Advertisement
ކ. މާލެ
|
19 ޖެނުއަރީ 2024 | ހުކުރު 13:35
ހުކުރު ޚުތުބާ
ހުކުރު ޚުތުބާ
އިސްލާމިކް މިނިސްޓްރީ
ހުކުރު ޚުތުބާ
މުދައްރިސުންނާއި އުނގަންނައިދޭ މީހުންނަކީ އީމާންކަމުގެ ފޭރާމުން ޒީނަތްތެރިވާންޖެހޭ ބައެއް - ހުތުބާ
އީމާންކަމުގެ މަތިވެރި އަގީދާ ތިމާގެ ހިތުގައި އަށަގެންފި ނަމަ ﷲ އަށް ބިރުވެތިވާނެ
ކުޑަ އިރުން ފެށިގެން ގުދުރަތްތެރިކަމާއި ކުޅަދުންވަންތަކަން ދަރީންނަށް އުނގަންނައިދޭން ޖެހޭ
މަސްތުވާތަކެތި ފަދަ ބޮޑެތި ޖަރީމާތަކުންނާއި ފާހިޝް އަމަލުތަކުން މުޖުތަމައު ސަލާމަތްކުރެވޭނީ އީމާންކަން ވަރުގަދަވެގެން

މުދައްރިސުންނާއި އުނގަންނައިދޭ މީހުންނަކީ އީމާންކަމުގެ ފޭރާމުން ޒީނަތްތެރިވާން ޖެހޭ ބައެއް ކަަމަށް ހުކުރު ޚުތުބާގައި ބުނެފިއެވެ.

ހުތުރު ޚުތުބާގައި ނަސޭހަތް ދީފައި ވަނީ އީމާންކަން ހަރުދަނާކުރުމުގެ މުހިންމުކަމާއި މެދުގައެވެ.

އެގޮތުން ޅަދަރީންގެ ހިތްތަކުގައި އީމާންކަން އަށަގެންނެވުމުގެ މުހިންމުކަމަށް ވެސް ޚުތުބާގައި ވަނީ އަލިއަޅުވާލާފައެވެ. އިސްލާމީ އުއްމަތް ބިނާކޮށް ތަރައްްޤީކުރުމުގައި ޒުވާނުންގެ ދައުރު މުހިންމުކަން ފާހަގަކޮށް ހުތުބާގައި ބުނީ، ގައުމުގެ ޒުވާނުން އެކަންކަމުގައި އިސްނަގަން ޖެހޭ ކަމަށެވެ. އަދި ޤައުމު އާރާސްތުކޮށް ސަލާމަތުގެ އައްސޭރިއާއި ހަމައަށް ގައުމު ގެންގޮސްދޭން ތިބި މީހުންނަކީ ޒުވާނުން ކަމަށް ބުނެފައިވެއެވެ. ޒުވާނުންގެ ތެރޭގައި ދީނާއި ދުރު އަދި ވައްކަމާއި ފޭރުމާއި، މީހުން މެރުން އިތުރުވެފައިވާ ކަމަށާއި ޒުވާނުން ކުށުގެ ޝިކާރައަކަށްވުމުގައި ޖަވާބުދާރީވާން ޖެހޭ ބަޔަކުވާކަމަށް ޚުތުބާގައި ބަޔާންކޮށްފައިވެއެވެ. ކުޑައިރުން ފެށިގެން ގުދުރަތްތެރިކަމާއި ކުޅަދުންވަންތަކަން ދަރީންނަށް އުނގަންނައިދިނުމަކީ ހަރުދަނާ އަގީދާއެއްގެ މަތީގައި އެ ކުދިންގެ ނަފްސު ބިނާކުރުމަށް މުހިންމުކަމެއް ކަމަށް ވެސް ޚުތުބާގައި ވަނީ ބުނެފައެވެ.

