Advertisement
ކ. މާލެ
|
19 ފެބްރުއަރީ 2024 | ހޯމަ 15:07
ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވާހަކަފުޅު ދައްކަވަނީ
ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވާހަކަފުޅު ދައްކަވަނީ
ރައީސް އޮފީސް
ރާއްޖެއަށް ނަގާ ލޯނުތައް
ޗައިނާ-މޯލްޑިވްސް ބްރިޖާއެކު އެތައް ރައްޔިތުންނެއް މުއްސަނދިވި، ކުރިއަށް އޮތްތަނުގައި ލޯނުތައް ނަގާނީ ރައްޔިތުން މުއްސަނދިވާ ގޮތަށް: ރައީސް މުއިއްޒު
ސަރުކާރުތަކަށް މަސައްކަތް ކުރެވޭނީ ފައިނޭންޝަލް ފެސިލިޓީތައް ހޯދައިގެން
ކުދި ވިޔަފާރިތަކާއި މެދުފަންތީގެ ވިޔަފާރިތަކަށް އާރޯކަން އަންނާނެ ގޮތަށް ލޯނުތައް ނަގާނެ

ޗައިނާ-މޯލްޑިވްސް ފްރެންޑްޝިޕް ބުރިޖާއެކު އެތައް ރައްޔިތުންނެއް މުއްސަނދިވެގެން ދިޔަ ކަމަށާއި ކުރިއަށް އޮތްތަނުގައި ތަރައްގީގެ މަޝްރޫއުތަކަށް ނަގާ ލޯނުތައް ނަގާނީ ރައްޔިތުން މުއްސަނދިވާ ގޮތަށް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

އައްޑޫ ސިޓީ މަރަދޫ އަދި މަރަދޫފޭދޫ ރައްޔިތުންނާ ބައްދަލުކުރައްވައި ރައީސް މުއިއްޒު ވިދާޅުވީ ސަރުކާރުތަކަށް މަސައްކަތް ކުރެވޭނީ ފައިނޭންޝަލް ފެސިލިޓީތައް ހޯދައިގެން ކަމަށާއި ލޯނު ނަގައިގެން ކަމަށެވެ. ނުވަތަ އެހެންކަހަލަ ފެސިލިޓީޒް ހޯދައިގެން ކަމަށެވެ. އެގޮތުން ރައްޔިތުންނަށް އެންމެ ލާބައާއި މަންފާ ލިބޭގޮތަށް އެކަން ކުރުމަކީ އަދި ތަފާތު ކަމެއް ކަމަށާއި، މިދިޔަ ދުވަސްތަކުގައި ނެގިފައި ހުރި ލޯނުތައް ނަގާފައި ހުރީ އެގޮތަކަށް ނޫން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި ވިދާޅުވީ އެ ނެގުނު ލޯނުތަކުން ކުރަމުންދާ މަސައްކަތްތަކުން ރައްޔިތުންނަށް އެ މަޝްރޫއުތަކުންވާ ފައިދާ ވަރަށް ކުޑަ ކަމަށެވެ.

Advertisement

އައްޑޫ ސިޓީއަށް އިޝާރާތް ކުރައްވައި ރައީސް މުއިއްޒު ވިދާޅުވީ ކުރިއަށް އޮތް ދުވަސްވަތަކުގައި އެ ސިޓީގެ ތަރައްގީއަށް އަދި މުޅި ރާއްޖޭގެ ތަރައްގީ އަށްވެސް އެކިކަހަލަ ކުރިއެރުންތަކާއެކު، ރައްޔިތުންގެ އިންޑިވިޖުއަލް ދިރިއުޅުމަށް، އަމިއްލަ ފަރުދީ، އާއިލީ ދިރިއުޅުމަށް މުއްސަނދިކަމާއި ކުރިއެރުން ލިބޭގޮތަށް ތަރައްގީ ގެނެސްދޭނެ ކަމަށެވެ.

މިހެން މި ދެންނެވީ، މިސާލަކަށް ދަންނަވަންޏާ، ޗައިނާ-މޯލްޑިވްސް ފްރެންޑްޝިޕް ބުރިޖު އެޅުނުއިރުގައި، މިސާލެއް ދަންނަވާއިރުގައި، އެ މަޝްރޫޢަކީވެސް އޭގެ ވަކި އިންސައްތައެއް ލޯނު އަދި ހިލޭ އެހީވެސް ވަރަށްބޮޑު އިންސައްތައެއް އޮތް ޕްރޮޖެކްޓެއް. އެހެން ނަމަވެސް، އެ މަޝްރޫޢު ހިނގަމުންދިޔައިރުގައި، އެތައް ރައްޔިތުންނެއް ދިޔައީ މުއްސަނދިވެގެން. އޭގެ މެޓީރިއަލް ހޯދުން ކަމުގައިވިޔަސް، ލޮޖިސްޓިކަލް މަސައްކަތް ކަމުގައިވިޔަސް، އެ މަސައްކަތަށް އައިސް އުޅުނު މުވައްޒަފުންގެ ކާބޯތަކެތި ގަތުން ކަމުގައިވިޔަސް، ކުދިކުދި ކަންކަމުން ގޮސް އެކި ކަންކަމުގައި ރައްޔިތުންނަށް، ދިވެހިރާއްޖޭގެ އެކި ކުންފުނިތަކަށް އެކަމުގައި އުޅުމުގެ ފުރުޞަތު އޮތް މަޝްރޫޢެއް އެއީ. އެއީ، އެ ލޯނު ދޫކުރާ ފަރާތުން ކަނޑައަޅާ ސިޔާސަތެއް. މިދިޔަ ދުވަސްތަކުގައި، މިދިޔަ ފަސް އަހަރެއްހާ ދުވަހު ނެގުނު ލޯނުތަކުގައި ސިޔާސަތު އޮތީ އެހެނެއް ނޫން. މޮހޮރެއްވިޔަސް ހޯދަން މިޖެހެނީ ލޯނު ދޫކުރި ޤައުމުން. ދިވެހި ރައްޔިތުންނަށް މި މަޝްރޫޢުތަކުން ލިބުނު މުއްސަނދި ކަމެއް ނެތް.
ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު

ރައީސް މުއިއްޒު ވިދާޅުވީ މީގެ ކުރީ ސަރުކާރުތަކުން ނަގާފައިވާ ލޯނުތަކުން ރާއްޖޭގެ އިގްތިސާދަށް ފައިދާނުވި ތާނގައި، ރައްޔިތުން މުއްސަންދި ނުވި ކަމަށާއި ކުރިއަށް ގެންދަންހުރި މަޝްރޫއުތައް ކުރިއަށް ގެންދާއިރުގައި ނަގަންޖެހޭ ލޯނެއްވިއްޔާ ނަގަމުންދާނީ، އެއްކަމަކަށް، ރައްޔިތުން މުއްސަނދިވާ ގޮތަށް ކަމަށެވެ. ރައްޔިތުންނަށް އަދި ރައްޔިތުންގެ ޖީބަށް އެއިން ފައިސާ ލިބޭގޮތަށް ކަމަށާއި، ކުދި ވިޔަފާރިތަކާއި، މެދުފަންތީގެ ވިޔަފާރިތަކަށް އާރޯކަން އަންނާނެ ގޮތަށް ނަގާ ލޯނުތައް ނަގާނެ ކަމަށް ރައީސް މުއިއްޒު ވިދާޅުވިއެވެ.

