އެމަނިކުފާނަށް އެނގިވަޑައިނުގެން އެސްއޯ ފުލުހުން ޕީއެންއެފް ޖަލްސާ ހުއްޓުވިކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވުމުން، ސަރުކާރުން ކަންތައް ކުރީ ދުރާލާ ރާވައިގެން ކަމަށް ޕީއެންއެފްގެ ސެނެޓަރ ޑރ. މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެއެވެ.
ޖަމީލް މިފަދައިން ވިދާޅުވީ ޕީއެންއެފް އުފެއްދުމަަށް އަންގާރަ ދުވަހުގެރޭ ޣިޔާސުއްދީން އިންޓަނޭޝަނަލް ސްކޫލްގެ ހޯލްގައި ބާއްވަން އުޅުނު ޖަލްސާއާ ދިމާކޮށް ހިނގި ކަންކަން ކޮންޓްރޯލް ކުރަން އެސްއޯ ފުލުހުން ނުކުމެފައި ވަނީ ސީދާ އެ މަނިކުފާނުގެ އިރުޝާދާ ހިލާފަށް ކަމަށާއި އެކަން ހިނގިގޮތް ބައްލަވައި ފިޔަވަޅު އަޅުއްވާނެ ކަމުގެ ޔަގީންކަން ރައީސް ޑރ. މުހައްމަދު މުއިއްޒު ދެއްވުމާއި ގުޅިގެންނެވެ.
ރައީސްގެ ވާހަކަފުޅަށް ރައްދު ދެއްވާ ޖަމީލް ވިދާޅުވީ އެއީ ކަނޑައެޅިގެން ޑެމޭޖް ކޮންޓްރޯލް ކުރެވޭތޯ ހަދާ ބުހުތާނު ދޮގުތަކެއް ކަމަށެވެ. އަދި ސަރުކާރުން ކަންތައް ކުރީ ދުރާލާ ރާވައިގެން ކަމަށެވެ. އެގޮތުން ސްޓެލްކޯއިން ކަރަންޓް ނުދިނުމާއި، އެޑިއުކޭޝަން މިނިސްޓްރީން ޣިޔާސުއްދީނަށް ބިރު ދައްކާ އިންޒާރު ދިން ކަމަށާއި، އެކަންތައް މުޅިދުވަހު ތަކުރާރު ކުރަމުން ދިޔަ ކަމަށެވެ.
ޖަމީލް ވިދާޅުވީ އިލެކްޝަނަށް އެޑިއުކޭޝަން މިނިސްޓްރީންނާއި ފުލުހުން އަންގާރަ ދުވަހުން ފެށިގެން ތަކުރާރުކޮށް ބިރުދައްކަމުން ގެންދިޔަ ކަމަށެވެ. އަދި ކޭޓަރިން ހެދި ފަރާތްހޯދައި ކެންސަލް ކުރެވޭތޯ އުޅުނު ކަމަށެވެ. މީގެ އިތުރުން ފުލުހުން އަތުގައި ގާނޫނީ ޙުއްޖަތެއް ނެތްއިރު ސާފުކޮށް ކޮންމެ ގޮތެއް ހަދައިގެން ވިޔަސް އެއްވުން ހުއްޓުވަން އަންގާފައި އޮތުން ޖަމީލް ފާހަގަކުރެއްވިއެވެ.
ޖަމީލް ވިދާޅުވީ ރައީސް މުއިއްޒު މިކަމުގައި ވާހަކަދައްކަވަން މަޖްބޫރުވީ ރައްޔިތުން އަދި މުޅި ރާއްޖޭގެ ސިޔާސީ ވެރިންގެ ނުރުހުން އޮތްމިންވަރު ފެނިފައި ކަމަށެވެ. އަދި ސަރުކާރުން މަސައްކަތް ކުރީ ރައީސް އަބްދުﷲ ޔާމީނުގެ ސަޕޯޓަރުންނަށް އޮޅުވާލެވޭތޯ ބަލަން ކަމަށާއި، ރައީސްގެ އެވާހަކަ ޕީއެންއެފްގެ އެއްވެސް މެމްބަރަކު ގަބޫލެއް ނުކުރާނެ ކަމަށެވެ.
ޖަމީލް ވަނީ ރައީސް މުއިއްޒު "މަލަކަލް މައުތަށްވެސް ދޮގުހަދަން ކަމަށްތޯ ރާވައިގެން ތިހުންނެވީ" ސުވާލުކުރައްވާފައެވެ. އެންމެ ކުޑަމިނުން ހޯމް މިނިސްޓަރ އަލީ އިހްސާނާއި އެޑިއުކޭޝަން މިނިސްޓަރ ޑރ. އިސްމާއީލް މަގާމުން ވަކިކުރުމުން ރައީސް ދައްކަވާ ވާހަކައަށް ކިރިޔާވެސް ބުރަދަނެއް ލިބޭނެ ކަމަށެވެ. އަދި ރައީސް މަސައްކަތްކުރަމުން ދަނީ މަޖްލިސް އިންތިޚާބުގެ ކުރިން ރައީސް ޔާމީނު މިނިވަން ނުކުރެވޭތޯއާއި އަދި ޕާޓީވެސް ނުއުފެއްދޭތޯކަން ރައީސް ޔާމީނަށް އެނގިވަޑައިގަންނަވާ ކަމަށެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީން އިސްވެ ހުންނަވާ އުފައްދަވާފައިވާ ޕީޕަލްސް ނޭޝަނަލް ފްރޮންޓް (ޕީއެންއެފް) ގެ ޖަލްސާއަށް އެސްއޯ ފުލުހުން ވަދެ ހިނގާދިޔަ ކަންކަމުގެ މައުލޫމާތު އެނގިވަޑައިގަތީ ނޫސްތަކުންކަމަށް ރައީސް ޑރ މުޙައްމަދު މުއިއްޒު ވަނީ ވިދާޅުވެފައެވެ.
މީޑިއާތަކާ ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ، ކުރީގައި ފެނުނު ގޮތަށް އެސްއޯ ފުލުހުން ގޮސް ރައްޔިތުންނަށް އަނިޔާކޮށް ހިފާ ހައްޔަރުކޮށް ހަދާ މަންޒަރު ފެންނަން ބޭނުން ނުވާ ކަމަށާއި، ކުރިން އެ މަންޒަރުތައް ފެނިވަޑައިގެންފައިވާ ކަމަށެވެ.
އެހެންނަމަވެސް ޕީއެންއެފް ޖަލްސާއަށް އެސްއޯ ފުލުހުން ވަދެ ހިނގި ކަންކަމުގެ މައުލޫމާތު އެނގިވަޑައިގަތީ ނޫސްތަކުން ކަމަށާއި، ސާފު އިރުޝާދެއް އޮއްވައި އެހެން ކަންކަން ދިއުމުން ހިތާމަ ކުރައްވާކަމަށް ރައީސް ވިދާޅުވިއެވެ.
އެކަމާ މެދު ހޯމް މިނިސްޓަރާވެސް ސުވާލު ކުރެއްވި ކަމަށާއި، ހޯމް މިނިސްޓަރުވެސް އެކަން ހިނގާ ދިޔަ ގޮތް ބައްލަވާނެކަމަށް ވިދާޅުވިކަމަށް ރައީސް ފާހަގަ ކުރެއްވިއެވެ.