އެގޮތުން އީމާންކަމަކީ އިސްލާމް ދީނުގެ އަސާސްކަމަށް ހުކުރު ޚުތުބާގައި ވަނީ ބުނެފައެވެ. އަދި އިންސާނާ އަށް ދުންޔަވީ ހަޔާތުގެ އުފަލާއި އަރާމު އަދި އުޚްރަވީ ހަޔާތުގެ ބާއްޖަވެރިކަން ލިބޭނީ އީމާންކަން ވަރުގަދަކޮށް، ހަރުދަނާކޮށްގެން ކަމަށާއި މާއްދިއްޔަތުގެ ތެރެއަށް ގޮސް ހުސްވެފައިވާ މިފަދަ ދުވަސްވަރެއްގައި އީމާންކަން ބަލިކަށިވެ، ނުބައިމަގުން ދެވުމަކީ ވަރަށް ކައިރި ކަމެއް ކަަމަށް ވެސް ޚުތުބާގައި ވަނީ ބުނެފައެވެ. މީހާގެ އުޅުމާއި އަމަލުތަކުގެ ސަބަބުން ވެސް އީމާންކަން ބަލިކަށިވާކަމަށާއި އަބަދުވެސް އީމާންކަން ވަރުގަދަކޮށް ތާޒާކުރަން ޖެހޭ ކަމަށް ޚުތުބާގައި ވަނީ ބުނެފައެވެ.

Advertisement

ޙަޤީޤީ މާނައިގައި މާތްﷲ އަށް އީމާންވުމަކީ އިންސާނާގެ ހިތުގައި އުފާވެރިކަމުގެ ޝުޢޫރުތަކާއި ބާއްޖަވެރިކަމުގެ އިހުސާސްތައް އުފައްދާކަމެއް ކަމަށް ހުކުރު ޚުތުބާގައި ވަނީ ބުނެފައެވެ. ނަމަވެސް މިއަދު އަހަރުމެންގެ ތެރެއިން ބައެއް މީހުންގެ ފަރާތުން އިވެނީ ދީނީ ވާޖިބުތައް އަދާކުރަމުންދާއިރު ވެސް ވަރަށް ފަސޭހައިން ހަރާމްކުރައްވާފައިވާ ކަންކަމަށް އަރައިގަނެވޭ ވާހަކަ ކަމަށް ޚުތުބާގައިވެއެވެ. އަދި މިއީ މިއަދުގެ މުޖުތަމައުއަށް ކުރިމަތިވެފައިވާ ބޮޑު މުސީބާތެއް ކަމަށް ވެސް ޚުތުބާގައިވެއެވެ. އަދި މިއީ އީމާންކަން ބަލިކަށިކަމުގެ އަލާމާތެއް ކަމަށް ވެސް ޚުތުބާގައިވެއެވެ.

އީމާންކަމުގެ މަތިވެރި އަގީދާ ތިމާގެ ހިތުގައި އަށަގެންފިނަމަ މާތް ﷲ އަށް ބިރުވެތިވެ، މާތް ﷲގެ ރަސޫލާ ސައްލައްﷲ އަލައިހި ވަސައްލަމަ އަންގަވާފައިވާ ކަންތައްތަކުން ދުރުހެލިވާނެ ކަމަށް ޚުތުބާގައި ވަނީ ބުނެފައެވެ. އަދި ފާފައެއް ކުރެވޭ ހިނދު ތައުބާވުމަށް އަވަސްވާނެ ކަމަށް ވެސް ވަނީ ބުނެފައެވެ.

ޚުތުބާގައި އިތުރަށް ބުނެފައި ވަނީ މާރާމާރީ އާއި ވައްކަމާއި ޚިޔާނާތާއި އެކަކު އަނެކަކަށް ފުރައްސާރަކުރުން މިއަދު އިތުރުވެފައިވާ ކަމަށެވެ. އަދި ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމާއި ބަދުއަޚްލާގީ އަމަލުތައް ހިންގުން ހައްދުފަހަނައަޅާ ގޮސްފައިވާ ކަމަށެވެ. އެގޮތުން މަސްތުވާތަކެތި ބޭނުންކުރުމާއި އޭގެ ވިޔަފާރިކުރުން ވެސް އާއްމުވެފައިވާ ކަމަށް ޚުތުބާގައި ވަނީ ބުނެފައެވެ.

އެހެންކަމުން މުޖުތަމައު އިސްލާހުކޮށް މަސްތުވާތަކެތި ފަދަ ބޮޑެތި ޖަރީމާތަކުންނާއި ފާހިޝް އަމަލުތަކުން މުޖުތަމައު ސަލާމަތްކުރެވޭނީ އީމާންކަމުގެ އަގީދާ ވަރުގަދަކޮށް، ޤައިބުގައިވާ އެންމެހާ ކަންތައްތަކަށް ފުރިހަމަ މާނައިގައި އީމާންވެގެން ކަމަށް ޚުތުބާގައި ވަނީ ބުނެފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް