ކ. މާލެ
|
11 އޭޕްރިލް 2024 | ބުރާސްފަތި 14:02
ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު ހުސައިން ޝަހީމް
ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު ހުސައިން ޝަހީމް
ރާއްޖެއެމްވީ
ސަފީރުންނަށް ރުހުން ދިނުން
ސަފީރުންނަށް ރުހުން ދިނުން ލަސްކުރާކަމަށް ރައީސް ވިދާޅުވުމުން މުޤައްރިރުގެ ހޫނު ރައްދެއް: ނަން ފޮނުވާފައިހުރީ ފޮރިން ސަރވިސް ޤާނޫނަށް ބެލުމެއް ނެތި
 
ރައީސް ފޮނުއްވާފައިވާ ނަންފުޅުތައް ކޮމިޓީން ބަލައި، ހުރިހާ ބޭފުޅުންނާ އިންޓަވިއުވެސް ވަނީ ކޮށް ނިމިފައި
 
އީސް ފޮނުއްވި ނަންފުޅުތަކުގެ ތެރޭގައި ފޮރިން ތަޖުރިބާ އެއްވެސް ވަރަކަށް ނެތް ބޭފުޅުން ހިމެނޭ
 
ޝަރުތު ފުރިހަމަނުވާ ބައެއް ބޭފުޅުންގެ ނަންފުޅުތައްވެސް ރައީސް ފޮނުއްވާފައިވޭ

ސަރުކާރުން ބޭރު ޤައުމުތަކަށް އައްޔަންކުރާ ސަފީރުންނަށް ރުހުން ދިނުން ރައްޔިތުންގެ މަޖިލީހުގެ ޚާރިޖީ ކޮމިޓީން ލަސްކުރާކަމަށް ރައީސް ޑރ މުޙައްމަދު މުއިއްޒު ވިދާޅުވުމުން ކޮމިޓީގެ މުޤައްރިރު ހުސައިން ޝަމީމް (އަނދުން ހުސައިން) ވަރުގަދަ ރައްދެއް ދެއްވައިފިއެވެ.

މިވަގުތު އޮތް މަޖިލީހުން ސަރުކާރަށް އެއްބާރުލުން ނުދޭކަން ފާހަގަ ކުރައްވައި ރައީސް ވިދާޅުވީ، ސަރުކާރުން ބޭރު ޤައުމުތަކަށް އައްޔަން ކުރައްވާ ސަފީރުންގެ މައްސަލަވެސް އޮތީ މަޖިލީހުގެ ޚާރިޖީ ގުޅުންތަކުގެ ކޮމިޓީގައި ތާށިވެފައި ކަމަށެވެ. އެގޮތުން ކޮމިޓީ ނުބާއްވައި ދިގުލައިގެންދިއުމުގެ ސަބަބުން ސަފީރުން ފޮނުވުން ލަސްވެފައިވާކަން ރައީސް ފާހަގަ ކުރެއްވިއެވެ.

އެކަމާ ގުޅޭގޮތުން ރާއްޖެއެމްވީން ޚާރިޖީ ގުޅުންތަކާބެހޭ ކޮމިޓީގެ މުޤައްރިރު ހުސައިން ޝަމީމް (އަނދުން ހުސައިން) އަށް ސުވާލު ދެންނެވުމުން އޭނާ ވިދާޅުވީ، އެ މަސައްކަތް ލަސްވެފައިވަނީ ކޮމިޓީން ކުރަންޖެހޭ ކަމެއް ނުކޮށްގެނެއް ނޫން ކަމަށެވެ.

ޝަހީމް ވިދާޅުވީ، ރައީސް ސަފީރުން އައްޔަން ކުރައްވާފައިވަނީ ޤާނޫނެއް ބައްލަވައިގެނެއް ނޫން ކަމަށެވެ. އެގޮތުން ސަފީރުންނަށް އައްޔަން ކުރައްވާ ފަރާތްތަކަކީ ދިވެހި ރައްޔިތުންނަށް ވާން ޖެހޭ ކަމަށާއި، ބޭރު ޤައުމެއްގެ ރައްޔިތުކަން (ޑުއަލް ސިޓިޒަންޝިޕް) އޮންނަ ފަރާތަކަށް ވެގެން ނުވާނެކަމަށް ފޮރިން ސަރވިސް ޤާނޫނުގައި ސާފުކޮށް ބަޔާންކޮށްފައިވާއިރު، އެއާ ޚިލާފަށްވެސް ބައެއް ސަފީރުންގެ ނަންފުޅުތައް ފޮނުވާފައިވާކަމަށް ޝަހީމް ވިދާޅުވިއެވެ.

އެކަމުގެ ސަބަބުން ސިޓީބިޓީ ބަދަލުކޮށް، ބައެއް ބޭފުޅުން ބޭރު ޤައުމުގެ ރައްޔިތުކަން ދޫކޮށްލައި އަލުން އެކަމުގެ ލިއެކިއުން ހުށަހަޅައި، އެފަދަ ކަންކަމަށް ވަގުތުތައް ހޭދަވެގެން ދިޔަކަން މެމްބަރު ފާހަގަ ކުރެއްވިއެވެ.

