒާރާތަކުގެ ރަސްމީ ސޯޝަލް މީޑިއާ އެކައުންޓްތަކުން 680 މިލިއަން ރުފިޔާގެ 6 ތަރައްގީގެ މަޝްރޫއުއެއް ހަވާލުކުރި

ނިމިގެން ދިޔަ ރައްޔިތުންގެ މަޖިލިސް އިންތިހާބުގެ ކެމްޕޭންގެ ތެރޭގައި ވޯޓު ގަތުމާއި ދައުލަތުގެ މުދަލާއި ވަސީލަތްތައް ނަހަމަ ގޮތުގައި ބޭނުންކޮށްފައިވާ ކަމަށް ޓްރާންސްޕޭރެންސީ މޯލްޑިވްސް އިން ބުނެފިއެވެ.

މަޖިލިސް އިންތިހާބު މޮނިޓަރ ކުރުމަށް ޓްރާންސްޕޭރެންސީ މޯލްޑިވްސްއިން ކުރި މަސައްކަތަށްފަހު ނެރުނު ރިޕޯޓުގައި ބުނެފައިވަނީ ވޯޓު ގަތުމަކީ މި އިންތިހާބުގައިވެސް ފާހަގަ ކުރެވުނު ބޮޑު މައްސަލައެއް ކަމަށެވެ. ޓްރާންސްޕޭރަންސީ މޯލްޑިވއްސްއިން ބުނީ އިންތިހާބުގެ ކުރިޔަށް އިންތިހާބީ މާހައުލު ދެނެގަތުމަށް ކުރެވުނު ދިރާސާގައި އިންޓަވިއު ކުރެވުނު ހުރިހާ ފަރާތްތަކަކުން ވަނީ ވެސް މަޖިލިސް އިންތިހާބުގެ ކެމްޕެއިންތަކުގައި ވޯޓު ގަނެ ވިއްކުމުގެ އަމަލުތައް ހިނގަމުންދާކަމަށް ތުހުމަތުކޮށް އެކަމާއި މެދު ކަންބޮޑުވުން ފާޅުކޮށްފައެވެ.

އަދި މިއިންތިހާބުގެ ކެމްޕޭނުގެ ތެރޭގައި, މިޖަމްއިއްޔާއަށްވެސް ވޯޓުގަތުން އާންމުވުމާއި, ވޯޓު ގަތުމުގެ ތުހުމަތުތަކާއި ބެހޭ މައުލޫމާތުތައް އެޖަމްއިއްޔާއަށްވެސް ލިބިފައިވާކަމަށެވެ.

ނަމަވެސް ވޯޓު ގަތުން މޮނިޓަރ ކުރުމާއި އަވަސް އަދި ފުރިހަމަ ތަހުގީގުތައް ކުރިޔަށް ނުގެންދެވުމާއި ގުޅުންހުރި ގާނުންތައް ފުރިހަމައަށް ތަންފީޒު ނުކުރެވުމަކީ މިފަދަ އަމަލުތައް ހުއްޓުވުމަށް ހުރި ގޮންޖެހުންތަކެއް ކަމަށް ބުނެފައިވެއެވެ.

މީގެ އިތުރުން ކޮންމެ ސަރުކާރަކުންވެސް ދައުލަތުގެ މުދަލާއި ވަސީލަތްތައް އިންތިހާބީ ފައިދާއަށް އިންތިހާބުތަކުގައި ނަހަމަގޮތުގައި ބޭނުންކުރެވޭ ގޮތަށް ހުޅުވިފައި އޮތުމަކީ ރައްޔިތުންގެ ފައިސާ ބޭނުންކޮށްގެން ކެމްޕެއިންކޮށް ނިޒާމީ ކޮރަޕްޝަނަށް މަގުފަހިވާ ވަސީލަތަކަށް ވަނީވެފައި ކަމަށް ޓްރާންސް ޕޭރެންސީން ބުނެއެވެ.

އަދި 2024 ވަނަ އަހަރުގެ ރައްޔިތުންގެ މަޖިލިސް. އިންތިހާބު މޮނިޓަރކުރުމާއި އެސެސްކުރުމުގެ މަސައްކަތުގެ ތެރެއިން, ކެމްޕޭން މުއްދަތުގެ ތެރޭގައި ދައުލަތުގެ ވަސީލަތްތަކުގެ ބޭނުން ނަހަމަ ގޮތުގައި ކުރެވޭ ކަމާއި, ސަރުކާރުގެ ތަފާތު މަޝްރޫއުތައް ކެމްޕޭނާއި ގުޅުވައިގެން އިފްތިތާހުކުރެވޭ ކަން އެޖަމްއިއްޔާއަށް ފާހަގަކުރެވޭ ކަމަށް ބުނެފައިވެއެވެ.