ދެވަނަ ކަމަކަށް، އެ ނަގާ ލޯނެއްވިއްޔާ، ދިގު މުއްދަތަށް ބަހާލައިގެން، ވީހާވެސް ލުއިގޮތަކަށް، އަޅުގަނޑުމެންގެ އިޤްތިޞާދަށް ކަތާ މިންވަރަކުން ނެގޭ ލޯނުތަކެއް ނަގައިގެން، އިޤްތިޞާދު ކުރިއަރުވައި ތަރައްޤީ ގެންނާނީ. އެގޮތަށް އިރާދަކުރެއްވިއްޔާ ކުރިއަށް ގެންދަން މަސައްކަތްތައް މިދަނީ ކުރަމުން. އިރާދަކުރެއްވިއްޔާ މި ދަތުރުގައި އަޅުގަނޑުމެން ފަށަން މި މަސައްކަތް ކުރަނީ، މި ސިޓީގެ ތަރައްޤީއަށްޓަކައި ކުރިއަށް ގެންދަން އަޅުގަނޑު ވަޢުދުވެފައިވާ އެންމެބޮޑު މަޝްރޫޢުގެ ފީޒިބިލިޓީ ޑިޒައިން، ފީޒިބިލިޓީގެ މަސައްކަތް. އެއީ، ބުރިޖުގެ މަސައްކަތް. އެ މަސައްކަތްވެސް އިރާދަކުރެއްވިއްޔާ، އޭގެ ޑިޒައިން މަސައްކަތް، ފީޒިބިލިޓީ މަސައްކަތް އެއީ، ހިލޭ އެހީ. އެ މަސައްކަތް ނިމިގެން ދެން މަސައްކަތަށް، އަޞްލު ބުރިޖުގެ މަސައްކަތް އިރާދަކުރެއްވިއްޔާ މި އަހަރު ފެށިގެންދާއިރުގައި، މި ދެންނެވި ބީދައިން ކުރިއަށްދާނީ.
ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު

ރައީސް މުއިއްޒު ވިދާޅުވީ ވީހާވެސް ކުރިއަކުން ތަރައްގީގެ މަސައްކަތްތައް ފެށޭގޮތަށް މަސައްކަތް ކުރަމުންދާ ކަމަށާއި، ދައުރުގެ ފަހުކޮޅަށް މަޑުކޮށްފައި، ތަރައްގީގެ މަސައްކަތްތައް ފަށަން މަސައްކަތް ކުރުމަކީ، ޒިންމާދާރު ގޮތެއް ނޫން ކަމަށެވެ. އަދި އިގްތިސާދުގައި ބުންވަރު ޖައްސަމުން، އިގްތިސާދަށް ކުރިއެރުން ގެންނަމުން މަސައްކަތްތައް ކުރާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

އެގޮތުން އައްޑޫސިޓީ ހުޅުދޫ މީދޫ ބްރިޖާއި ގަން އިންޓަރނޭޝަނަލް އެއާޕޯޓު ތަރައްގީކުރުމާއި ފަތުރުވެރިކަން ފުޅާކުރުމާއި އަދި ސީޕްލޭން ހަބެއް ބިނާކުރުމުގެ މަސައްކަތް މިއަހަރުގެ ތެރޭގައި ފަށައި އޭގެ މަންފާ ރައްޔިތުންނަށް ހޯދައިދޭނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. ރައީސް މުއިއްޒު ވިދާޅުވީ ހުޅުދޫ މީދޫގެ ސިއްހީ މަރުކަޒުވެސް ހޮސްޕިޓަލެއްގެ ފެންވަރަށް ބަދަލުކޮށްދެއްވާނެ ކަމަށެވެ. އަދި ގާއިމުކުރަންޖެހޭ ވަސީލަތްތައް ގާއިމުކުރައްވާނެކަމަށާއި އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލުގެވެސް ޚިދުމަތްތައް ފުޅާކޮށް ސިއްހީ ޚިދުމަތް ހޯދުމަށް މާލެދާން ނުޖެހޭނެ ފެންވަރަށް ބަދަލު ގެންނަވާނެކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

މީގެ އިތުރުން ބިން ހިއްކުމާއި މަގުހެދުމާއި އަދި އެނޫންވެސް ހުޅުދޫ މީދޫ އަދި މުޅި އައްޑޫސިޓީއަށް ބޭނުންވާ ކަންކަމަށް ސަމާލުކަން ދެއްވައިގެން މަސައްކަތްތައް ކުރިއަށް ގެންދަވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް