ކ. މާލެ
|
12 އޭޕްރިލް 2024 | ހުކުރު 09:31
އެއްބަސްވުމުގައި ސޮއިކުރެއްވި ރަސްމިއްޔާތުގެ ތެރެއިން
އެއްބަސްވުމުގައި ސޮއިކުރެއްވި ރަސްމިއްޔާތުގެ ތެރެއިން
އެމްޕީއެލް
މެރިޓައިމް ހަބްގެ މަސައްކަތް
ގާދޫގައި ތަރައްގީކުރާ މެރިޓައިމް ހަބްގެ މަސައްކަތް ކުރިއަށް ގެންދިއުމަށް ކޮންޓްރެކްޓަރަކާއި ހަވާލުކޮށްފި
 
އެމްޕީއެލްގެ ވިސްނުމަކީ ތަފާތު އެކި ދާއިރާތަކަށް ވިޔަފާރި ފުޅާކުރުން
 
މުޅިން އަލަށް ތައާރަފްކުރާ ކްރޫޒް ޓަރމިނަލްއެއް ގާއިމްކުރެވޭނެ
 
ވަޒީފާގެ ފުރުސަތުތަކާއި އުމްރާނީ ތަރައްގީއަށް އިތުރު ކުރިއެރުން ލިބޭނެ

ލާމު އަތޮޅު ގާދޫގައި ތަރައްގީކުރާ "މެރިޓައިމް ހަބް" ރަސްމީކޮށް އިފްތިތާހްކޮށް، އެ ޕްރޮޖެކްޓްގެ މަސައްކަތް ކުރިއަށް ގެންދިއުމަށް ކޮންޓްރެކްޓަރަކާއި ހަވާލުކޮށްފިއެވެ.

މެރިޓައިމްގެ ތަފާތު ގިނަ ޚިދުމަތްތައް ފޯރުކޮށްދޭގޮތަށް ލާމު ގާދޫގައި ތަރައްގީކުރާ "މެރިޓައިމް ހަބް" ރަސްމީކޮށް އިފްތިތާހްކުރީ ލާމު އަތޮޅުގައި ސަރުކާރުން ކުރިއަށް ގެންދާ އިންޓަރގްރޭޓަޑް ޑިވެލޮޕްމަންޓް ޕްރޮޖެކްޓްތައް އިފްތިތާހްކުރުމަށް ބުރާސްފަތި ދުވަހުގެ ރޭ ލާމު ފޮނަދޫގައި ބޭއްވި ޖަލްސާއެއްގައެވެ.

މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒެވެ.

މި ހަފްލާގައި ލާމު "މެރިޓައިމް ހަބް" ޕްރޮޖެކްޓް ކުރިއަށް ގެންދިއުމަށް ހަވާލުކުރެވުނު ޗައިނާގެ ކެމް.ސީ އިންޖިނިއަރިންގ ކޯ ލިމިޓަޑާއެކު އެމްޕީއެލުން ވަނީ ފަހުމުނާމާގައި ސޮއިކޮށްފައެވެ. އެމްޕީއެލްގެ ފަރާތުން ސޮއިކުރެއްވީ ސީއީއޯ މުހައްމަދު ވަޖީހް އިބްރާހީމެވެ. ކެމް.ސީގެ ފަރާތުން ސޮއިކުރެއްވީ ޖެނެރަލް މެނޭޖަރު ލީ ވެއިވެއިއެވެ.

އެމްޕީއެލުން ބުނީ ގާދޫގައި ތަރައްގީކުރާ މެރިޓައިމް ހަބަކީ ޝިޕިން ޓްރޭޑް ލޮޖިސްޓިކްސް އަދި ފަތުރުވެރިކަން ފަދަ މެރިޓައިމް އެކި ހަރަކާތްތައް ކުރިއަށް ގެންދެވޭނެ ޚާއްސަ ސަރަހައްދެއް ކަމަށެވެ. މީގެ ސަބަބުން ރާއްޖޭގެ އިގްތިސާދީ ކުރިއެރުމަށް މަގުފަހިވެ ވަޒީފާގެ ފުރުސަތުތަކާއި އުމްރާނީ ތަރައްގީއަށް އިތުރު ކުރިއެރުމެއް ލިބޭނެ ކަމަށް އެމްޕީއެލުން ބުނެއެވެ.