އިންތިހާބު އޮތް ދުވަހުގެ ކުރިން ފާއިތުވި 48 ގަޑިއިރު ތެރޭގައިވެސް ފާހަގަކުރެވިފައިވާ ކަންކަމުގެ ތެރޭގައި:

- ވޯޓުލާން ފެށުމަށް 48 ގަޑިއިރަށްވެފައި ވަނިކޮށް ދައުލަތް ހިއްސާވާ ކުންފުނިތަކާއި ސަރުކާރު ވުޒާރާތަކުގެ ރަސްމީ ސޯޝަލް މީޑިއާ އެކައުންޓްތަކުން 680 މިލިއަން ރުފިޔާގެ 6 ތަރައްގީގެ މަޝްރޫއުއެއް ހަވާލުކުރުމަށް ނުވަތަ އިފްތިތާހު ކުރުމަށް ބޭއްވުނު ރަސްމިއްޔާތުތަކުގެ މައުލޫމާތު  އާންމުކުރުން 

- ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގެ ވޯޓުލުމަށް ހަތަރު ދުވަހަށް ވެފައި ވަނިކޮށް ރަށްރަކުގެ  އިދާރީ ސަރަހައްދަކަށް އިސްލާހު ގެނުމާއި, ތަފާތު ފަޅުތަކާއި ފަޅު ރަށްތަކެއް ތިން ކައުންސިލެއްގެ އިހްތިސާސް ބަދަލުކުރުމަށް ސަރުކާރުން އިއުލާންކުރުމުގެ އިތުރުން, މިއަދުގެ ވޯޓުލުން ކުރިއަށް ދިޔައިރުވެސް, ވޯޓުލާ ދުވަހުވެސް ދެ ކައުންސިލެއްގެ އިހުތިސާސް ބަދަލުކުރުމަށް ރައީސުލް ޖުމްހޫރިއްޔާގެ ގަރާރެއް ވަނީ ގެޒެޓްކުރުން 

- މިނިސްޓްރީ އޮފް ހައުސިންގް, ލޭންޑް އެންޑް އަރބަން ޑިވެލޮޕްމަންޓުން, ވޯޓުލުން ފެށެން 20 ގަޑިއިރަށް ވެފައި ވަނިކޮށް, ކުރީ ސަރުކާރުތަކުގެ ގެދޮރުވެރިކަމުގެ މަޝްރޫއުތަކުން ގެދޮރުވެރިކަމުން "މަހުރޫމް" ކުރެވިފައިވާ ފަރާތްތަކަށް ގެދޮރުވެރިކަމާއި, ހައުސިންގް ލޯނުތައް ހޯދައިދޭނެކަމާއި, ވަކިން ހާއްސަކޮށް 2010 ވަނަ އަހަރު ކުރިއަށް ގެންދެވުނު ޓާޓާ ހައުސިންގް ފްލެޓް ނުލިބުނު ފަރާތްތަކަށް ގެދޮރުވެރިކަން ހޯދައިދޭނޭ ކަމަށް ބޔާންކޮށް ނޫސް ބަޔާނެއް ނެރުން

މީގެ އިތުރުން ކެމްޕެއިން މުއްދަތުގައި އަދި ވަކިން ހާއްސަކޮށް އިންތިހާބާއި ކުޑަތަންވެފައިވަނިކޮށް, އަސާސީ ހިދުމަތްތަކާއި ރައްޔިތުންގެ ހައްގުތައް ރައްކާތެރިކުރުމާއި ގުޅިފައިވާ މުހިންމު ކަންކަމަށް އަސަރުކުރާގޮތަށް ސިޔާސަތުތައް ބަދަލުތުކުރުމާއި ތަރައްގީގެ މަޝްރޫއުތައް އިފްތިތާހުކުރުމަކީ ވޯޓުލާ ފަރާތްތަކަށް ނުފޫޒު ނުވަތަ ބާރުލިބިފައި ނުވާ ކެންޑިޑޭޓުން ހިޔާރުކުރުމަށް ހުރަސް އެޅޭ ކަމެއް ކަމަށް ޓްރާންސްޕޭރެންސީން ބުނެފައިވެއެވެ.

އަދި ދައުލަތުގެ ވަސީލަތްތައް ނަހަމަ ގޮތުގައި ބޭނުންކުރުމާއި ވޯޓު ގަތުން ފަދަ އިންތިހާބީ ކުށްތަކަށް ފާރަވެރިވެ, އަމިއްލަ އިސްނެގުމުގެ މަތިން މޮނިޓަރކުރުމަށާއި, ތަހުގީގުކޮށް ދައުވާކޮށް, މިފަދަ ކުށްތަކަށް އަރައިގަންނަ ފަރާތްތައް ޒިންމާދާރުކުރުވޭނޭ ހަރުދަނާ ނިޒާމެއް ގެނައުމަށް އެޖަމްއިއްޔާއިން އެންޓި ކަރަޕްޝަން ކޮމިޝަނާއި, ދިވެހި ފުލުހުންގެ ހިދުމަތް ވަނީ ގޮވާލާފައެވެ.

ޓްރާންސްޕޭރެންސީން ބުނީ އިންތިހާބުގެ މުއްދަތުގައި ސަރުކާރުން ދައުލަތުގެ ވަސީލަތްތައް ބޭނުންކުރުމާ ބެހޭ ގޮތުން އެންޓި-ކޮރަޕްޝަން ކޮމިޝަނުން އެކުލަވާލާފައިވާ ގައިޑްލައިންގައި ހިމެނޭ މާއްދާތައް ރައްޔިތުންގެ މަޖިލީހުން މުރާޖާކޮށް ގާނޫނުގައި ހިމެނުމަށް ކުރަންޖެހޭ މަސައްކަތްތައް އަވަސްކުރުމަށްވެސް ގޮވާލާފައިވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
0%
0%
0%
0%
0%
0%
ކޮމެންޓް