Advertisement
ކ. މާލެ
|
28 މާރޗް 2024 | ބުރާސްފަތި 00:05
ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ޞާލިހު
ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ޞާލިހު
އެމްޑީޕީ
ހެންވޭރު ތަރާވީސް އެމްޑީޕީ ޖަލްސާ
މިސަރުކާރުން ސިޔާސީ ލީޑަރުން އެކަނި ހައްޔަރުކޮށްގެން ނުނިންމާނެ، ފަނޑިޔާރުންވެސް ހައްޔަރުކުރާނެ: ރައީސް ޞާލިހު
ރައީސް ޞާލިހު ވިދާޅުވީ ފައްޔާޒަށް ފުލުހަށް ހާޒިރުވުމަށް ޗިޓް ހަވާލުކޮށްފައިވަނީ އެއްވެސް އަސާސެއް ނެތްކަމެއްގައި ކަމަށް
މަޖިލީހުގައި ސަރުކާރާ އިދިކޮޅަށް ތިބި ބަޔަކީ ސަރުކާރަށް ނިސްބަތްވާ މެމްބަރުންކަމަށް ޞާލިހު ވިދާޅުވި
ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި އެމްޑީޕީ ކެންޑިޑޭޓުން ނުކުމެ ތިބޭނީ ތިލަފަތާއެކުގައި

މިއަދު މިފެންނަނީ މިސަރުކާރުން ސިޔާސީ ލީޑަރުންނާ ދިމާކުރާތަން ކަމަށާއި އެހިސާބުން އަދި ނުނިންމާނެކަމަށް އެމްޑީޕީގެ އެޑްވައިޒަރ އަދި ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ޞާލިހު ވިދާޅުވެއްޖެއެވެ.

ބުދަ ދުވަހުގެ ރޭ ރާޅުގަނޑު ސަރަހައްދު ސިޑިބަރީގައި ބޭއްވި "ހެންވޭރު ތަރާވީސް" ގައި ވާހަކަފުޅުދައްކަވަމުން ރައީސް ޞާލިހު ވިދާޅުވީ މިއަދު ފެންނަނީ ބާރު ސްޕީޑްގައި ފަހަތަށް ދުވާ ދޯންޏެއްކަމަށެވެ. މިއަދުގެ ސަރުކާރުގައި ހުދުމުހުތާރު ވެރިކަމެއްގެ ހުރިހާ ސިފައެއް ބަރާބަރަށް ހަމަވަމުން އަންނަކަމަށް ރައީސް ޞާލިހު ވިދާޅުވިއެވެ. އެގޮތުން އެންމެ ފުރަތަމަ ވެރިކަމަށް ވަޑައިގެން ނޫސްވެރިންނަށް ހުރަސް އަޅުއްވަމުން ގެންދެވިކަމަށާއި ނަމަވެސް ރާއްޖެއަށް ޑިމޮކްރަސީ ގެނައުމަށް މަސައްކަތްކުރި އެތައް ބަޔެއްގެ ވާހަކަތަކާއެކު އެކަން ކުރެވޭ ގޮތްވެފައިނުވާކަމަށް ރައީސް ޞާލިހު ވިދާޅުވިއެވެ.

Advertisement

ވަޒީފާގެ ބިރު އިންތިހާއަށް ކުރިމަތިކުރުވަމުން އަންނަކަމަށާއި ވަޒީފާ ލިބިފައި ތިބި މީހުންނަށް މަޖުބޫރުކުރުވައިގެން ސަރުކާރާ އެއްކޮޅަށް ކެމްޕެއިންކޮށް ސަރުކާރުގެ ކެމްޕެއިންގައި ބައިވެރިވުމަށް ބާރު އަޅަމުން ގެންދާކަމަށް ވިދާޅުވިއެވެ. އަދި އެންމެފަހުން މިހާރު ފެންނަނީ ސިޔާސީ ލީޑަރުންނާ ދިމާކުރާތަންކަމަށް ރައީސް ޞާލިހު ވިދާޅުވިއެވެ.

އެމްޑީޕީގެ ޗެއަރޕާސަން ފައްޔާޒު އިސްމާއީލު ފުލުހަށް ހާޒިރުވުމަށް ޗިޓް ހަވާލުކޮށްފައިވާ މައްސަލައަށް އަލިއަޅުވާލައްވާ ރައީސް ޞާލިހު ވިދާޅުވީ ފައްޔާޒަށް ފުލުހަށް ހާޒިރުވުމަށް ޗިޓް ހަވާލުކޮށްފައިވަނީ އެއްވެސް އަސާސެއް ނެތްކަމެއްގައި ކަމަށެވެ.

