ވެރިކަމަށް އަންނަން ބޭނުން ވުމުން މި ސަރުކާރުން ދެއްކީ ޗެކް އެންޑް ބެލެންސްގެ ވާހަކައެވެ. ކޮންމެ މީހަކު ވެސް އޭރު ދެއްކީ ރައްޔިތުންނަށް ޖަވާބުދާރީ ވާނެކަމުގެ ވާހަކައެވެ. ތިމާމެންނަކީ ސުވާލުކުރެވޭނެ އެ ސުވާލުތަކަށް ޖަވާބު ދޭނެ ބައެއްގެ ގޮތުގައި ދެއްކިއެވެ.
ކަން މިހެން އޮތް އިރު ސަރުކާރެއް ޖަވާބުދާރީކުރުވުމަށް އޮންނަ އެންމެ ބޮޑު ފުރުސަތަކީ ރައްޔިތުންގެ މަޖިލީހެވެ. މިހާރު އަޅުގަނޑުމެން ދިވެހިން އަމަލުކުރަމުން މިދާ ފެހި ޤާނޫނު އަސާސީގެ ދަށުން ޤާނޫނު ހަދާ މަޖިލީހަށް ޤާނޫނުތައް އެކުލަވާލުމުގެ އިތުރުން ސަރުކާރާއި ސުވާލުކޮށް ޖަވާބުދާރީކުރުވުމުގެ ފުރުސަތު ފުޅާ ދާއިރާއެއްގައި ލިބިދީފައި އެބަ އޮތެވެ.
އެގޮތުން ވަޒީރުންނާއި ސުވާލުކުރުމަށް މަޖިލީހުގެ ތަޅުމަށް އެ ވަޒީރުން ހާޒިރުކުރުމުގެ ފުރުސަތު އެބަ އޮތެވެ. އަދި ހަމަ އެހެންމެ ވަޒީރުންނާއި ސަރުކާރުގެ ކުންފުނިތަކުގެ އިތުރުން ސަލާމަތީ ބާރުތަކާއި މިނިވަން މުއައްސަސާތައް ވެސް ކޮމިޓިއަށް ހާޒިރުކޮށް ސުވާލުކުރެވެއެވެ. ކަންމިހެން އޮތް އިރު މިހާރު ވެރިކަމުގައި ތިއްބެވި ބޭފުޅުން ވެސް މަޖިލީހަށް ލިބިދީފައިވާ މި ބާރުތަކާއި މާ ގަޔާވާކަމަކަށް ނުފެނެއެވެ.
ޖަވާބުދާރީވުމަކީ ނިކަން ބުރަ ކަމަކަށް ވެއްޖެއެވެ. ސަރުކާރު ޖަވާބުދާރީކުރުވަން ކުރާ ކަންކަމަކީ ސަރުކާރުން ދެކޭ ގޮތުގައި ސަރުކާރަށް ޖެއްސުންކުރުމެވެ. އެއީ ސަރުކާރަށް ދުއްތުރާކުރުމެވެ. އެއީ މާ މުހިންމު ކަމެއްކަމަކަށް ސަރުކާރުން ނުދެކެއެވެ.
އަދި މަޖިލީހުގެ ބާރުތަކަކީ ސަރުކާރުން މާ ބިރު ގަންނަ ކަމަކަށް ވާ ކަހަލައެވެ. މަޖިލީހުގެ ޖުމުލަ މެމްބަރުންގެ އަދަދު ގުނާއިރު މަޖިލީހުން އިސްތިއުފާދެއްވި މެމްބަރުންނާއި އެ ނޫން ސަބަބުތަކާއި ހުރެ މަޤާމުގައި ދެމި ނެތް މެމްބަރުން ނުގުނާ ގޮތަަަށް ހަމަޖެއްސުމުން ވެސް ސަރުކާރުން ސިހުނީކީ އަމަށަކު ވަރަކަށް ނޫނެވެ. ހުން އަންނާނެ ކަމަށް ރަޖާލާ ރައީސް އަކަަށް ހުންނެވި ބޭފުޅާ އަޒުުލުކޮށްފާނެކަމުގެ ބިރަަަށްޓަކާ ސުޕްރީމްކޯޓަށް ވަަޑައިގަތެވެ. މިކަން އެކަނި މަޖިލީސް ހިންގުމަަަަަށް މިނިވަންކަމާއި އެކު ދޫކޮަށްލަން ސަރުކާރުން ޖެހިލުންވާކަން ހާމަކޮށްދިނުމަށް ފުދެއެވެ. މަޖިލީހުން ރުހުން ނުދިން ވަޒީރުން އަލުން މަޤާމަށް އައްޔަންކުރުމަކީ މަޖިލީހާއި ތިން ބާރު ވަކިވެފައިވާ ވެރިކަމުގެ ނިޒާމް ބޮލާލާ ޖެހުންކަމަަަށް ދެކޭ މީހުން ވެސް މަދެއް ނޫނެވެ.
ކަން މިހެން އޮތް އިރު ފެނިގެން މި ދަނީ ތިމާމެންގެ މެޖޯރިޓީ މަޖިލީހުގައި ނެތުމުން މަޖިލިސް ބޮލާލާ ޖަހާ މަންޒަރެވެ. މަޖިލީހުގެ އިޚުތިރާމް ނަގާލާ މަޖިލީހުގެ ނިންމުންތައް އަގެއް ނެތް އެެެއްޗަކަށް ހަދާ މަންޒަރެވެ. ހަމައެހެންމެ މަޖިލީހުގެ ބާރަކީ ވެރިކަން ކުރުމަށް އޮތް ގޮންޖެހުމެއް ކަމަށް ދެކޭ މަންޒަރެވެ.