ކ. މާލެ
|
1 މާރޗް 2024 | ހުކުރު 08:14
މޯލްޑިވްސް އިމިގްރޭޝަން
މޯލްޑިވްސް އިމިގްރޭޝަން
އިމިގްރޭޝަން
މޯލްޑިވްސް އިމިގްރޭޝަން
ރޯދަމަހު އިމިގްރޭޝަންގެ ޚިދުމަތްދޭ ވަގުތުތައް އާންމުކޮށްފި
ޕާސްޕޯޓަށް އެދޭ ފަރާތްތަކުން އިމުގަ މެދުވެރިކޮށް ކޮންމެ ވަގުތެއްގައިވެސް އެޕްލިކޭޝަން ހުށަހެޅޭނެ

ރަމަޟާންމަހުގެ ފުރަތަމަ 20 ދުވަހާއި ޝައްވާލް މަހުގެ ފުރަތަމަ ހަ ދުވަހު މޯލްޑިވްސް އިމިގްރޭޝަނުން ފޯރުކޮށްދޭ އެކި ޚިދުމަތްތައް ދިނުމަށް ހަމަޖެހިފައިވާ ވަގުތުތަކަށް ބަދަލުގެނެސް ތަފްސީލުތައް އާންމުކޮށްފިއެވެ.

އިމިގްރޭޝަނުން މި ތަފްސީލުތައް އާންމުކޮށްފައިވަނީ ބުރާސްފަތި ދުވަހު ދިވެހި ސަރުކާރުގެ ގެޒެޓްގައެވެ.

އެގޮތުން ޕާސްޕޯޓަށް އެދުމަށް ބޭނުންވާ ފަރާތްތަކުން އިމިގްރޭޝަނުން ފޯރުކޮށްދޭ ޚިދުމަތްތަކަށް ޚާއްސަ އޮންލައިން ޕޯޓަލް "އިމުގަ" މެދުވެރިކޮށް އޮންލައިން އެޕްލިކޭޝަން ކޮންމެ ވަގުތެއްގައި ވެސް ހުށަހެޅޭނެ ކަމަށް އިމިގްރޭޝަނުން އާއްމުކޮށްފައިވާ އިއުލާނުގައި ބުނެފައިވެއެވެ. އަދި އުމުރުން 65 އަހަރުން މަތީގެ ފަރާތްތަކާއި ޚާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކުގެ ތެރެއިން އެހީތެރިކަން ބޭނުންވާ ފަރާތްތަކުގެ ފޯމް، ހެނދުނު 09:00 އިން ފެށިގެން ހަވީރު 16:00 ގެ ނިޔަލަށް ބަލައިގަަންނާނެ ކަމަށް އިމިގްރޭޝަނުން ބުނެއެވެ. ހަމައެއާއެކު އިމިގްރޭޝަނުން ޕާސްޕޯޓް ނެގުމަށް ނަންބަރު ދޫކުރުމަށް މާލެއިން ހަމަޖެހިފައިވަނީ ހެނދުނު 09:00 އިން ފެށިގެން މެންދުރު 13:00 ގެ ނިޔަލަށް އަދި ޕާސްޕޯޓް ދޫކުރުމަށް ރީޖަނަލް އޮފީސްތަކުން ހަމަޖެހިފައިވަނީ ހެނދުނު 09:05 އިން މެންދުރު 12:00 ގެ ނިޔަލަށް ކަމަށް އިމިގްރޭޝަނުން ބުނެއެވެ.

މީގެއިތުރުން ކުއްލި ހާލަތެއް މެދުވެރިވެގެން ދަތުރު ކުރުމަށް އެދޭ ފަރާތްތަކުން ޕާސްޕޯޓު ޚިދުމަތަށް އެދޭނަމަ އިމިގްރޭޝަންގެ ނަންބަރު 9555333 އަށް ގުޅުމުން ޚިދުމަތް ފޯރުކޮށްދޭނެކަމަށް އިމިގްރޭޝަނުން ބުނެއެވެ.

އިމިގްރޭޝަނުން އާންމުކުރި މި އިއުލާނުގައި ވިސާ އާއި ވޯކް ވިސާއާއި ވޮލަންޓާރީ ޑިޕާޗާ ޓޯކަން ދޫކުރުމާއި އިންޓަވިއު ކުރުން އަދި ޓިކެޓް ނަގާފައިވާ ފަރާތްތަކަށް ޚިދުމަތް ދިނުމާއި ކްލިއަރެންސް ޑިޕާޗާ ފޯމް އާއި މެޑިކަލް އަންފިޓް އެޕްލިކޭޝަން ފޯމު ބަލައިގަތުމާއި މެޑިކަލް އަންފިޓް އެޕްލިކޭޝަން އެޕްރޫވްކޮށް އިޝޫ ކުރުމަށް ހަމަޖެހިފައިވާ ގަޑިތައް ވެސް ވަނީ އާންމުކޮށްފައެވެ.

- ކޮމެންޓް