Advertisement
ކ. މާލެ
|
31 ޖެނުއަރީ 2024 | ބުދަ 18:06
އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން
އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން
އިލެކްޝަންސް ކޮމިޝަން
މަޖިލިސް އިންތިޚާބު
މަޖިލިސް އިންތިޚާބާ ގުޅިގެން އީސީން 5 މުއައްސަސާއަކާއެކު އެއްބަސްވުންތަކެއްގައި ސޮއިކޮށްފި
މި އެއްބަސްވުންތަކުގެ ސަބަބުން އިންތިިޚާބުގެ ކަންކަން އިތުރަށް ފުރިހަމަވާނެ
17 މާރިޗް 2024 ވާ އާދިއްތަ އިންތިޚާބު ބޭއްވުމަށް އީސީން ވަނީ ކަނޑައަޅާފައި

ރައްޔިތުން މަޖިލީހުގެ އިންތިޚާބުގައި އިލެކްޝަން ކޮމިޝަން (އީސީ)އަށް ބޭނުންވާ އެހީތެރިކަން ހޯދުމަށް، ފަސް މުއައްސަސާއެކު އެ ކޮމިޝަނުން އެއްބަސްވުންތަކެއްގައި ސޮއިކޮށްފިއެވެ.

އީސީން އެއްބަސްވުންތަކުގައި ސޮއިކޮށްފައިވަނީ ސިވިލް ސަރވިސް ކޮމިޝަން، ދިވެހި ފުލުހުންގެ ޚިދުމަތް، ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރަޖިސްޓްރޭޝަން، ލޯކަލް ގަވަރމަންޓް އޮތޯރިޓީ އަދި މޯލްޑިވްސް ޕޯސްޓެވެ.

މި އެއްބަސްވުންތަކާ ގުޅޭގޮތުން ކޮމިޝަންގެ ނައިބު ރައީސް އިސްމާއީލް ހަބީބު ވިދާޅުވީ، ކުރިއަށް އޮތް މަޖިލިސް އިންތިޚާބު ފުރިހަމައަށް ކުރިއަށްގެންދިއުމަށް މި ފަސް މުއައްސަސާގެ އެހީތެރިކަން ވަރަށް ބޮޑަށް ބޭނުންވާ ކަމަށާއި، އިންތިޚާބު ފުރިހަމަވުމުގައި މުހިންމު ދައުރެއް އަދާކުރާނެ ކަމަށެވެ.

އެގޮތުން އޮފިޝަލުން ހޯދުމާއި، ރަށްރަށުގައި ފޯކަލް ޕޮއިންޓުތައް ގާއިމްކުރުމަށް ސިވިލް ސަރވިސް ކޮމިޝަނުގެ އެއްބާރުލުން ބޭނުންވާކަން ހަބީބު ފާހަގަކުރެއްވިއެވެ. އަދި އިންތިޚާބުތައް އަމާންކަމާއި، އޮމާންކަންމަތީ ކުރިއަށް ގެންދިއުމަށާއި، ވޯޓު ފޮއްޓާއި، ވޯޓު ކަރުދާސް ރަށްރަށަށް ފޮނުވާއިރު، ސަލާމަތީ ކަންކަން ބެލެހެއްޓުމަށް ފުލުހުންގެ އެއްބާރުލުން ބޭނުންވާކަމަށެވެ. މީގެ ކުރިން ބޭއްވިގެން ދިޔަ އިންތިޚާބުތަކަށް އިޝާރާތް ކުރައްވައި ހަބީބު ވިދާޅުވީ އެ އިންތިޚާބުތަކުގައި ވެސް ފުލުހުންގެ ފަރާތުންނާއި، ސިވިލްސަރވިސް ކޮމިޝަންގެ ފަރާތުން ވަރަށް ފުރިހަމަ އެއްބާރުލުމެއް ލިބިފައިވާކަމަށެވެ.

Advertisement

މީގެ އިތުރުން، ރީ-ރަޖިސްޓްރޭޝަންގެ މަސައްކަތްތައް ކުރިއަށް ގެންދިއުމަށް ނޭޝަނަލް ރަޖިސްޓްރޭޝަންގެ އެހީ ވަރަށް ބޮޑަށް ބޭނުންވާ ކަމަށާއި، އަދި ރަށްރަށުގެ އެންމެހައި ކަންކަން ކުރުމަށް ލޯކަލް ގަވަރމަންޓް އޮތޯރިޓީންގެ ފަރާތުން ވަރަށް ބޮޑު އެހީތެރިކަމެއް ލިބޭ ކަމަށެވެ. އަދި ވިދާޅުވީ މޯލްޑިވްސް ޕޯސްޓުގެ އެހީތެރިކަމާއެކު ވޯޓު ފޮށިތައް ރަށްރަށަށް ފޮނުވުމަށް އިތުރަށް ފަސޭހަވާނެ ކަމަށެވެ.

އެހެންކަމުން ދައުލަތުގެ ފަސް މުއައްސަސާއާއެކު ވެވުނު އެއްބަސްވުމުގެ ދަށުން އިންތިިޚާބުގެ ކަންކަން އިތުރަށް ފުރިހަމަވާނެ ކަމަށް ހަބީބު ވިދާޅުވިއެވެ.

ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު 2024ށް ކުރިމަތިލާ މީހުންނަށް އިލެކްޝަންސް ކޮމިޝަނުން އެ ފުރުސަތު ހުޅުވާލައި، އެކަން އާންމުކޮށް ވަނީ އިއުލާންކޮށްފައެވެ. ކޮމިޝަނުން ބުނީ، 2024 ޖެނުއަރީ 30 ވަނަ ދުވަހުން ފެށިގެން، ފެބުރުއަރީ މަހުގެ 14 ވަނަ ދުވަހާ ހަމަޔަށް، އިންތިޚާބަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ. ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު ބޭއްވުމަށް ކޮމިޝަނުން ކަނޑައަޅާފައިވަނީ 17 މާރިޗް 2024ވާ އާދިއްތަ ދުވަހެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
- ކޮމެންޓް