ލ. އަތޮޅުގެ އިންޓަރގްރޭޓެޑް ޑިވެލޮޕްމަންޓް ޕްރޮޖެކްޓްގެ ދަށުން ރާއްޖޭގައި މުޅިން އަލަށް ތައާރަފްކުރާ ކްރޫޒް ޓަރމިނަލްއެއް ގާއިމްކުރެވޭނެއެވެ.

މީގެއިތުރުން ގާދޫއާއި ފޮނަދޫއާއި އިންވެގެން އޮތް ފަޅުތެރޭގައި ރާއްޖޭގައި ފުރަތަމަ ފަހަރަށް ތަރައްގީކުރާ އީކޯ ރިސޯޓު ގާއިމްކުރުމަށް ހަމަޖެހިފައިވާއިރު އެ ސަރަހައްދުގައި ސުޕަރ ޔޮޓް މެރީނާއެއްވެސް ގާއިމްކުރެވޭނެއެވެ. ސުޕަރ ޔޮޓް މެރީނާއަކީ ރާއްޖެ އަންނަ ފަތުރުވެރިންގެ ޔޮޓްތައް ޕާރކްކުރެވޭގޮތަށް ފަރުމާކުރެވޭނެ ޚާއްސަ ސަރަހައްދެކެވެ. އަދި އޮފްޝޯރ ބަންކަރިންގްގެ ޚިދުމަތުގެ އިތުރުން ގާދޫގައި ވެލާ ރިހެބިލިޓޭޝަން ސެންޓަރެއް ގާއިމްކުރުމަށްވެސް ވަނީ މި މަޝްރޫއުގެ ތެރެއިން ނިންމާފައެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އެމްޕީއެލްގެ ސީއީއޯ ވަޖީހު ވިދާޅުވީ ލާމު "މެރިޓައިމް ހަބް" އަކީ ލާމު އަތޮޅުގެ އިގުތިސާދަށް ފައިދާއާއި ކުރިއެރުން ލިބޭނެ މަޝްރޫއެއް ކަމަށެވެ.

އަޅުގަނޑު (ލާމު އަތޮޅު) ރައްޔިތުންނަށް އަރުވާ ޔަގީންކަމަކީ މި ފެށިގެންދާ މަޝްރޫޢޫތަކުން މަދުވެގެން ޑިރެކްޓްކޮށް 2000 މުވައްޒަފުން ބޭނުންވާނެކަން. އަދި އިންޑައިރެކްޓްކޮށް އާދަޔާ ހިލާފަށް ގިނަ ވަޒީފާގެ ފުރުސަތުތަކެއް އުފެދިގެންދާނެ. މިކަންތައްތައް ފުރިހަމަވުމުން މި އަތޮޅާއި އަދި ކައިރީގައި އޮތް އަތޮޅުތަކުގެ ރައްޔިތުންނަށްވެސް އާދަޔާ ހިލާފު އިޤްތިސާދީ މަންފާތަކެއް ކުރާނެ
އެމްޕީއެލްގެ ސީއީއޯ މުހައްމަދު ވަޖީހު

ވަޖީހު ވިދާޅުވީ އެމްޕީއެލްގެ ވިސްނުމަކީ ތަފާތު އެކި ދާއިރާތަކަށް ވިޔަފާރި ފުޅާކޮށް، އާމްދަނީ އިތުރުކޮށް ގައުމުގެ އިގްތިސާދީ ކުރިއެރުމަށް މުހިންމު މަސައްކަތްތަކެއް ކުރުން ކަމަށެވެ.

މި ޕްރޮޖެކްޓް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ އީކޯ-ފްރެންޑްލީ ޑިވަލޮޕްމަންޓް މެތޮޑްސް ތެރެއިންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
0%
0%
0%
0%
0%
ކޮމެންޓް