ހަގީގަތުގައިވެސް އަޅުގަނޑުމެން ދޫކޮށްލައިގެން ތިބެންޏާ އެ ނާމާން ކަމާއި ބިރުވެރިކަމުގެ ތެރެއަށް ދާނެ. ބިރުވެރިކަން އިންތިހާއަށް ކުރިމަތިވަމުން ދަނީ. ސިޔާސީ ހަރަކާތް ހިންގޭކަށް ނެތް. ސިޔާސީ ލީޑަރުން ހިފާ ހައްޔަރުކުރަން ތައްޔާރުވަމުންއެދަނީ. ދަންނަވަންތޯ އަދި އެހިސާބުން ނުނިމޭނެ. ފަނޑިޔާރުންވެސް ހައްޔަރުކުރާނެ. ޕޮލިސް ކޮމިޝަނަރުންވެސް ގެންގޮސް ހައްޔަރުކުރާނެ. މިނިވަން މުއައްސަސާތައް މުށުތެރެއަށް ލާނެ. އޭގެ މިސާލެއް ނޫންތޯ ސަރުކާރުގެ އެއްބާރު ކަމުގައިވާ ރައްޔިތުންގެ މަޖިލީހުގެ ބާރު ކަނޑުވާލުމަށް އެދަނީ ފެށުނީއްސުރެ މަސައްކަތްކުރަމުން. އެއީ އެއްވެސް ބާރެއް ނެތް ތަނެއްކަމަށް ހެދުމަށް މަސައްކަތް ކުރަމުން އެދަނީ.
ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ޞާލިހު

ރައީސް ޞާލިހު އިތުރަށް ވިދާޅުވީ ވާހަކަދައްކައިގެން ކަންކަން ކުރިޔަށްގެންދިޔުމުގެ ވިސްނުމެއް، އެ ރޫހެއް ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒުގެ ނެތްކަމަށެވެ. ސޮވްރިން ޑިވެލޮޕްމެންޓް ފަންޑު ބިލު ބަލައިގަތުމާ މެދު ރައްޔިތުންގެ މަޖިލީހުގައި ވޯޓުނެގިއިރު ތަޅުމުގައި ސަރުކާރުގެ އެއްވެސް މެމްބަރަކު ނެތި އެބިލު ބޭރުވުމުން އެއީ އެމްޑީޕީއަށް މެޖޯރިޓީ އޮތުމުން ވީކަމެއްކަމަށް ޕީއެންސީން ބުނަމުންދާ ބުނަމަށް ރައްދު ދެއްވާ ރައީސް ޞާލިހު ވިދާޅުވީ ސަރުކާރަށް ނިސްބަތްވާ މެމްބަރުން ނުހޮވަންވީ އެހެންވެގެންކަމަށެވެ.

ހަގީގަތުގައި މަޖިލީހުގައި ސަރުކާރާ އިދިކޮޅަށް ތިބި ބަޔަކީ ސަރުކާރަށް ނިސްބަތްވާ މެމްބަރުންކަމަށް ރައީސް ޞާލިހު ވިދާޅުވިއެވެ.

ވޯޓަށް އެހި ގަޑީގައި ސަރުކާރަށް ތާއީދުކުރާ އެއްވެސް މެމްބަރެއް ނެތްކަމަށް މިވަނީ. އެހެންވީމާ ސަރުކާރުގެ ސިޔާސަތު ގަބޫލުނުކުރަނީ ކޮންބައެއްކަން ވަރަށް ސާފު ނޫންތޯ. އަޅުގަނޑުމެންނަކީ އޮޕަޒިޝަންގައި ތިބި ބައެއް. ސަރުކާރު މެމްބަރުން ނުކުރާ ތާއީދެއް އަޅުގަނޑުމެން ދެން ކިހިނެއްތޯ ދޭނީ. އަދި އަޅުގަނޑުމެންނާ ވާހަކަ ދައްކާލިނަމަ އެކަން ނިމުނީސް. ވާހަކަ ދައްކައިގެން ނިންމޭނެ ކަންކަން ހުންނާނެ. ރައްޔިތުންގެ މަޖިލީހުގައި ކޮންމެހެން ނިންމަންޖެހޭ ކަމެއް އޮވެއްޖެނަމަ އިދިކޮޅުގައި ތިބޭ ބަޔަކާއި ވާހަކަ ދައްކަންޖެހޭނެ. އެވިސްނުމެއް ނެތޭ. ދެކޮޅުވެރިކަމާއި ޖަދަލުކުރުމާއި ގޮތްދޫނުކުރުން ބޯހަރުކަން ނޫން އެއްވެސް ކަމެއް ރައީސް މުއިއްޒުގެ ނެތް. މިކަމަށް އަޅުގަނޑުމެން ސަލާމަތްވާންޖެހޭ.
ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ޞާލިހު

ރައީސް ޞާލިހު އިތުރަށް ވިދާޅުވީ ކުރިޔަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި އެމްޑީޕީ ކެންޑިޑޭޓުން ނުކުމެ ތިބޭނީ ތިލަފަތާއެކުގައި ކަމަށެވެ. އެގޮތުން އެންމެ ދާއިރާއެއް ނޫން އެހެން ހުރިހާ ދާއިރާއެއްގައި އެމްޑީޕީގެ ކެންޑިޑޭޓުން ތިބޭނެކަމަށެވެ. އެހެންކަމުން އެހެން ބަޔަކު އެއީ އެމްޑީޕީ މީހުންކަމަށާއި ފަހުން އެމްޑީޕީއަށް ދާނެކަމަށް ބުނެ ދައްކާ ވާހަކަތަކަށް ނުހެއްލުމަށް ރައީސް ޞާލިހު އެދިވަޑައިގެންނެވިއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް