ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ބާއްވަން ހަމަޖެހިފައި ވަނީ އަންނަ މާރޗް މަހުގެ 17 ވަނަ ދުވަހުއެވެ. އެ ދުވަސް ދިމާވަނީ ރަމަޟާން މަހަށް ކަމަށް ވާއިރު އެއީ އެއްވެސް ޕާޓީއަކުން ވެސް އަދި އިދާރާއަކުން ވެސް މަޖިލިސް އިންތިޚާބު ބާއްވަން ބޭނުންވާ ތާރީހު ނޫންކަން އަންގާރަ ދުވަހު ކުރިއަށް ގެންދިޔަ، ރައްޔިތުންގެ މަޖިލީސް 2024 އިންތިޚާބުގެ ލަފާދޭ ޤައުމީ ބައްދަލުވުމުގައި ހާމަވެގެން ދިޔައެވެ.
އެގޮތުން ޑިމޮކްރެޓްސްގެ ނައިބު ރައީސް މުހައްމަދު ޝިފާޒު ވަނީ އެކަމާއި މެދު ކަންބޮޑުވުން ފާޅުކުރައްވާފައެވެ. އޭނާ ވިދާޅުވީ މަޖިލިސް އިންތިޚާބު ރޯދަ މަހު ބޭއްވުމާއި މެދު މަޝްވަރާކުރި ބައްދަލުވުމަށް ހާޒިރު ނުވަނީ ސަރުކާރު ހިންގާ ޕީއެންސީ އާއި ޕީޕިއެމް ކަމަށެވެ. ނަމަވެސް އެ ބައްދަލުވުމުގައި ތިބި އެއްވެސް ޕާޓީއަކުން ވެސް އަދި އިދާރާއަކުން ވެސް ރޯދަ މަހު އިންތިޚާބު ބާއްވަން އެއްބަސް ނުވާކަން އޭނާ ފާހަގަކުރެއްވިއެވެ. އެހެންކަމުން އެފަދަ ނިންމުމެއް ނިންމަން ޖެހުނު ސަބަބު ސާފުކުރުމަށް އޭނާ ވަނީ ސުވާލުކުރައްވާފައެވެ. ޝިފާޒް ވަނީ އެއީ މަޝްވަރާކޮށްގެން ކުރިކަމެއް ކަަމަށް އިލެކްޝަނުން ބުނި ނަމަވެސް އެކަން އޮތީ އެހެން ނޫންކަމަށް ވިދާޅުވެފައެވެ. ރަމަޟާން މަހުގެ ކުރިން އިންތިޚާބު ބާއްވަން ޤާނޫނު އިސްލާހުކުރަން ޖެހޭ ނަމަ އެކަން ކުރަން އެމްޑީޕީ އާއި ޑިމޮކްރެޓްސް އިން ތައްޔާރަށް އޮތް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
ޤާނޫނަށް ބަދަލު ގެންނަން ޖެހޭ ކަމަށް ވިދާޅުވީމަ އެމްޑީޕީގެ އެބަ އޮތް މެޖޯރިޓީ. މަޖިލީހުގެ މެޖޯރިޓީ. އަޅުގަނޑުމެންގެ އަތުގައި މެމްބަރުން ކޮޅެއް އެބަތިއްބެވި. އެކަން ކޮށްދޭނަމޭ ދެންނެވިން ވަރަށް ސާފުކޮށް. އެބަ އޮތޭ ޤާނޫނީ ހައްލު އަޅުގަނޑުމެންނަށް ހޯދާދެވެންޝިފާޒް
ޝިފާޒް އެފަދައިން ވިދާޅުވުމުން އިލެކްޝަންސް ކޮމިޝަންގެ ނައިބު ރައީސް އިސްމާއިލް ހަބީބް ވިދާޅުވީ މަޖިލިސް އިންތިޚާބު ރޯދަ މަހު ބޭއްވުމަކީ އެ ކޮމިޝަނުން ވެސް ބޭނުންވީ ގޮތެއް ނޫންކަމަށެވެ. އެހެންނަމަވެސް އެއީ ޕްރެޝަރ އޮވެގެން ކުރި ކަމެއް ނޫން ކަމަށް ހަބީބު ވިދާޅުވިއެވެ. އެކަން ކޮށްފައި ވަނީ ހެޔޮ ނިޔަތުގައި ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. މީގެ އިތުރުން އީސީން އެއްވެސް މީޑިއާ އަކަށް މައުލޫމާތުދެމުން އެ ނިންމުން ނިންމީ ގައުމީ ލަފާދޭ ކޮމިޓީގައި މަޝްވަރާކޮށްގެން ކަމަށް ވެސް ބުނެފައި ނުވާނެ ކަމަށް ހަބީބް ވިދާޅުވިއެވެ.