ނަންތައް ފޮނުއްވާފައިވަނީ ޤާނޫނެއް ބައްލަވައިގެނެއް ނޫން، ދެން އަޅުގަނޑުމެން މި ބުނަން ޖެހެނީ މާތްކަލާކޯއޭ ދިވެއްސަކަށް ނޫނީ ސަފީރަކަށް ނުވެވޭނެއޭ، ދެން އެކަމުގައި ސިޓީ ބިޓީ ބަދަލު ކުރަން ހަފްތާތައް ނަގައިގެން ދިޔަ، ފޮރިން ސަރވިސް ޤާނޫނާ ޚިލާފަށް ނަންތައް ފޮނުވީމާ ދެކޮޅުން ސިޓީބިޓީ ބަދަލުކުރަންވެގެން ލަސްވަނީ
ޚާރިޖީ ގުޅުންތަކާބެހޭ ކޮމިޓީގެ މުޤައްރިރު ހުސައިން ޝަމީމް

އޭގެ އިތުރުން ބޭރު ޤައުމުތަކުގެ އެފަދަ ބައެއް މަޤާމުތަކަށް އައްޔަން ކުރާ ބޭފުޅުންގެ ޝަރުތުތަކުގެ ތެރޭގައި ފޮރިން މިނިސްޓްރީގެ ވަކި ފެންވަރެއްގެ މަޤާމެއް އަދާކުރަމުންދާ ފަރާތަކަށްވުން ލާޒިމުކޮށްފައިވާއިރު، އެ ޝަރުތު ފުރިހަމަނުވާ ބައެއް ބޭފުޅުންގެ ނަންފުޅުތައްވެސް ރައީސް ފޮނުއްވާފައިވާކަން މެމްބަރު ޝަހީމް ފާހަގަ ކުރެއްވިއެވެ.

އަދި އެކަން ކޮމިޓީން ސަމާލުކަމަށް ގެނައުމުން، "ބެކް ޑޭޓް" ކޮށް، އެ ބޭފުޅާ ފޮރިން މިނިސްޓްރީގެ މަޤާމަކަށް އައްޔަން ކުރައްވާފައިވާކަމުގެ ލިޔުން ރައީސް އޮފީހުން ތައްޔާރުކޮށްގެން ދީފައިވާކަމަށް ވެސް ޝަހީމް ވިދާޅުވިއެވެ.

އެހެންނަމަވެސް ކޮމިޓީން އޭގެ ކުރިން ފޮރިން މިނިސްޓްރީ މެދުވެރިކޮށް މައުލޫމާތު ސާފުކުރިއިރު، އޭނާއަކީ ފޮރިން މިނިސްޓްރީގެ މަޤާމެއްގައިވެސް ހުރި ބޭފުޅެއް ނޫންކަން ފާހަގަ ކުރައްވައި ޝަހީމް ވިދާޅުވީ، ބެކްޑޭޓްކޮށް ރައީސް އޮފީހުން ސިޓީ ފޮނުވުމަކީ ކޮމިޓީން ބަލައިގަންނަ ކަމެއް ނޫން ކަމަށެވެ.

އޭގެ އިތުރުން، ރައީސް ފޮނުއްވި ނަންފުޅުތަކުގެ ތެރޭގައި ރައީސްގެ އަނބިކަނބަލުންނާއެކުގައި ހެލްތު މިނިސްޓްރީގައި މަސައްކަތް ކުރެއްވި، އަދި ބައިލެޓްރަލް/ޚާރިޖީ ގުޅުންތަކާ ގުޅުންހުރި އެއްވެސް ދާއިރާއެއްގެ ތަޖުރިބާއެއް ވެސް ނެތް ބޭފުޅުން ވެސް ހިމެނޭކަމަށް ޝަހީމް ވިދާޅުވިއެވެ.

އޭގެ އިތުރުން، ރައީސް ފޮނުއްވާފައިވާ ނަންފުޅުތައް ކޮމިޓީން ބަލައި، ހުރިހާ ބޭފުޅުންނާ އިންޓަވިއުވެސް ކޮށް ނިމިފައިވާކަމަށް ޝަހީމް ވިދާޅުވިއެވެ. އޭގެ ތެރެއިން ބައެއް ބޭފުޅުން އަރިހުގައި ސަފީރުކަމުގެ މަސްއޫލިއްޔަތާ ގުޅޭގޮތުން ސުވާލުކުރުމުން، ބައެއް ބޭފުޅުން ވަނީ އަދި ޤާނޫނުއަސާސީ ބައްލަވާނުލެވޭކަމަށް އިންޓަރވިއުގައި ޖަވާބު ދެއްވާފައިކަމުގައި ވެސް ޝަހީމް ވިދާޅުވިއެވެ.

މެމްބަރު ޝަހީމް ވިދާޅުވީ، ސަރުކާރު ބަންދު ދުވަސްތައް ނިމި މަޖިލިސް ހުޅުވުމުން ކޮމިޓީގެ ރިޕޯޓު ތަޅުމަށް ފޮނުއްވާނެ ކަމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
80%
0%
20%
0%
0%
ކޮމެންޓް
ގުޅުންހުރި