ގުޅިފަޅު، އުތުރުތިލަފަޅު، ގިރާވަރުފަޅު އަދި ހުޅުމާލެ ފޭސް ތިނެއް މާލޭގެ އިހްތިސާސްގެ ތެރޭގައި ހިމަނާދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒުގެ އަރިހުން މާލެސިޓީގެ މޭޔަރު އާދަމް އާޒިމް އަނެއްކާވެސް އެދިވަޑައިގަންނަވައިފިއެވެ.
މިކަމަކީ އާޒިމް މޭޔަރުކަމަށް ހުވާކުރެއްވި ރޭ އެންމެ ފުރަތަމަ ރައީސްގެ އަރިހުން އެދިވަޑައިގެންނެވި އެއް ކަންތަކެވެ. މޭޔަރު އާޒިމް ވަނީ މާލެ ސަރަހައްދުގެ ކުރިއެރުމަށް އެންމެ ރަނގަޅު ގޮތަކީ އެއީ ކަމަށް ވިދާޅުވެފައެވެ. އަދި އެ ސަރަހައްދުތައް ތަރައްޤީކުރުމަކީ މާލޭގެ ތޮއްޖެހުން ކުޑަކޮށް މާލެ ހިތްފަސޭހަ ތަނަކަށް ހެދުމަށް ކުރާ މަސައްކަތަށް ލިބޭނެ ކުރިއެރުމެއް ކަމަށް މޭޔަރު ވަނީ ވިދާޅުވެފައެވެ. އާޒިމްގެ މި އެދިވަޑައިގަތުން ތަކުރާރުކުރައްވާފައި ވަނީ ބުރާސްފަތި ދުވަހުގެރޭ މާލެ ސިޓީ ކައުންސިލުން ރޭ ބޭއްވި ރައްޔިތުންގެ ބައްދަލުވުމުގައެވެ.
ގުޅިފަޅު، އުތުރުތިލަފަޅު، ގިރާވަރުފަޅު އަދި ހުޅުމާލެ ފޭސް ތިނެއް މާލޭގެ އިހުތިސާސް ތެރޭގައި ހިމަނާދެއްވުމަކީ އޭނާގެ ވަރަށް ބޮޑު އެދިވަޑައިގެންނެވުމެއް ކަމަށް ފާހަގަކުރައްވާ އާޒިމް ވަނީ އެ މެސެޖަކީ މާލޭގެ ރައްޔިތުންގެ ފަރާތުން ދެއްވާ މެސެޖެއް ކަމަށް ވިދާޅުވެފައެވެ. އާޒިމް ވިދާޅުވީ މޭޔަރުގެ މަޤާމަށް ވަޑައިގަތުމަށް ކެމްޕެއިންކުރެއްވި އިރު މާލެ ރައްޔިތުން އެންމެ ގިނައިން އެދެމުން ދިޔަ އެއްކަމަކީ ވެސް އެއީ ކަމަށެވެ. ރައީސްގެ އަރިހުން މިކަމަށް އެދިވަޑައިގަންނަވާ ސަބަބަކީ އެއީ ކަމަށް ވެސް އާޒިމް ވަނީ ވިދާޅުވެފައެވެ.
މޭޔަރު އިތުރަށް ވިދާޅުވީ ރައީސް ޑރ.މުއިއްޒު ކުރީ ސަރުކާރުގެ ބިންވެރިޔާ ސިޔާސަތާއި އެއްގޮތަށް ގިރާވަރުފަޅާއި ގުޅިފަޅު ހިއްކަވައިދެއްވާނެކަމަށް ވިދާޅުވެފައިވާތީ އެކަމާއި އުފާކުރައްވާ ކަމަށެވެ. އާޒިމް ވަނީ އެ މަޝްރޫޢު އަވަހަށް ނިންމަވާދެއްވުމަށާއި ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކުރުމަށް ކުރިއަށްދާ ބިން ހިއްކުމުގެ އެހެނިހެން މަޝްރޫޢުތައް ވެސް އަވަސްކުރުމަށް އެދިވަޑައިގަންނަވާފައެވެ.