ހަބީބްގެ ވާހަކަތަކުން އެނގުނު ގޮތުގައި މަޖިލިސް އިންތިޚާބު ބޭއްވުމުގެ ދިރާސާތައް ފެށި އިރު މި ސަރުކާރުން ދިރާސީ އާ އަހަރުގެ ތައުލީމީ ކަލަންޑަރު އިޢުލާންކޮށްފައި ނެތެވެ. އަދި އޭރު ރޯދަ މަހުގެ ފަހުދިހަ ދުވަސްވެސް ބަންދުކޮށްފަ އެއް ނެތެވެ. ސަރުކާރުގެ ބައެއް ނިންމުންތައް އައިގޮތުން މަޖިލިސް އިންތިޚާބު ރޯދަ މަހު ބޭއްވުން ނޫން ގޮތެއް އިލެކްޝަންސް ކޮމިޝަނަކަށް ނެތެވެ.
މިއީ އިލެކްޝަންސް ކޮމިޝަނުން ނިންމި އުނދަނގޫ އެއް ނިންމުމޭ. އަޅުގަނޑުމެންނަށް ވެސް ރަނގަޅީ ވީހާވެސް ފަސޭހަކޮށް އިންތިޚާބު ބޭއްވުން. އިންތިޚާބުގެ ޓަރންއައުޓް ރަނގަޅުވުމާއި އޮފިޝަލުން ލިބުމަކީ އެއީ އިލެކްޝަނުން ފަޚުރުވެރިވާ ކަމެއް. ކޮމިޝަނުން މި ނިންމުން ނިންމީ މަރުކަޒުތަކެއް ލިބެން ނެތީމަ ދެން އެންމެ ބޮޑަށް ފަސޭހަ ވާނީ ރޯދައިގެ ކުރިން ކަންކަން ނިންމައިގެން އެއް ދުވަސް ހާއްސަކުރަނީ މި ވޯޓުލާންހަބީބް
ޕީޕީއެމް ޕީއެންސީން ވެސް ވަނީ އެ ޕާޓީތަކުން ވެސް މަޖިލިސް އިންތިޚާބު ރޯދަ މަހުގެ ތެރޭގައި ބާއްވަން ތާއީދު ނުކުރާކަން ހާމަކޮށްފައެވެ. އަދި އިދާރާތަކުން ވެސް ވަނީ މަޖިލިސް އިންތިޚާބު ރޯދަ މަހު ބޭއްވުމާއި މެދު ނުރުހޭކަން ހާމަކޮށްފައެވެ. މަޖިލިސް އިންތިޚާބުގެ ގަޑި އަކީ 9 އިން 5ކަމަށް ހެދުމަށް ގިނަ ޕާޓީތަކުން ތާއީދުކުރެއެވެ. އިދާރާތަކާއި ޕާޓީތަކުގެ އެންމެ ބޮޑު ކަންބޮޑުވުމަކީ ރޯދަ މަހު ވޯޓުލުމުން ވޯޓުލާން މީހުން ނުކުންނަ މިންވަރު ދަށްވުމެވެ. ރޯދަމަހަކީ އަޅުކަމުގެ މަހަކަށް ވެފައި، ދިވެހިންގެ ސަޤާފަތް ހުންނަ ގޮތުން ރޯދަ މަހު ވޯޓުލުމާއި މެދު އިދާރާތަކުން ވަނީ ބޮޑެތި ކަންބޮޑުވުންތަކެއް ހުރިކަން ހާމަކޮށްފައެވެ.